ދުނިޔެ

ގުދުސާ މެދު ޓްރަމްޕްގެ ނިންމުން ބާތިލްކަމަށް އދ. އިން ނިންމައިފި

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަަމަށް ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމާ އދ. ގެ ގައުމުތަކުގެ ގައުމުތަކުގެ ބޮޑު އަގުލަބިއްޔަތަކުން ދެކޮޅު ހަދައިފި އެވެ.

ގުދުސުގެ ހައިސިއްޔަތާ ބެހޭ ގޮތުން ( އަލުން) ނިންމާ ކޮންމެ ނިންމުމަކީ ބާތިލު އަދި ކެންސަލް ކުރަން ޖެހޭނެ ނިންމުމެއް ކަމަށް ކަނޑައަޅައި ފާސްކުރި އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ ނުވަ ގައުމަކުންނެވެ. އެވޯޓުގައި ވަކިކޮޅަކަށް ނުޖެހި 35 ގައުމަކުން ތިއްބެވެ.

މިއަދު ފާސްކުރި ގަރާރު ފާސް ކުރުމުގެ ކުރިން އެމެރިކާއިން ވަނީ އެގަރާރަށް ވޯޓުދޭ ގައުމުތަކަށް އެހީ ކަނޑަައިލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އަދި މިއަދުގެ ޖަލްސާގައި އެމެރިކާއިން ބުނީ އެއީ އދ.ގެ އާއްމު މަޖިލީހުގައި އެމެރިކާ އެކަހެރިކޮށްލުމަށް ނިންމި ނިންމުމެއް ކަަމަށާއި އެ ޖަމާއަތަށް ހަރަދު ކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށެވެ.

ގަރާރަށް ވާހަކަ ދައްކަވަމުން އެމެރިކާގެ ސަފީރު ނިކިހާލޭ ވިދާޅުވީ އެމެރިކާގެ އެމްބަސީ ބަހައްޓާނެ ތަނެއް ކަނޑައެޅުމަކީ އެމެރިކާގެ ސިޔާދަތީ ހައްގެއް ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއަކީ އދ. އަށް އެންމެ ބޮޑު ހަރަދެއް ކުރާ ގައުމަށް ވާތީ އެގައުމަށް އެކަމުން މަންފާ ކުރަން ޖެހޭނެ ކަމަށެވެ.

ގަރާރަށް ވޯޓުދޭ ގައުމުތަކަށް އެހީ ކަނޑައިލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްވެސް އިއްޔެގައި ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއާ ދެކޮޅަށް އެ މައްސަލައިގައި ވޯޓުދޭން އުޅޭ ގައުމުތަކަކީ އެހީގެ ގޮތުގައި އެތައް ބިލިޔަން ޑޮލަރެއް ހޯދާ ގައުމުތަކެއް ކަމަށެވެ.

" އެމީހުން އެތައް މިލިޔަންް ޑޮލަރެއް، އެތައް ބިލިޔަން ޑޮލަރެއް ވެސް ނަގާ. އަދި އެމީހުން އަހަރެންނާ ދެކޮޅަށް ވޯޓުދޭނެ. އެމީހުން އަހަރެމެންނާ ދެކޮޅަށް ވޯޓު ލިޔަދީ. އަހަރެމެންނަށް ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ. އަހަރެމެން އަޅައެއް ނުލާނަން،" ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.