އޮފްބީޓް

އިޝިތާގެ މަރު: މެޑިކަލް ސައިންސަށް ވެސް ބޮޑު ލަދެއް!

Dec 22, 2017
10

އިންޑިއާގެ ޗެނަލްތަކުން ދައްކާ ޑްރާމާތަކުގައި ހަމަ ކޮންމެ ކަމެއް ވެސް ވެދާނެ އެވެ. ބުއްދިއަށް ގެންނަން ވެސް ވިސްނާ ނުލެވޭވަރުގެ ކަންކަން އެ ޑްރާމާތަކުގައި ދައްކަ އެވެ. އެކަމަކު އެ ޑްރާމާތަކުގެ މަގުބޫލު ކަމަކަށް ބަދަލެއް ނާދެ އެވެ. ރާއްޖޭގެ ގިނަ ސިޓިން ރޫމްތަކުން ވެސް ފެންނާނީ އެ ޑްރާމާތަކެވެ. އެގޮތުން ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން ފޯރީގައި ބަލާ ހިންދީ ޑްރާމާއަކަށް "ޔޭހޭ މުހައްބަތޭން" ވާނެ އެވެ. ޑްރާމާގެ އިޝިތާ މާ އަކީ ގޭގޭގައި ވަރަށް ރަހުމަތްތެރި ނަމެކެވެ.

ޑްރާމާ ދައްކާތާ މިހާރު ހަތަރު އަހަރުވެފައިވާއިރު، ޑްރާމާ ފެށީ ވަރަށް ރީތި ވާހަކައަކާއެކު، މޮޅު ކޮންސެޕްޓެއްގަ އެވެ. އެކަމަކު ވާހަކަ ދިގުކުރަމުން ކުރަމުން ގޮސް މިހާރު ވަނީ ވާހަކައިގެ އަސްލު އޮޅި، ފޫހިވެފަ އެވެ. ބުއްދިން ވިސްނާ މީހުންނަށް ޑްރާމާ ފޫހިވި ނަމަވެސް "ޔޭހޭ މުހައްބަތޭން"އަކީ ވެސް އިންޑިއާގައި އެންމެ ގިނަ މީހުން ބަލާ ފަސް ޓީވީ ސީރީޒް ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ޑްރާމާ އެވެ.

ސީރީޒްގެ އެންމެ މުހިންމު، މަގުބޫލު މޫނު ކަމަށްވާ އިޝިތާ މަރާލައި، އެ ރޯލު އަދާކުރާ ދިވްޔަންކާ ސީރީޒް ދޫކޮށްލާ ހަބަރު މީގެ ދުވަސްކޮޅެއްގެ ކުރިން ފެތުރުމާއެކު، ދިވެހިން ވެސް ދެރަވެގެން ފޭސްބުކްގައި އެ ވާހަކަ ދެއްކި އެވެ. ސީރީޒްގައި އެ ހިސާބަށް އަތުވެއްޖެ އެވެ. އިޝިތާ މަރުވެފައި އޮތްވާ ފެނިއްޖެ އެވެ. އެކަމަކު "ޓްވިސްޓް"އަކާ ނުލާ ހިންދީ ޑްރާމާއެއްގައި ގަހެއް ވެސް ހެލިދާނެ ކަމަށް ގަބޫލުކުރުމަކީ ކުށް ހީއެކެވެ.

ޑްރާމާގައި މިވާ ގޮތަކީ، އިޝިތާގެ ދަރިއެއް ކިޑްނެޕް ކުރުމުން، އެ ދަރި ސަލާމަތް ކުރުމަށް ގޮސް އުޅުމުގެ ތެރޭގައި ކިޑްނެޕާސް، އިޝިތާ ގަޔަށް ވިހަ އިންޖެކްޝަނެއް ޖަހަނީ އެވެ. އެއާއެކު އޭނާ ޕެރަލައިޒްވެ އެވެ. ގުނަވަންތައް މަސައްކަތް ކުރާ މިންވަރު ދަށްވެ އެވެ. ވިންދު ޖެހުން ވެސް މަދުވެ އެވެ. އެކަމަކު އޭނާ މަރެއް ނުވެ އެވެ.

އެ ހާލުގައި އޮތް އިޝިތާ، އޭނާގެ ފިރިމީހާ ރަމަންއަށް ފެނިގެން ގޮސް ޑޮކްޓަރަށް ގެންދެ އެވެ. ޑޮކްޓަރުން ނިންމަނީ އިޝިތާ މަރުވެފައިވާ ކަމަށެވެ. އަދި މަރުވި ސަބަބު ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށެވެ. ޕޯސްޓްމޯޓަމް ހެދުމަށް ޑޮކްޓަރުން ތައްޔާރުވެ، މެޝިންތައް ޖައްސާއިރަށް ދެން އަންނަނީ އެންމެ މަޖާ ކަމެވެ.

"ޕްލީޒް މަޑުކުރޭ، ދިރިހުރި މީހެއް ކޮށާލަން ތިޔަ އުޅެނީ،" އިޝިތާގެ ހިތުގެ އަޑުން ބުނާތީ އިވެ އެވެ.

މިވާ ގޮތަކީ، އިޝިތާއަށް އިހުސާސް ކުރެވެ އެވެ. ފެނެ އެވެ. އަޑު އިވެ އެވެ. އެކަމަކު ޑޮކްޓަރުންނަށް އޭނާ ދިރި އޮތް ކަމެއް ނޭނގެ އެވެ. އަޖައިބެއް ނުވާނެ ހެއްޔެވެ؟ މަރުނުވާ މީހެއް ޕޯސްޓްމޯޓަމް ހެދޭއިރު ވެސް ޑޮކްޓަރުންނަށް ހަމަ ވާނުވާއެއް ނޭނގެ އެވެ. ގުނަވަންތައް މަސައްކަތްކުރާ މިންވަރު ދަށްވެ ވިންދު މަދުވި ނަމަވެސް ދިރި އޮތް މީހަކު ޑޮކްޓަރުންނަށް އެނގޭނެ އެވެ. އެވަރު ޑްރާމާގެ ޑޮކްޓަރުންނަށް ނޭނގުން އެއީ އެންމެ ބޮޑު ޖޯކެވެ.

ހިންދީ ޑްރާމާތަކުގައި އެންމެފަހު ވަގުތު ކަންކަންވުމަކީ އެންމެ އާންމު ކަމެވެ. އިޝިތާގެ ޕޯސްޓްމޯޓަމް ހުއްޓެނީ އެންމެފަހު ވަގުތު އޭނާގެ މަންމަ އާއި ބައްޕަ އެތަނަށް ވަދެ އެކަން ހުއްޓުވުމުންނެެވެ. ދެން އޮތީ، އިޝިތާ އަންދާލުމުގެ މަންޒަރެވެ. އަންދާލުމަށް އިޝިތާ ތައްޔާރުކުރާއިރު ވެސް އިޝިތާ ހިތުން ވާހަކަ ދައްކަމުން ދިޔަ އެވެ.

އިޝިތާގެ މަރަކީ އެތައް ބަޔަކަށް ފުން އަސަރުތަކެއް ކުރުވާނެ މަންޒަރުތަކެއް ކަމަށް ހީވެފައި އޮތް ނަމަވެސް ވާހަކައަށް ގެނެސްފައިވާ އާދަޔާ ހިލާފު ބަދަލާއެކު މިކަން ވަނީ ބޮޑު ޖޯކަކަށްވެފަ އެވެ. ޓްވިޓާގައި އެންމެ ގަދައަށް އިންޑިއާގައި މިހާރު ހިނގާ ޖޯކަށް މިކަން މިއޮތީވެފަ އެވެ.

އިންޑިއާ ޑްރާމާތައް މެޑިކަލް ސައިންސް ވެސް ލަދުގަންނަވާލާފައިވާ ކަމަށާއި ބުއްދި ގަބޫލު ނުކުރެވޭ މިންވަރަށް ޑްރާމާގެ ޕްލޮޓް ގެންގޮސްފައިވާ ކަމަށް ބުނެ ދަނީ މަލާމަތް ރައްދުކުރަމުންނެވެ. މިވަރު ވީމަ ދެން އެންމެންނަށް ވެސް ވާނީ ޖޯކަކަށެވެ.