ކުޅިވަރު

ކްލެސިކޯގައި ޓީމަށް އިތުބާރު އެބައޮތް: ޒިދާން

Dec 23, 2017

ސްޕެނިޝް ލީގްގައި ވާދަވެރި ބާސެލޯނާ އާ ދެކޮޅަށް މިއަދު ނިކުންނައިރު ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާ މެދު އޭނާއަށް އިތުބާރު އެބައޮތް ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޒިދާން އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓް ކޮށް ހުރުމެވެ. ކުލަބު ވޯލްޑް ކަޕަށް ފަހު، ރޮނާލްޑޯ ޓްރެއިނިންތައް ހަދަމުން ދިޔައީ ޖިމްގަ އެވެ. ބެލެވޭ ގޮތުގައި އޭނާއަށް އަނިޔާގެ މައްސަލައެއް ކުރިމަތިވީ އެވެ.

"ރޮނާލްޑޯ ހުރީ 100 ޕަސަންޓް ފިޓް ކޮށް،" ޕްރީ މެޗު ޕްރެސް ކޮންފަރެންސް ފަށަމުން ޒިދާން ބުންޏެވެ. "އެއީ އަހަންނަށް ޝައުގުވެރި ކުރުވަނިވި ކަމަކީ."

ޒިދާން ބުނީ ރޮނާލްޑޯ ކުރަމުންދާ މަސައްކަތައި އޭނާ ކޮށްފައިވާ މަސައްކަތަށް ކުލަބުގެ އިހްތރިރާމް އެބައޮތް ކަމަށެވެ.

މެޗުގައި ކޮންމެ ގޮތެއް ވިޔަސް އެއީ ތިން ޕޮއިންޓް ކަމަށާއި އަދި ސީޒަން ވަރަށް ދިގު ކަމުން ކަންބޮޑުވާން ޖެހޭ މާބޮޑު ކަމެއް ނެތް ކަމަށް ޒިދާން ބުންޏެވެ.

"އަހަރެމެންނަށް އެނގޭ މި މެޗުގައި ރަނގަޅަށް ކުޅުމުގެ މުހިންމު ކަން، އަދި މެޗުން މޮޅުވުމުގެ މުހިންމުކަން ވެސް ނަމަވެސް އޭގެ ސަބަބުން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ،" ޒިދާން ބުންޏެވެ.

"މިއީ މުޅި ސީޒަންގައި ވެސް އެންމެ އުނދަގޫ ވާނެ މެޗު، ކްލެސިކޯ މެޗުތައް އަބަދުވެސް ވަރަށް ފުރިހަމަ ވާނެ، އެއީ އަހަރެމެން އެ މެޗާ މެދު ޝައުގުވެރިވާ ސަބަބަކީ ކުޅުންތެރިން ކުރިއަށް ދާނީ މިކަހަލަ މެޗު ތަކުން."

ބާސެލޯނާ ކުޅެނީ ވަރުގަދަ ގޭމެއްތޯ ނުވަތަ ނޫންތޯވެސް ވިސްނަން ނުޖެހޭ ކަމަށް ޒިދާން ބުންނެވެ. ނަމަވެސް ހަގީގަތަކަށް ވާނީ އެ ޓީމު ރެއާލް އަށް ވުރެ ކުރިގައި އޮތުން ކަމަށާއި އެހެންވެ ރެއާލް ވިސަންނަން ޖެހޭނެ ކަމަކީ ޕޮއިންޓްގެ ފަރަގު ކުޑަކުރުމަށް ކަމަށް ޒިދާން ބުންޏެވެ.

އަނިޔާއިން ރަނގަޅުވެ، ގެރެތު ބޭލް ވެސް ދަނީ ކުރީގެ ފޯމަށް އެޅެމުންނެވެ. ކުލަބު ވޯލްޑްކަޕްގެ ދެ މެޗުގައިވެސް އޭނާ އަށް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ޒިދާންގެ ވިސްނުން ހުރީ މިއަދުގެ މެޗުގައިވެސް ބޭލް ބެންޗުން ފެށުމަށެވެ.

"އަހަރެންގެ ހުރިހާ ކުޅުންތެރިންނަށް ވެސް އަހަރެން އިތުބާރު ކުރަން، އެކުޅުންތެރިންނާ ރަނގަޅު ގުޅުމެއް އޮތުން އެއީ އެންމެ މުހިންމު ކަމަކީ،" ޒިދާން ވާހަކަ ދެއްކި އެވެ. "އަހަރެން އެ މީހުންނަށް އިތުބާރު ކުރަން، އަހަރެން އެ މީހުންނާ ވާހަކަ ދައްކަން އެ މީހުން 100 ޕަސަންޓް ތައްޔާރުތޯ ބަލަން، އަހަރެމެން ބަލާނަން [ބޭލް] ކިހިނެއްތޯ ހުރީ،"

ބާސެލޯނާ އާއި ރެއާލް އާ ދެމެދު 11 ޕޮއިންޓް ފަރަގެއް އެބައޮތެވެ. މިއަދުގެ މެޗުން ބާސާ މޮޅު ވެއްޖެނަމަ އެ ޓީމަށް ރެއާލް އަށް ވުރެ 14 ޕޮއިންޓްގެ ފަރަގެއް ލިބޭނެ އެވެ. ރެއާލް އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު ހަވީރު 5:00 ޖަހާއިރު އެވެ.