ދުނިޔެ

ކެޓެލޯނިއާ މިނިވަންވުމުގެ އަޑު އަނެއްކާ ގަދަވެއްޖެ

ސްޕެއިންގެ ދަށުން މިނިވަން ވާން ކެޓަލޯނިއާ މީހުން ނިންމުމުން އޭރު އޮތް ސަރަހައްދީ ސަރުކާރު އުވައިލުމަށް ފަހު މިއަދު ބޭއްވި އިންތިހާބުން ސްޕެއިންގެ މަރުކަޒީ ސަރުކާރު ހަނި ގޮތަކަށް ބަލިވެއްޖެއެވެ.

ވަކިވެގަތުމަށް މަސައްކަތް ކުރާ ޕާޓީ ތަކަށް ކެޓަލޯނިއާގެ އިންތިހާބު މިފަހަރު ކާމިޔާބުވި ނަމަވެސް ލިބިފައި ވަނީ ކުރިން އޮތް ވަރަށް ވުރެ ހަނި އަޣުލަބިއްޔަތެކެވެ. ނަމަވެސް އެއާއި އެކު އެމީހުން މިހާރު ވަނީ ކެޓަލޯނިއާ މިނިވަންވާން ޖެހޭ ކަމަށް ބުނާ ބުނުން އަނެއްކާވެސް ތަކުރާރު ކުރަން ފަށާފައެވެ.

ވަކިވެގަތުމަށް މަސައްކަތް ކުރާ ޕާޓީ ތަކާ ސްޕެއިން ސަރުކާރުން މަޝްވަރާ ކުރުމަށް، މިނިވަންވުމުގެ ވޯޓާ ގުޅިގެން ކެޓަލޯނިއާގެ ރައީސްކަމުން ދުރުކޮށްފައިވާ ކާލްް ޕުއިޖިމޮން މިއަދު ވަނީ ގޮވައިލައްވާފައެވެ. އޭނާ އޭނާ ވިދާޅުވީ މަޝްވަރާތަކެއް ބާއްވާ ނަމަ ބާއްވަން ވާނީ ބެލްޖިއަމްގެ ވެރިރަށް ބުރަސުލްސްގައި ނުވަތަ ޔޫރަޕިއަން ޔޫނިއަން ( އީޔޫ)ގެ މެމްބަރު އެހެން ގައުމެއްގައި ކަމަށެވެ.

ކެޓަލޯނިއާގެ ރައީސްކަމުގެ މަގާމު ގެއްލިވަޑައިގެންނެވި ފަހުން ޕުއިޖިމޮން ދިރިއުޅުއްވަމުން ގެންދަވަނީ ބުރަސުލްސްގައެވެ.

" ކެޓަލޯނިއާ ބޭނުން ވަނީ މިނިވަން ދައުލަތަކަށް ވާން. މިއީ ކެޓަލޯނިއާ މީހުން އެދޭ ގޮތް. އަހަރެންނަށް ހީވަނީ ( ސްޕެއިންގެ ބޮޑު ވަޒީރު ) މަރިއާނޯ ރަޖޯއީގެ ރޭވުން މަސައްކަތެއް ނުކުރޭހެން. އެހެންވީމާ މި ކަންތައްގަނޑު ހައްލުކުރާނެ އާ ގޮތްތައް ހޯދަން ޖެހޭ،" ޕުއިޖިމޮން ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

އިންތިހާބުގެ ނަތީޖާ

ކެޓަލޯނިއާގެ ސަރަހައްދީ ޕާލަމެންޓަށް މެމްބަރުން ހޮވަން މިއަދު ބޭއްވި އިންތިހާބުގައި ލީ ހުރިހާ ވޯޓެއްހެން މިހާރުވަނީ ގުނައި ނިމިފައެވެ. ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ސްޕެއިނުން ކެޓަލޯނިއާ ވަކިވާން ގޮވާލާ ޕާޓީތަކަށް ލިބިފައި ވަނީ ޕާލަމެންޓުގެ 135 ގޮނޑީގެ ތެރެއިން 70 ގޮނޑިއެވެ. ސްޕެއިން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް ލިބިފައި ވަނީ 37 ގޮނޑިއެވެ. އެހެންވީމާ ވެރިކަން ކުރާނެ އިއްތިހާދެއް އެކުލަވައިލުމުގެ ފުރުސަތު އޮތީ ވަކިވާން މަސައްކުރާ ޕާޓީ ތަކަށެވެ.

ސްޕެއިނުގެ ދަށުން މިނިވަންވެ، ވަކި ދައުލަތަކަށް ވާން ކެޓަލޯނިއާ މީހުން ފާސްކުރުމުން އެ ސަރަހައްދުގެ ޕާލަމެންޓް އުވައިލީ މިދިޔަ އޮކްޓޯބަރުމަހުއެވެ. ސްޕެއިން ސަރުކާރުން މަނާކޮށްފައި ވަނިކޮށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުން ސަރަހައްދީ ސަރުކާރުގެ އޭރުގެ އިސް ފަރާތްތަކާ ދެކޮޅަށް ސްޕެއިން ސަރުކާރުން ވަނީ ދައުވާތައް އުފުލާފައެވެ.