ބޮލީވުޑް

އަނުޝްކާއާ ވިރާޓް އަށް މޯދީ ދެއްވީ ފިނިފެންމަލެއް

ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީގެ ކައިވެނީގެ އުފަލުގައި ބޭއްވި ޕާއްޓީއެއް ބުރާސްފަތި ދުވަހުގެ ރޭ ދިއްލީގެ ފަސް ތަރީގެ ހޮޓަލެއްގައި ވަނީ ބާއްވާފަ އެވެ.

އާއިލާ އާއި ގާތް ރަހުމަތްތެރިން އަދި އިންޑިއާގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވަޑަގެންނެވި އެ ޕާޓީ އިތުރަށް ހާއްސަވެގެން ދިޔަ ސަބަބަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާޓީގައި ބައިވެރިވެވަޑައިގަތުމެވެ.

ވިރާޓާއި އަނުޝްކާގެ މިދިޔަ ހަފްތާގެ ތެރޭގައި މޯދީގެ އަރިހަށް ވަޑައިގެން ދެއްވި ދައުވަތު ގަބޫލުކުރައްވައި ޕާޓީ އަށް ވަޑައިގެން ވަނީ އެ ދެތަރިންނަށް އަލަތު ކައިވެންޏަށް މަރުހަބާ ދަންނަވާފަ އެވެ.

ޕާޓީ އަށް މޯދީ ވަޑައިގަތުމަކީ ވެސް އެތަކެއް ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. މަރުހަބާ އާއި ހެޔޮ ދުއާ ދެންނެވުމުގެ އިތުރުން މޯދީ އަނުޝްކާ އާއި ވިރާޓަށް ދީފައިވަނީ ވަރަށް ހާއްސަ ހަދިޔާ އެކެވެ.

ޕާޓީ އަށް ދައުވަތުދިން ހުރިހާ މެހެމާނުން ކުރެން އަނުޝްކާ އާއި ވިރާޓް ވަނީ އެއްވެސް ހަދިޔާއެެއް އެމީހުންނަށް ނުގެނައުމަށް އެދިފަ އެވެ. ނަމަވެސް ބޮޑުވަޒީރު މޯދީ އެ ދެތަރިންނަށް ކައިވެނީގެ ހަދިޔާ އަކަށް ދީފައިވަނީ ވަރަށް "ލޯބި" ހަދިޔާ އެކެވެ.

މޯދީ އަނުޝްކާ އާއި ވިރާޓަށް ދީފައިވަނީ ދެ ރަތް ފިނިފެންމަލެވެ. ޕާޓީ އަށް އަންނަ މެހެމާނުންނާ ސަލާމްކުރާ ސްޓޭޖުގައި އެ ދެތަރިން މަޑުކޮށްގެން ތިއްބައި މޯދީ ވަޑައިގެން ސަލާމްކޮށް މަރުހަބާ ދެންނެވުމަށްފަހު ގެންނެވި ދެ ރަތް ފިނިފެންމާ ދެތަރިންނަށް ހަދިޔާ ކުރެ އެވެ.

މޯދީ އެ ދެތަރިންނާ ސަލާންކުރަން ސްޓޭޖަށް އަރާވަޑައިގަތުމުން ވަރަށް ޕާޓީގައި ތިއްބެވި މެހެމާނުން ވަރަށް ބާރަށް ހަޅޭލަވައިގަންނަ އަޑު އާންމުވެފައިވާ ވީޑިއޯތަކުން އިވެ އެވެ.

ކައިވެނީގެ ހަދިޔާ އަކަށް މޯދީ އަނުޝްކާ އާއި ވިރާޓަށް ރަތް ފިނިފެންމަލެއް ދެއްވުމުން ގިނަބަޔަކަށް އެކަން ކަމުގޮސް އަންނަނޯ ސޯޝަލް މީޑިއާގައި މޯދީ އަށް ތައުރީފު އޮއްސަވަމުންނެވެ.

ތިން އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވިރާޓާއި އަނުޝްކާ ކައިވެނިކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އިޓަލީގެ ޓަސްކަލްނީގެ ރިސޯޓެއްގަ އެވެ.

މީޑިއާތަކަށް ސިއްރުން މި ދެތަރިން ކައިވެނިކޮށްފައިވަނީ ހިންދޫ ދީނުގެ އުސޫލުތަކާ އެއްގޮތަށެވެ. އާއިލާ އާއި އެންމެ ގާތް އެކުވެރިންގެ ހާޒިރުގައި ކައިވެނިކުރުމަށްފަހު އަނުޝްކާ އާއި ވިރާޓް ހަނީމޫން ހޭދަކޮށްފައިވަނީ ފިންލޭންޑްގަ އެވެ.

ކައިވެނީގެ އުފަލުގައި ކްރިކެޓް ތަރިންނާއި ބޮލީވުޑްގެ ތަރިންނަށް ބާއްވާ ހާއްސަ ޕާޓީ މި މަހުގެ 26 ވަނަ ދުވަހު މުމްބައިގައި އޮންނާނެ އެވެ.

އެ ހަފްލާގައި ކުރީގެ އިންޑިއާގެ ކްރިކެޓް ޓީމުގެ ގިން ތަރިންނާއި މިހާރުގެ ޓީމުގެ ތަރިންގެ އިތުރުން ބޮލީވުޑްގެ ނަން މަޝްހޫރު ހުރިހާ ތަރިން ބައިވެރިވާނެ އެވެ.

ދިއްލީގައި ބޭއްވި ޕާޓީ އަށް ފަހު އަނުޝްކާ އާއި ވިރާޓް ވަނީ އެނބުރި މުމްބައި އަށް އިއްޔެ އައިސްފަ އެވެ.