ކުޅިވަރު

11 ޕޮއިންޓްގެ ލީޑެއް އޮތަސް ބާސާ ޕެރެޝަރުގައި

Dec 23, 2017

ތާވަލުގެ އެއް ވަނައިގައި ރެއާލް މެޑްރިޑަށްވުރެ 11 ޕޮއިންޓްގެ ލީޑެއް އޮތަސް އެފްސީ ބާސެލޯނާ އޮތީ ޕްރެޝަރުގައި ކަމަށް އެ ޓީމުގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނެފި އެވެ.

ސްޕެނިޝް ލީގްގައި މިއަދު ވާދަވެރި ރެއާލް މެޑްރިޑާޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން، ކުޅުންތެރިޔެއްގެ ގޮތުގައި ކުރިން ބާސާ ޓީމުގައި އެލެކްލެސިކޯ ކުޅުނު ވަލްވެރުޑޭ ބުނީ މެޗަކީ ދެ ޓީމަށް ވެސް ޕެރެޝާ މެޗެއް ކަމަށެވެ.

"އަހަރެމެން ތިބެން ޖެހޭނީ ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން، އެ ޓީމުން އަހަރެމެންނަށް ކޮށްފާނެ ޕްރެޝަރަކާ މެދު، ސްޕޭންގެ ސްޕަ ކަޕްގައި އެ ޓީމުން ވަނީ އަހަރެމެންގެ މައްޗަށް ވަރަށް ބޮޑަށް ޕްރެޝާ ކޮށްފައި، އޭގެ ސަބަބުން އަހަރެމެންނަށް ގެއްލުން ވެސްވި، އަހަރެމެން ޖެހޭނެ މި މެޗުގައި އެކަމުން އަރައިގަންނަން،" ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ވަލްވެރުޑޭ ބުންޏެވެ.

"އަހަރެމެން ދެ ޓީމު ވެސް އޮތީ ޕްރެޝަރުގައި، ސަބަބަކީ މެޗުގެ ގޮތުން، އެ ޓީމު އޮތީ އަހަރެމެން ފަހަތުގައި، އެހެންވީމަ އެ ވެދާނެ ރެއާލްއަށް މާ ބޮޑު ޕެރޭޝާ އޮތް ކަމަކަށް، ނަމަވެސް އެކަމަކީ ޕްރެޝާ އޮތުމުގެ މާނައެއްވެސް ނޫން."

ވަލްވެރުޑޭ ވެސް ބުނީ ސީޒަން އަދި ވަރަށް ދިގު ކަމަށާއި މެޗުގައި ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ސީޒަންގައި އަދި އެކަމުން އަރައިގަނެވޭނެ ކަމަށެވެ.

"[މިއަދު] ގެ މެޗުން މޮޅުވިޔަސް އަހަރެމެންނަށް ލީގް ކާމިޔާބު ކުރެވުނީކީ ނޫން، އެތުލެޓިކޯ މެޑްރިޑް އޮތީ އަހަރެމެންނާ ހަ ޕޮއިންޓް ފަހަތުގައި، އަހަރެމެން ބަލި ވެއްޖެއްޔާ އެ ޓީމާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ވާނެ، އަހަރެމެން މެޗަށް ނިކުންނާނީ މިއީ އަހަރެމެންނަށް ލިބޭ ފަހު ފުރުސަތު ކަމަށް ބަލައިގެން،" ވަލްވެރުޑޭ ބުންޏެވެ،

ވަލްވެރުޑޭ ވަނީ، ރެއާލްގެ ޓީމުގައި ބާސާއިން ސަމާލުވާން ޖެހޭނެ، ބައެއް ކުޅުންތެރިންގެ ނަން ފާހަގަ ކޮށްފަ އެވެ. އޭނާ ފާހަގަ ކުރީ އިސްކޯ އާއި މާކޯ އެސެންސިއޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމަވެ.

ރާއްޖޭގަޑިން މިއަދު ހަވީރު 5:00 ގައި ފަށާ މެޗަކީ، ކުލަބު ވޯލްޑް ކަޕްގެ ކާމިޔާބަށް ފަހު، ރެއާލް ކުޅޭ ފުރަތަމަ މެޗެވެ. މީގެ ކުރިން ސްޕެއިންގެ ފުޓްބޯޅައިގެ އޮންނަ ސަގާފަތަކީ، ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްގެން އަންނަ ޓީމަށް ދެން ކުޅޭ މެޗުގައި އިހުތިރާމް ކުރުމުގެ ގޮތުން ގާޑް އޮފް އޮނާއެއް ދިނުމެވެ. ނަމަވެސް ބާސެލޯނާއި އިން ވަނީ ރެއާލް އަށް ގާޑް އޮފް އޮނާއެއް ނުދިނުމަށް ނިންމާފަ އެވެ.

ވަލްވެރުޑޭ ބުނީ ގާޑް އޮފް އޮނާގެ ސަގާފަތް މިހާރު ނެތް ކަމަށާއި އަދި އެއީ އޭނާވެސް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ބާސެލޯނާވެސް އެ ކާމިޔާބު ހޯދައިގެން އައިނަމަވެސް އެ ޓީމަށްވެސް ގާޑް އޮފް އޮނާއެއް ދޭން ވެސް އޭނާ ބޭނުން ނުވާ ކަމަށެވެ.

"މެޑްރިޑް މި އަހަރު ހޯދި ކާމިޔާބު އަހަރެމެން ބަލައިގަންނަން،" އެތުލެޓިކް ބިލްބާއޯގެ ކުރީގެ ކޯޗް ބުންޏެވެ. "ގާޑް އޮފް އޯނާ، އަހަރެން އެއްވެސް މީހަކަށް އެކަމެއް ނުކުރާނަން، ބާސެލޯނާ ވިޔަސް އަހަރެން އެކަން ކުރާކަށް ބޭނުމެއް ނޫން، އެއީ އަހަރުތަކެއް ކުރިން އޮތް ކަމެއް، ނަމަވެސް އެކަން މިހާރު އުވިގެން ހިނގައްޖެ."