ދުނިޔެ

އެމެރިކާއަށް ހަމަލާއެއް ދޭން އުޅުނީ ކުރީގެ ސިފައިންގެ މީހެއް

ނަސޯރާއިން ކްރިސްމަސްގެ ފާހަގަ ކުރާ ދުވަސްވަރާ ދިމާކޮށް އެމެރިކާގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުުޅުނުކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާ ފުލުހުންނާ ހަވާލާދީ ބީބީސީން މިއަދު ބުނީ ސެންފްރެންސިސްކޯގައި ހަމަލާދޭން ރޭވި ކަމުގެ ތުހުމަތަށް ހައްޔަރުކުރީ އެވްރިޓް އެރޯން ޖޭމްސަން ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހަމަލާއެއް ރާވަމުންދާކަން އެނގުނީ ކާކުކަން ނޭނގޭ ގޮތަށް އޭނާއާ ބައްދަލުކުރި އެފްބީއައި އެޖެންޓުން ގާތު އެވާހަކަ ބުނުމުން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ޖޭމްސަން ހައްޔަރު ކުރުމަށް ފަހު އޭނާގެ ގެ ބަލައި ފާސް ކުރި އިރު ހަތިޔާރާއި އޭނާ ލިޔެފައިވާ ވަސިއްޔަތެއް ފެނުނު ކަމަށާއި ހަމަލާދޭން ނިންމި ސަބަބެއް ކަމަށް އޭނާ ބުނީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަންނަން އެމެެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނިންމެވުމުން ކަަމަށް އެމެރިކާ ފުލުހުން ބުންޏެވެ. ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ( އެފްބީއައި)ގެ ސަމާލުކަމަށް ޖޭމްސަން އައީ އިސްލާކް ސްޓޭޓް ( އައިއެސް) އާ އެއްކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފެށުމުންނެވެ.

ހަނގުރާމަވެރި ޖަމާއަތްތަތަކަށް ތާއީދުކުރާ މީހުންނަށް ވެގެން އެފްބީއައި އެޖެންޓުން މީހުންގެ ގާތަށް ގޮސް، އެމީހުންގެ ހިޔާލު ހޯދައި އެގޮތުން ކުށްވެރިކުރުމަކީ އެމެރިކާއިން ވަރަށް ކުރިއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ހައްޔަރުކޮށް ހުކުމްކޮށްފައިވާ ބައެއް މީހުންނަކީ ހަމަލާއެއް ދެވޭ ފަދަ ގާބިލުކަމެއް ނެތް މީހުންކަން ފަހުން ހާމަވެފައި ވެސް ވެއެވެ.