ކުޅިވަރު

ސެވިއްޔާގެ ކޯޗް ކަމުން ބެރިއްސޯ ވަކިކޮށްފި

Dec 23, 2017

މި ސީޒަންގައި ސެވިއްޔާގެ ނަތީޖާތައް ދަށަށް ދިއުމުން، ކޯޗް ކަމުގެ މަގާމުގައި ހުރި އާޖެންޓީނާގެ އެޑްއާޑޯ ބެރިއްސޯ މަގާމުން ވަކި ކޮށްފި އެވެ.

ސެވިއްޔާއިން އާ އަ އަހަރު ފަށާނީ އާ ކޯޗަކާއެކު އެވެ. ބެރިއްސޯ މަގާމުން ވަކި ކުރީ، ކެންސަރުގެ ސާޖަރީއެއް ހެދުމަށްފަހު އޭނާ އެނބުރި އައި ވަގުތު އެވެ. މިދިޔަ ސީޒަންގައި ތާވަލުގެ ހަތަރު ވަނައިގައި ނިންމާލި ޓީމު މި ސީޒަންގައި މިހާރު އޮތީ ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ 13 ޕޮއިންޓް ފަހަތުން ތާވަލުގެ ފަސް ވަނައިގަ އެވެ.

"ސެވިއްޔާގެ ބޯޑުން ވަނީ ނިންމާފަ، ސީނިއާ ޓީމުގެ ކޯޗް އެޑްއާޑޯ ބެރިއްސޯ މާގަމުން ވަކި ކުރަން، ސަބަބަކީ ޓީމު އޮތް ދަށް ހާލަތުން،" ސެވިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ސެވިއްޔާގެ ބޯޑުން އިއްޔަ މެންދުރު ފަހު ބޭއްވި ބައްދަލުވުމުގައި ވަނީ އާ ކޯޗަކު ހަމަޖެއްސުމަށް، އެ ކޯޗާއެކު ވާހަކަތައް ފެށުމަށްވެސް ނިންމާފަ އެވެ.

"ސެވިއްޔާއިން މިހާރު ވަނީ ގެންނަން މަސައްކަތް ކުރަމުން އަންނަ ކޯޗާ ވާހަކަ ދަންކަން ފަށާފަ." ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

ސްޕެއިންގެ މީޑިއާތަކުން ބުނެފައި ވަނީ އެ ޓީމުގެ ކޯޗް ކަމަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކޯޗަކީ، ހާވީ ގާސިއާ އެވެ. ސެވިއްޔާއިން ވަނީ މީގެ ކުރިންވެސް ގާސިއާ އެ ޓީމުގެ ކޯޗް ކަަމަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ.

އެއީ، އެ ޓީމުގެ ކުރީގެ ކޯޗް، ޕީއެސްޖީގެ މިހާރުގެ ކޯޗް އުނައި އެމްރީ ޕީއެސްޖީއާ ހަވާލު ވުމުން، އޭނާގެ ބަދަލުގަ އެވެ. ނަމަވެސް ސެވިއްޔާއިން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ، ހޯޖޭ ސަމްޕައޮލީ އެވެ. އޭނާ އާޖެންޓީނާގެ ކޯޗް ކަމާ ހަވަލުވުމުން، ކޯޗަކަށް ހަމަޖެއްސީ ބެރިއްސޯ އެވެ.

ގާސިއާ ވަނީ އޮސަސޫނާ އާއި މަލަގާ އަދި ރަޝިއާގެ ރުބިން ކަޒާން އަށްވެސް ކުރިން ކޯޗް ކޮށްދިފަ އެވެ.