ދުނިޔެ

ފިލިޕީންސަށް ތޫފާނެއް އަރައި 90 މީހުން މަރުވެއްޖެ

ތޫފާނެއްގެ ސަބަބުން ފިލިޕީންސަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ގައުމުން 90 ވަރަކަށް މީހުން މަރުވެއްޖެ އެވެ.

ފިލިޕީންސް ފުލުހުންނާއި ކާރިސާތަކުގެ ކަންކަން ބަލާ އިދާރާއިން ބުނީ މީހުން މަރުވީ ތޫފާނުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ކަމަށެވެ. އެފަދަ ގިނަ ހާދިސާތައް ހިނގާފަައި ވަނީ އެގައުމުގެ ދެކުނުގައިވާ މިންޑަނާއޯ ޖަޒީރާގައެވެ.

"ކިސަޑު ފޭބުމުގެ ސަބަބުން އަވަށެއް މުޅިން ވަޅުލެވިފައިވާ ކަަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އަހަރެމެން އަދިވެސް މިދަނީ ބަލަމުން،" ފިލިޕީންސްގެ ޓޫބޮޑް ސަރަހައްދުގެ އޮފިޝަލަކު ނޫސްތަކަށް ވިދާޅުވިއެވެ.

' ތޫފާން ޓެމްބިން' ގެ ނަންދީފައިވާ ތޫފާން އެރުމުގެ ސަބަބުން ފިލިޕީންސަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެތޫފާނުގެ ސަބަބުން މިހައިތަނަށް 15000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް އެ ތޫފާނުގައި ވައި އަދި އެހާ ގަދައެއް ނޫނެވެ. ތޫފާނުގެ ވައި ހުކުރު ދުވަހު ހުރީ ގަޑިއަކު 20 މޭލުގެ ބާރުމިނުގައެވެ.