ދުނިޔެ

އުތުރުކޮރެއާ އަށް އދ. އިން އާ ފިޔަވަޅުތަކެއް އަޅައިފި

އެމެރިކާއިން އިސް ނަގައިގެން އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރު ކޮރެއާއަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފި އެވެ.

އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އިއްޔެގައި ފާސްކުރީ އެ މަޖިލީހުގެ 15 މެމްބަރުންގެ އިއްތިފާގުންނެވެ. ފިޔަވަޅުތައް އެޅީ ފަހަކަށް އައިސް އުތުރުކޮރެއާއިން އިންޓަކޮންޓިނެންޓަލް ބެލިސްޓިިކް މިސައިލްތަކެއް ޓެސްޓްކޮށްފައި ވާތީއެވެ.

މިފަހަރު އެޅި ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ފަައްކާކޮށްފައިވާ ޕެޓްރޯލިއަމްގެ އުފެއްދުންތަކާއި ސާފު ނުކުރާ ތެޔޮވެސް ލިބުން ދަތި ކުރުމަށާއި ބޭރުު ގައުމުތަކުގައި މަސައްކަތް ކުރާ މީހުން ހޯދާ އާމްދަނީ ވެސް އެ ގައުމަށް ލިބުނަ ނުދިނުމަށެވެ.

އިއްޔެ ފާސް ކުރި ގަރާރުގައި ބުނެފައި ވަނީ އުތުރު ކޮރެއާއަށް ސާފު ނުކުރާ ތެޔޮ ވިއްކާ މިންވަރު އަހަރަކު ހަތަރު މިލިޔަންް ފީފާއަށް ދަށް ކުރުމަށެވެ. އަދި އުތުރު ކޮރެއާއިން އިތުރު ޓެސްޓެއް ކޮށްފި ނަމަ އެއަށް ވުރެވެސް ދަށް ކުރުމަށް ގަރާރުގައި ކަނޑައަޅާފައި ވެެއެވެ.

އުތުރު ކޮރެެއާއިން ފާއިތުވި ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހު ބުނެފައި ވަނީ އެމެރިކާގެ ހުރިހާ ސަރަހައްދަކަށް ފޯރާވަރުގެ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އެގައުމުން ކާމިޔާބުކަމާއި އެކު ޓެސްޓްކޮށްފައިވާ ކަމަށެވެ.

އުތުރުކޮރެއާއިން ކުރާ ޓެސްޓްތަކުގެ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ހޫނުވެފައެެވެ. އެގޮތުން އެމެރިކާއާއި އެގައުމާ ދެމެދު ބަދަލުކުރަމުންދާ ބަހުގެ ހަމަލާތަކުގެ ސަބަބުން ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެސް ކޮރެއާ ސަރަހައްދަށް ވަނީ ވެރިވެފައެވެ.