ދުނިޔެ

ބަޖެޓް ބޭނުންކުރި ގޮތުން ޗައިނާގެ 8000 މީހަކަށް އަދަބު ދީފި

ޗައިނާގައި 2016 ވަނަ އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމުގައި ގާނޫނާ ހިލާފުވެގެން 8000 މީހަަކަށް އަދަބު ދީފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ބަޖެޓް ބޭނުންކުރުމުގައި ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ހިންގާފައިވާކަން އެނގުނީ އޮޑިޓްކުރުމުންނެވެ. އެކަން ހާމަކުރެއްވީ ނެޝަނަލް އޮޑިޓް އޮފީހުގެ ވެރިޔާ ހޫޒީ ޖުން ޗައިނާ ޕާލަމެންޓަށް އިއްޔެ ދެއްވި ބަޔާނެއްގައި ކަމަށް ޒިންހުއާ ނޫސް އެޖެންސީން ބުންޏެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ތިބި ހިޔާނާތްތެރިން މުލުން ލުހެލަން ކަަމަށް ބުނެ ފަށާފައިވާ މަަސައްކަތުގެ ތެރެއިން ޚިޔާނާތުގެ ތުހުމަތުވާ 1.3 މިލިޔަން އޮފިޝަލުން މިހައިތަނަށް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރެއިން ބައެއް އޮފިޝަލުންނަށް ބޮޑެތި ހުކުމްތައް ކޮށް މިހާރު ވަނީ ޖަލަށް ލާފައެވެ. އަނެއްބައި އޮފިޝަލުން ތަހުގީގަށް ހައްޔަރުކޮށްފައި ތިބި އިރު އެހެން ބައެއް އޮފިޝަލުންނާ ސުވާލުކުރަމުން އަންނީ ގޭގައި ބައިތިއްބައިގެންނެވެ.

ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ހޫ ވިދާޅުވީ އަދަބު ދިން މީހުންގެ ތެރެއިން 970 މީހުންނަކީ 2020 ވަ ނަ އަހަރު އަންނަން ވާއިރަށް ޗައިނާގައި ފަގީރުން މަދު ކުރުމަށް ކުރާ މަސައްކަތަށް ކަނޑައެޅި ފައިސާއަށް ހިޔާނާތްތެރިވި މީހުން ކަމަށެވެ. އަދި ޗައިނާ ރައްޔިތުންނަށް އަތްފޯރާ ފަށުގެ ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަނޑައެޅި ފައިސާއަށް ހިޔާނާތްތެރިވި 1363 މީހަކު ވެސް އަދަބު ލިބުނު 8000 މީހުންގެ ތެރޭގައި ހިމެނެއެވެ.