ދުނިޔެ

ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްްކަވަން އެޑްވައިޒަރުން ހުރަސް އަޅަައިފި

ޗުއްޓީ އަކަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އުޅުއްވުމުން އޭނާގެ އެހީތެރިން އެކަމަށް ހުރަސް އަޅައިފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން ބުނީ ޓްރަމްޕް ހުންނެވީ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަން ކަމަށެވެ. ނަމަވެސް އޭނާއަށް ލަފާ އަރުވާ ބޭފުޅުން ގެންދެވީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. އެބޭފުޅުން އެގޮތަށް އަމަލު ކުރެއްވީ ބައެއް ބިލުތައް، ހާއްސަކޮށް ޓެކްސް ކުޑަ ކުރުމުގެ ބިލު ފާސްކޮށް ޕާލަމެންޓުގައި ހޯދުނު ކާމިޔާބީއަށް ހިޔަނި އެޅޭ ފަދަ ސުވާލުތައް މިވަގުތު އަޔަ ނުދިނުމަށެވެ.

އަލަށް ފާސްކުރި ގާނޫތައް އިއްޔެގައި ތަސްދީގު ކުރައްވަން ހަމަޖެހިފައި އޮތް ނަމަވެސް އެކަން ވެސް މީޑިއާގެ ކުރިމަތީގައި ނުކުރައްވަން ވައިޓްހައުސްގެ ބައެއް އޮފިޝަލުން ގެންދެވީ ބާރު އަޅުއްވަމުންނެވެ. ނަމަވެސް ޓްރަމްޕް ގޮތްދޫ ނުކުރެއްވުމުން އެންމެ ފަހުން އިއްޔެގައި އެރަސްމިއްޔާތަށް ނޫސްވެރިން ގެނައެވެ. ރަސްމިއްޔާތުގައި ސުވާލާއި ޖަވާބު ނޯންނާނެ ކަމަށް ވައިޓް ހައުސްގެ އޮފިޝަލުން އެންގެވި ނަމަވެސް ޓެކްސް ބިލުގައި ސޮއިކުރެއްވުމާއި އެކު ނޫސްވެރިން ޓްރަމްޕާ ސުުވާލުކުރަން ފެށިއެވެ.

ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޓްރަމްޕް ޖަވާބު ވެސް ދެއްވިއެވެ. ނަމަވެސް ވައިޓްހައުސްގެ އޮފިޝަލުން އައިސް ނޫސްވެރިން ނެރުމަށް މަސައްކަތް ފެށީއެވެ. އެވަރުން ވެސް ޓްރަމްޕް ވާހަކަފުޅު ހުއްޓަވައި ނުލެއްވުމުން، ނޫސްވެރިން ފޮނުވައިލެއްވުމަަށް ދެން ވަޑައިގެންނެވީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީއެވެ. އޭނާ ވިދާޅުވީ ' ހެލިކޮޕްޓަރުން ގޭސް ހުސްވަނީ" ކަމަށެވެ. ކެލީ އެވިދާޅުވީ ރަސްމިއްޔާތަށް ފަހު ފްލޮރިޑާގެ ޕާމް ބީޗްގައިވާ ޓްރަމްޕްގެ މާރާލާގޯ ހޮޓަލަށް ވަޑައި ގެންނެވުމަށް ތައްޔާރުކޮށްފައި އޮތް ' މެރިން ވަން ' ހެލިކޮޕްޓަރުގެ ވާހަކައެވެ.

އެހިސާބުން ނޫސްވެރިން ނުކުންނަން ފެށި އިރުވެސް ޓްރަމްޕް ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ. -- ސީއެންއެން