ކުޅިވަރު

މެސީގެ 50 ވަނަ ލަނޑާއެކު ބާސާއަށް ބޮޑު ލީޑެއް

Dec 23, 2017

ލިއޮނަލް މެސީ މިއަހަރު ބާސެލޯނާއަށް ޖަހައިދިން 50 ވަނަ ލަނޑާއެކު ދެ ވަނަ ހާފުގައި 3-0 ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން، ރެއާލްގެ މައްޗަށް 14 ޕޮއިންޓްގެ ބޮޑު ލީޑެއް ހޯދައިފި އެވެ.

ރެއާލްގެ ދަނޑު ސެންތިއާގޯ ބެރުނޭބެއު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޑޮމިނޭޓް ކޮށްގެން ކުޅުނީ ރެއާލް މެޑްރިޑުންނެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް އުފެއްދީވެސް ރެއާލުންނެވެ. މެޗުގެ ކުރީ ކޮޅު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ބާސެލޯނާގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ނަމަވެސް ރޮނާލްޑޯ ބޮލުން ފޮނުވާލި ބޯޅަ ޖަހަން އެރިއިރު، އޭނާ ހުރީ އޮފްސައިޑް ޕޮޒިޝަނެއްގަ އެވެ.

ފުރަތަމަ ހާފުގައި، ބާސާގެ ޕައުލީނިއޯ އާއި ލުއިސް ސުއަރޭޒްވެސް ވަނީ ނުރައްކާތެރި ދެ ބޯޅަ ރެއާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. ނަމަވެސް އެ ބޯޅައަށް ހުރަސް އެޅީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ކޭލޯ ނާވަސް އެވެ.

ދެ ވަނަ ހާފުގައި ބާސާއިން ފެށީ ރަނގަޅަށެވެ. ފުރަތަމަ ހާފަށް ވުރެ ބޮޑަށް އެ ޓީމުން ވަނީ ބޯޅަ ކޮންޓްރޯލް ކޮށްގެން ޕާސް އުފައްދައިގެން ކުޅެފަ އެވެ. ނަތީޖާއަކަށްވީ، ރެއާލްގެ ޑިފެންސްގެ ފަހަތުން ބާސާގެ ސުއަރޭޒް އާއި ލިއޮނަލް މެސީ އަށް ފުރުސަތު ލިބިގެން ދިއުމެވެ.

ބާސާގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސުއަރޭޒް އެވެ. އޭނާ ލަނޑު ޖެހީ ސާޖީ ރޮބާޓޯ ނަގައިދިން ބޯޅަ އަކުންނެވެ. އެ ފުރުސަތު ފަހި ވުމުގައި މެސީ އާއި ޕައުލީނިއޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އޭގެ 10 މިނެޓް ފަހުން، މެސީ އާއި ސުއަރޭޒްގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން، ރެއާލްގެ ގޯލަށް ފޮނުވާލި ހަމަލާގައި، ޕެނަލްޓީ އޭރިއާ ތެރެއިން ރެއާލްގެ ޑިފެންޑަރު ޑެނީ ކަރަވަހާލް ބޯޅައިގައި އަތުންޖެހުމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް މެސީ ވަނީ ވަނީ ބާސެލޯނާއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. އެއީ މިއަހަރު ބާސެލޯނާ އަށް އޭނާ ކާމިޔާބު ކޮށްދިން 50 ވަނަ ލަނޑެވެ.

  • މެސީ ބާސެލޯނާއަށް 50 ލަނޑު ޖަހައިދިން އަހަރުތައް
  • 2017 - 50 ލަނޑު
  • 2016 - 51 ލަނޑު
  • 2014 - 50 ލަނޑު
  • 2012 - 79 ލަނޑު
  • 2011 - 55 ލަނޑު
  • 2010 - 58 ލަނޑު

ކަރަވަހާލް އަށް ރަތް ކާޑު ދެއްކުމުން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އަށް ޓެކްޓިކަލީ އެހެން ބަދަލެއް ގެންނަން ޖެހުނެވެ. އޭނާ ތައްޔާރުވެގެން ހުރީ މާކޯ އެސެންސިއޯ އާއި ގެރެތު ބޭލް ކުޅެން ނެރުމަށެވެ. ނަމަވެސް، އެ ދެކުޅުންތެރިންގެ ބަދަލު މަޑު ޖައްސާލު މަށްފަހު ޒިދާން އަށް ޖެހުނީ ޑިފެންޑަރެއް އަރުވާށެވެ. އެހެންވެ، ބެންޒެމާގެ ބަދަލުގައި އޭނާ ކުޅެން އެރުވީ ޑިފެންޑަރު ނަޗޯ ފެނާޑޭޒް އެވެ.

އެސެންސިއޯ އާއި ބޭޅް ކުޅެން ނެރުނީ އޭގެ ހަތް ވަރަކަށް މިނެޓް ފަހުންނެވެ. އެ ދެ ކުޅުންތެރިން ކުޅެން ނެރުނު ނަމަވެސް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ރެއާލް އަށް އޭގެ ފައިދާ އެއް ނުކުރި އެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު 93 ވަނަ މިނެޓްގައި މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ އެލެކެސް ވިޑާލް އެވެ.

މި މެޗުން ބަލިވުމުން، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އަށް ލީގް ދިފާއު ކުރަން ބޮޑު ހުރަހެއް ކުރިމަތި ވީއެވެ. އެ ޓީމު ހަތަރު ވަނައިގައި އޮތީ 31 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 45 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތާވަލުގެ އެއް ވަނައިގައި އެ ޓީމަށް ނުވަ ޕޮއިންޓްގެ ލީޑެއް އެބައޮތެވެ.