ބޮލީވުޑް

ކާޖޮލް ދެން ކުޅޭނީ ލަވަކިޔުންތެރިއެއްގެ ރޯލު

ބަތަލާ ކާޖޮލް އެންމެފަހުން ފެނިގެން ގޮސްފައިވަނީ ތަމަޅަ ފިލްމު "ވީއައިޕީ 2" ގަ އެވެ. ދެން އޭނާ އެންމެ އަވަހަށް ކުޅޭ ހިންދީ ފިލްމެއްގައި ފެނިގެންދާނީ އެކަނިވެރި މައެއްގެ ރޯލުންނެވެ.

ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ އެ ފިލްމުގައި އެކަނިވެރި މައެއްގެ ރޯލުގެ އިތުުރުން ކާޖޮލް ލަވަކިޔުންތެރިއެއްގެ ރޯލު ވެސް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އެލާ" ނަމަކަށް ކިޔާ އެ ފިލްމުގައި ކާޖޮލް ލަވަކިޔުންތެރިއެއްގެ ރޯލު ކުޅުމަށް ހަމަޖެހިފައިވާއިރު، އޭނާ ފެނިގެންދާނީ މަޖުބޫރުން ކުރާ ކައިވެންޏަކަށް ކުއްޖަކު ލިބޭ ފަހުން ވަރިވެ އެކަނި މާ އެކަނި ދަރިފުޅު ބަލާބޮޑުކުރާ ތަނެވެ. އަދި އެކަނިވެރިން މަންމައެއްގެ ގޮތުގައި ދަރިފުޅު ބަލާބޮޑުކުރަން ކުރާ މަސައްކަތުގެ ތެރެއިން ލަވަކިޔުމުގެ ހުނަރު ކުރިއަރުވައި މަޝްހޫރު ލަވަކިޔުންތެރި އަކަށް ވެ އެވެ.

ޕްރަދީޕް ސަރްކާރް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ގުޖުރާތް ބަހުން އުފައްދާފައިވާ ޑްރާމާއެއް ކަމަށްވާ ބެޓާ ކާގްޑޯގެ އަސްލަކަށް ބަލައިގެން ހިންދީ ބަހުން އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި ކާޖޮލްގެ ދަރިފުޅުގެ ރޯލު ކުޅޭނެ ކުއްޖަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކާޖޮލް އެންމެފަހުން ފެނިގެން ގޮސްފައިވާ ހިންދީ ފިލްމަކީ 2015 ވަނަ އަހަރު ނިކުތް "ދިލްވާލޭ" އެވެ.