ބޮލީވުޑް

"ޓައިގާ ޒިންދާހޭ" ގެ ފެށުން ވަރަށް ވަރުގަދަ

ސުޕަސްޓާ ސަލްމާން ޚާންގެ މި އަހަރު ނިކުތް ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި ނާކާމިޔާބުވެ ކުރިމަތިލާން ޖެހުނީ މާޔޫސްކަމާ އެވެ.

އެ ފިލްމަށްފަހު ސަލްމާން ތައްޔާރުވަމުން އައީ 2012 ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި "ޓައިގާ ޒިންދާހޭ" ސިނަމާތަކާ ހަމައަށް އަންނާނެ ދުވަހަކަށެވެ.

މި ސިލްސިލާގެ ފުރަތަމަ ފިލްމުގެ ބަތަލާގެ ރޯލުން ވެސް ފެނިގެން ގޮސްފައިވާ އަދި ސަލްމާންގެ ކުރިން ލޯބީގެ ގޮތުން ވެސް ގުޅިގެން އުޅުނު ބަތަލާ ކެޓްރީނާ ކައިފާ އެކު ފެނިގެންދާ "ޓައިގާ ޒިންދާހޭ" ވަނީ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފަ އެވެ.

ސިނަމާތަކުގައި ފިލްމު ދައްކަން ފެށުމާއެކު ފިލްމުގެ އަޑު ގަދަވެ، ހުރިހާ ފަރާތަކުން ވެސް ފިލްމާ ގުޅޭގޮތުން އިވެމުން އަންނަނީ މޮޅު ވާހަކަތަކެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 33.75 ކްރޯޑް ލިބިގެން މި ފިލްމު މިވަނީ މި އަހަރު ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށް ވެގެން ގޮސްފަ އެވެ.

ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑްގެ އިތުރުން މި ފިލްމު ވަނީ ބަންދު ނޫން ދުވަހެއްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ވެސް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑް މުގުރާފަ އެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތްރިލާ މި ފިލްމުގެ ފެށުން ވަރަށް ރަނގަޅު ކަމަށެވެ. އަދި މި ފިލްމަށް ބްލޮކްބާސްޓާގެ ދަރަޖަ ލިބޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި 4600 ސްކްރީނުގައި ރިލީޒްކުރި "ޓައިގާ ޒިންދާހޭ" އަޅުވާފައިވާއިރު ކްރިޓިކްސް އާއި ބެލުންތެރިން އަންނަނީ މި ފިލްމަށް ތައުރީފުކުރަމުންނެވެ.

ބެލުންތެރިންގެ ފަރާތުން މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ފުރަތަމަ ހަފްތާގެ ތެރޭގައި 100 ކްރޯޑް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ. ސަބަބަކީ މި ފިލްމަކީ ސަލްމާންގެ ފިލްމަކަށް ވުމެވެ.

އިންޑިއާގެ އިތުރުން މި ފިލްމަށް ބޭރު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

"ޓައިގާ ޒިންދާހޭ" ގެ ޓްރެއިލާ:

ޔާޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކުރާ މި ފިލްމުގައި މިހާތަނަށް ބޮލީވުޑްގެ ފިލްމެއްގައި ނުފެންނަ ވަރުގެ ވަރުގަދަ އެކްޝަން މަންޒަރުތައް ފެނިގެންދާނެ އެވެ. މި ފިިލްމުގެ އެކްޝަން މަންޒަރުތައް ޑައިރެކްޓްކޮށްފައިވަނީ ހޮލީވުޑްގެ ކުޅަދާނަ އެކްޝަން ޑައިރެކްޓަރު ޓޮމް ސްޓްރުތާޒް އާއި އޭނާގެ ޓީމެވެ.

ހުކުރު ދުވަހު ރިލީޒްކުރާ މި ފިލްމުގައި ފެނިގެންދާނީ އިރާގުގައި ޓެރަރިސްޓް ޖަމާއަތެއްގެ އަތްދަށުގައި ތިބި އިންޑިޔާ ނަރުހުންތަކެއް އަތުލައިގަންނަން އިންޑިޔާގެ ސިއްރު ފުލުހަކާއި ޕާކިސްތާނުގެ އެޖެންޓަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ސަލްމާނެކޭ އެއްގޮތަށް ކެޓްރިނާގެ ވެސް ގިނަ އެކްޝަން މަންޒަރުތަކެއް މި ފިލްމުގައި ފެނިގެންދެ އެވެ.