ކުޅިވަރު

ޗެލްސީ އެއްވަރުވިއިރު ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް މޮޅުވެއްޖެ

Dec 24, 2017

އިންގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ބޯންމޮތު ބައްދަލުކުރި މެޗު ސިޓީ 0-4 ކާމިޔާބުކުރިއިރު ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މިނަތީޖާ އާއެކު ލީގު ތާވަލުގެ އެއްވަނަ މަގާމުގައި މެންޗެސްޓާ ސިޓީ އޮތީ 19 މެޗުން ލިބުނު 55 ޕޮއިންޓާއެކު އެވެ. ދެވަނަ މަގާމުގައި ޔުނައިޓެޑު އޮތީ 41 ޕޮއިންޓާއެކު އެވެ. ތިންވަނަ މަގާމުގައި ޗެލްސީ އޮތީ 19 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެވެ. ޗެލްސީ އާއި ބައްދަލުކުރި އެވަޓަން އޮތީ ލީގު ތާވަލުގެ ނުވަ ވަނަ މަގާމުގައި 26 ޕޮއިންޓާއެކު އެވެ. މިސީޒަނަށް ބޮޑު ހަރަދުތަކެއް ކުރި އެވަޓަން ސީޒަން ފަށައިގެން ނެރުނީ ވަރަށް ދަށް ނަތީޖާ ތަކެކެވެ. އެޓީމުގެ ކޯޗުގެ މަގާމުން ރޮނާލްޑް ކޫމަން ވަކިކޮށް ސެމް އެލެޑައިސް ހަވާލުވިފަހުން އެވަޓަން ވަނީ އެޓީމުގެ ނަތީޖާތަށް ރަނގަޅުކޮށްފަ އެވެ.

ސިޓީ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގެ 53 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. 79 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަގުއޭރޯ އެވެ. ސިޓީގެ ހަތަރުވަނަ ލަނޑު 85 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑެނީލޯ އެވެ.

ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނި ނަމަވެސް ޗެލްސީ ވަނީ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ. ނަމަވެސް އެވަޓަންގެ ޑިފެންސް ލައިން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ޓޮޓެންހަމް އާއި ބާންލޭ ބައްދަލުކުރި މެޗު ޓޮޓެންހަމް ވަނީ 0-3 ކާމިޔާބުކޮށްފަ އެވެ. މިމެޗުގެ ޓޮޓެންހަމްގެ ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މިނަތީޖާގެ ސަބަބުން އެޓީމު ލީގު ތާވަލުގެ ފަސް ވަނަ މަގާމަށް 34 ޕޮއިންޓާއެކު ޖެހިލިއިރު މެޗުން ބަލިވި ބާންލޭ އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ މަގާމުގަ އެވެ.