ބޮލީވުޑް

ސަލްމާންގެ އިތުރު ފިލްމެއްގެ ރިމޭކްގައި ވަރުން

ޒުވާން އެކްޓަރު ވަރުން ދަވަން އަކީ މިހާރުގެ ސަލްމާން ޚާން ކަމަށް ސިފަކުރާ މީހުން ވަރަށް ގިނަ އެވެ. ސަލްމާނާ އޭނާގެ އެކްޓިންއާ ވަރަށް އެއްގޮތް ކަމަށް ބުނެވޭއިރު، ސަލްމާން ކުޅޭ ކަހަލަ ކޮމިކް ރޯލުތައް ވެސް ވަރުން ކުޅޭލެއް ގިނަ އެވެ.

ކުރިއަށް އޮތް ތަނުގައި ބޮލީވުޑްގައި ސަލްމާންގެ މަގާމު ފުރާނީ ވަރުން ކަމަށް ބުނެވޭއިރު، އޭނާ މިހާތަނަށް ވަނީ ސަލްމާންގެ ކެރިއަރުގެ ކުރީކޮޅު ކުޅުނު "ޖުޅްވާ" ގެ ރީމޭކު، "ޖުޅްވާ 2" ކުޅެފަ އެވެ.

އެ ފިލްމު ރިލީޒްކޮށް ލިބުނު ކާމިޔާބީ އާއި ވަރުންގެ އެކްޓިން އަށް ތައުރީފު ލިބިފައިވާއިރު އޭނާ ވަނީ ސަލްމާންގެ އިތުރު ފިލްމެއްގެ ރިމޭކް ކުޅެން ލިބިފަ އެވެ.

ވަރުންގެ ބައްޕަ އުފެއްދި "ބީވީ ނަންބަރު 1" ގެ ރިމޭކް ވަރުން އަށް ހުށަހަޅާފައިވާއިރު، އެ ފިލްމު ޑައިރތެކްޓްކުރުމަށް ހަމަޖެހިފައިވަނީ ވެސް އޭނާގެ ބައްޕަ އެވެ.

ހަބަރުތައް ބުނާގޮތުން އެ ފިލްމު އުފެއްދުމުގެ މަޝްވަރާތައް މިހާރު އަންނަނީ ކުރަމުންނެވެ. އަންނަ އަހަރުގެ ތެރޭގައި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިންމައި، ފިލްމުގެ ޝޫޓިން ފަށާނެ ކަމަށްވެ އެވެ. އަދި ސްކްރިޕްޓް ނިމުނުހާ އަވަހަކަށް ވަރުން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާ ތަރިން ކަނޑައަޅާނެ އެވެ.

"ބީވީ ނަންބަރު 1" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކަރިޝްމާ ކަޕޫރާއި ސުޝްމީތާ ސެން އެވެ. އެ ފިލްމަކީ ކައިވެނީގެ ބޭރުން ހިންގާ ލޯބީގެ ގުޅުމެއްގެ މައްޗަށް އުފައްދާ ހެއްވާ މަޖާ ފިލްމެކެވެ.