(21 ޑިސެމްބަރ 2017 އާ ގުޅޭ) -- "އަޅުގަނޑަށް މާފުކުރޭ ބައްޕާ، އައިމް ރިއަލީ ސޮރީ، ވެރީ ސޮރީ... އެހެން ކަންތައް ކުރީ ގަޞްދުގައެއް ނޫން. އެއްވެސް ކަމެއް ނޭނގި ހުރެ ކުރެވުނު ކަމެއް އެއީ. މަންމަގެ ހިތުގައި ވަރަށް ޖެއްސުނު. މަންމަ ވަރަށް ރުއި... ވަރަށް އާދޭސް ކުރި. ފެށުނީއްސުރެން މަންމަ އަޅުގަނޑަށް ހުރިހާ ކަމެއް ކިޔައިދިންނަމަ. އައި ލަވް ހާ ސޯ މަޗް. ކީއްވެ ލޯބިނުވާންވީ؟ އެއީ އަޅުގަނޑުގެ މަންމައެއްނު. މަންމަދެކެ ލޯބިނުވާ ދަރިއަކު ނުހުންނާނެ. ބަޓް އައި ހޭވް ސިންޑް... މަންމައަށް ވަރަށް އެއްޗެހި ކީން. އެންމެ ފަހު ވަގުތު... ފަހު ވަގުތު ވެސް..." މަންމަ ދުށުމަށް ޒޭންގެ ހިތާއި ފުރާނަ ވެސް އެދެމުންދިޔައެވެ. ނުރޯން ހުރި ނަމަވެސް ޒޭނަށް ނުހިފެއްޓުނީއެވެ.
ޒޭންގެ ހިތަށް އެހާ ފުންއަސަރެއް ކޮށްފައިވަނީ ކީއްވެކަން ހައިކަލްއަށް އެނގެއެވެ. ވަގުތުން ދަރިފުޅުގެ ގައިގާ އޮޅުލައިގަންނަން ހައިކަލް ބޭނުންވިއެވެ. ޚުދު ހައިކަލްގެ ހިތަށް ވެސް އެރީ މި ދުވަސް ދުށުމަށް މިންނު ދުނިޔޭގައި ހުރި ނަމައެވެ. އެންމެ ފަހު ވަގުތާ ޖެހޭންދެން ވެސް މިންނުގެ ދުލުން ޒޭންގެ ނަން ވަކި ނުވެއެވެ.
"ދެން ހުއްޓާލާ! ދަރިފުޅުގެ ކުށެއްނެތް... މަންމަ ވެސް ބުނެފައެއްނު އެވަނީ ދަރިފުޅުގެ އެއްވެސް ކުށެއްނެތޭ. މީ ބައްޕަގެ ސަބަބުން ހިނގި ކަމެއް. ޒޭން! ދެން ނުރޮއެ ހުއްޓާލާ! މިއަދު ބައްޕަ ބުނަން އޮތީ... ދުވަހަކުވެސް ބައްޕައަށް ހެދުނު ފަދަ މިސްޓޭކެއް ދަރިފުޅު ކޮނެމެވެސް ނުހައްދައްޗޭ. އެކަމުގެ ސަބަބުން މި ހުރީހާ ކަމެއް މި ވީ. މިންނުގެ މުޅި ދިރިއުޅުން ބަދަލުވީ. އަހަރުމެން އެންމެންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ބަދަލުއައި. އެހެންވިޔަސް ދަރިފުޅުގެ މަންމައަކީ ވަރަށް ކެތްތެރި އަންހެނެއް. މީހުންނަށް މަޢާފު ކުރުމާއި އަމިއްލަ ނަފްސަށް މާފުދޭން ދަސްކުރޭ ޒޭން... ދަރިފުޅުގެ މަންމަގެ ގާތުން ބައްޕައަށް ދަސްވި މާތް ދެ ސިފަ އެއީ... އަހަރެމެންނާ ވަކިވެގެން މިންނު އެ ދިޔައީ މާ އަވަހަށް. އެކަމަކު މަރަކީ ހިފެހެއްޓޭނޭ އެއްޗެއް ނޫން" ހައިކަލްގެ އަޑުގައިވާ ހިތްދަތިކަން އެ ތަނުގައި ތިބި ޒޭންއާއި ޔާނާއަށް ވެސް އިހުސާސްކުރެވުނެވެ. ދެ ލޯ ފުހެލަމުން ޒޭން ތެދުވެ ހައިކަލްގެ ގާތުގައި އެނދުގައި އިށީނެވެ. އަދި ހައިކަލްގެ ތެމިފައިވާ ދެ ލޯ ފުހެލަމުން ހިނިތުންވެލިއެވެ.
"އަޅުގަނޑަށް އެ ޑައިރީ ނުފެނުންނަމަޔޯ" ޒޭން އަހާލިއެވެ.
"ދަރިފުޅު ޤަބޫލުކުރީ މިންނުއަކީ ދަރިފުޅުގެ ދޮންމަންމަ ކަމުގައި އެހެންވެ ބައްޕައަށް އެނގޭ ދަރިފުޅުގެ އަސްލު މަންމަ ހޯދަން ބޭނުންވާނެކަން. މިންނުއަކީ ކާކުކަމެއް ބައްޕައަށް ނޫނީ ނޭނގޭނެ. ދަރިފުޅު ބޮޑުވީ މަންމަ ގާތުގައި ހުރެއެއްނޫން. ދަރިފުޅުގެ މަންމަ ހޯދަން ބޭނުންވިޔަސް ދަރިފުޅުގެ ސުވާލުތަކަށް ޖަވާބު ދެވޭނެ ހުރި މީހަކީ ހަމައެކަނި މި ބައްޕަ. ޒޭން! ހަޤީޤަތަކީ އަބަދަށް ފޮރުވޭނެ އެއްޗެއް ނޫން. ކޮންމެވެސް ދުވަހަކުން އެކަން އެނގޭނޭ ގޮތެއް ﷲ މިންވަރު ކުރައްވާނެ. ދަރިފުޅު ވިސްނާލަބަލަ! ޔާނާއާ ޒޭން ގުޅުނީ އެއީ އަޒާންގެ ދަރިއެއްކަން އެނގި ހުރެތަ؟ ނޫނެއްނު! ބައްޕައަށް ވެސް އެނގުނީ އަދި ކިރިޔާ... ވަރަށް އުފާވެއްޖެ... ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ... އަޒާންއާއި މިންނުއަކީ ދުރުކުރެވޭނޭ ދެ މީހުންނޫންކަން މިއަދު އަހަރެން ވެސް ޤަބޫލުކުރަން. އެ ދެ ލޯބިވެރީންގެ ދެމެދަށް ވަން އިތުރު މީހަކީ އަހަރެން. އެހެންވިޔަސް މިއަދު އެ ދެ މީހުން މިވަނީ ގުޅިފައި. މިއީ ތަޤުދީރު... މިންވަރުފުޅުގައި އޮތް ގޮތް... އެކަމާ އަހަރެމެން ދެކޮޅު ހަދާނީ ކިހިނެއް... އެތައް އަހަރުތަކެއް ފާއިތުވެ ހިނގައްޖެއް... އަހަރެން ވަރަށް ބޭނުން އަޒާންގެ ގާތުން މަޢާފަށް އެދެން. އޭނާއަށް އެއްވެސް ކަމެއް ނޭނގޭ" ޒޭންއާއި ޔާނާއަށް ހައިކަލް ބަލާލިއެވެ.
"މިންނު ނިޔާވީ ކޮންއިރަކު، ބައްޕައަށް އެކަން އެނގޭތަ" ޔާނާ ސުވާލުކުރިއެވެ.
"ވިހައިގެން ނެރުނުތާ ގިނަ އިރެއްނުވެ މިންނު ނިޔާވީ. ވަޅުލުމުގެ ހުރިހާކަމެއް ނިމިގެން ދިޔައިރު ވެސް ދަރިފުޅުގެ ބައްޕައެއް ނުދެކެން. ހީވަނީ މިންނު ނިޔާވިކަން ނޭނގެނީހެން. އަޒާން އުޅޭ ގެއެއް ވެސް އަހަންނަކަށް ނޭނގޭ. އޭނާއަށް މިންނުގެ މަރުގެ ޚަބަރު ލިބިއްޖެނަމަ އެ ދުވަހު ކަށުނަމާދުގައި އެންމެ ކުރީ ސަފުގައި އަހަރެންނާއި ޖެހިގެން ހުރީހީ އަޒާން. އޭނާ ނައިހެއް ނުހުންނާނެ" މިންނު ނިޔާވި ދުވަހުގެ ހަނދާންތައް އާވުމާއެކު ހައިކަލްގެ ދެ ލޯ ފުރިގެން އައެވެ. އަވަސް އަވަހަށް އިސްޖަހާލިއެވެ.
"ބޭބީ ވެސް ނިޔާވީތަ؟" ޔާނާ އަސަރާއިއެކު އަހާލިއެވެ. އެހިނދު އޭނާއަށް ޒޭން ބަލާލިއެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
"އާން! މިންނުއަށް އެނގޭ ކަހަލަ މި ހުރިހާ ކަމެއް މިގޮތަށް ވާނޭކަން... ދަރިފުޅު މަރުވީ އެޕެންޑިސް ފަޅައިގެން ގޮސްގެން އަނެއްކޮޅުން މިންނުގެ ލޭމަނައެއް ނުކުރެވުނު. އަހަރެންގެ ދެއަތުގައި އެ ދަރިފުޅު އޮތީ... މިންނުހާ ލޯބިލޯބި އަންހެން ކުއްޖެއް. ދެމައިން ވެސް ތިބީ ފުން ނިދީގައި ތިބިހެން. ޒޭނަށް އެނގޭތަ! ޒޭން ނުކުމެގެން ދިޔަތާ ސައުވިސް ގަޑިއިރު ނުވޭ، މިންނު މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލީ" ހައިކަލްގެ ތުރުތުރު އަޅާ އޮތް ދެއަތްތިލަ ނަގާ މޫނުގައި ޖައްސާ ފޮރުވާލިއެވެ. އެ މަންޒަރު ފެނުމާއެކު ހައިކަލްގެ ގައިގާ ޒޭން ބައްދާލިއެވެ.
"އަޅުގަނޑަށް މަޢާފުކުރޭ ބައްޕާ، އެންމެ ފަހުފަހަރަށް މަންމަގެ މޫނު ދުށުމަށް ވެސް އަޅުގަނޑަށް ނުދެވުނީތީ" ޒޭން ބުންޏެވެ. ދެބަފައިންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނައަޅަމުންދިޔައިރު ހައިކަލްގެ އެނދު ކައިރީ ހުރި ޔާނާއަށް ވެސް ރޮވިއްޖެއެވެ.
ޔާނާ ސިހިގެން ދިޔައީ ޔުނީފޯމް ޖީބުގައި އޮތް މޯބައިލް ފޯނު ވައިބްރޭޓުވިތަނާއެވެ. ދެލޯފުހެމުން ފޯނަށް ބަލާލިއެވެ. އޭނައަށް ގުޅަނީ އަޒާންކަން އެނގުމުން އަނެއްކާ ވެސް އެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ހައިކަލްގެ އެނދާ ދުރަށް ޔާނާ ހިނގައިގަންނަމުން ފޯނުނަގާ ހެލޯއޭ ބުނެލިއެވެ.
"ޔާނާ! ކިހިނެއްވީ ދަރިފުޅާ؟ ޔާނާ ރޮނީތަ؟" އަޒާންއަށް ޔާނާގެ ކުރެހިފައިވާ އަޑުޖެހުމާއެކު ކަންބޮޑުވިއެވެ. އެ ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެހެން ހީކުރެވުނެވެ.
"ކަމެއް... ކަމެއްނުވޭ ބައްޕާ... ކިހިނެއްވީ މިގަޑީގައި ތި ގުޅާލީ؟" ޔާނާގެ ހިތުގައި ހިނގަމުން ދިޔަ އިހުސާސްތައް ހިފަހައްޓަމުން ވާހަކަދެއްކިއެވެ.
"ބައްޕަ މިދަނީ އޮފީސް ކަމަކު ރިސޯޓަކަށް... މިރޭ ތަންކޮޅެއް ލަހުން އާދެވޭނީ. ޔާނާ ބަލާ ނުދެވޭނެތީވެ މި ގުޅީ. ކުރީބައިގައި ޓެކްސީއެއް ލިބޭތޯ ބަލައްޗޭ. ނުލިބެއްޖެއްޔާ މަންމައަށް ގުޅާތި އިނގޭ" ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި އަޒާންގެ އަޑު އަހަން ޔާނާ ހުއްޓެވެ.
"ލައްބަ ބައްޕާ! ބީ ސޭފް... ބާއި" ޔާނާ އަވަސް އަވަހަށް ފޯނުކޯލު ކަނޑާލިއެވެ. އޭރު ހައިކަލްއާއި ޒޭން ތިބީ ޔާނާ ފޯނުން ވާހަކަދައްކާތީ ހިމޭންކަން ޚިޔާރު ކޮށްގެންނެވެ. އޭނާ ފޯނުކޯލު ނިންމާލުމުން ޒޭންގެ ނަޒަރު ހައިކަލްއަށް އަމާޒުކޮށްލިއެވެ.
"މަންމަގެ ފިރިހެން ދަރިއަކު އަދި އެބަހުރި، މަންމަ ބޭނުންވި ފަދައިން އަޅުގަނޑު ވެސް ބޭނުން މަންމަގެ ޢާއިލާއާ ބައްދަލުކުރަން. އެމީހުންނާ ޢާއިލީ ގުޅުން ދަމަހައްޓަން" ޒޭން ބުނެލިއެވެ.
ހިތްހަމަޖެހުމުގެ ނޭވާއެއް ހައިކަލް ދޫކޮށްލިއެވެ. މިންނު ބުނަމުން އައި ދުވަސް ޖެހިއްޖެކަން ހައިކަލްއަށް އެނގުނެވެ. ޒޭންއަށް ހަމަވިސްނުން ލިބި މިންނުއަކީ އޭނާގެ މަންމަކަން ކޮންމެވެސް ދުވަހަކުން ޒޭން ޤަބޫލުކުރާނޭކަން މިންނުއަށް އެނގެއެވެ. އެއީ ހައިކަލް ވެސް އެކަމަކަށް އެދެމުން އައި ކަމެކެވެ. ޔާނާގެ ހާޟިރުގައި ޒޭނަށް މިންނުގެ ޢާއިލާ މީހުންގެ ވާހަކަތައް ހައިކަލް ކިޔާދެމުންދިޔައެވެ. މިންނުއަށް ހަމައެކަނި އެ ޢާއިލާއިން ހެވެއް އެދުނު މީހަކީ ސުހާ ކަމުގައި ހައިކަލް ބުންޏެވެ. ގުޅުން ބަދަހި ކުރަންޏާ ކުރަންވީ އޭނާއާ ކަމުގައި ހައިކަލް ބުންޏެވެ. ސުހާއަށް ވެސް މިހާރު ދެކުދީން ލިބި އެ ކުދީން ބޮޑެތިވެއްޖެ ކަމުގައި ހައިކަލް ބުންޏެވެ. އެންމެ ފަހުން ސުހާއާއި ހައިކަލް ބައްދަލުވީ މިންނު ނިޔާވެގެން ސަހަރާއިންނެވެ. މިންނުގެ ޑައިރީ އެ ކުޑަކޮޓަރީގައި ބޭއްވީ އެއީ އެ ކޮޓަރީގައިވަނީ ހަމައެކަނި މިންނުގެ ހަނދާންތައްކަމުގައިވީމައެވެ. އެކޮޓަރީގައި މިންނު ނޫން އެހެން މީހަކު ނޫޅެއެވެ. ހައިކަލްއަށް ވެސް އެ ޑައިރީ ފެނުނީ އެ ކުޑަ ކޮޓަރިން ކަމުގައި ބުންޏެވެ.
ޔާނާއަށް އައި ފޯނުކޯލާއެކު އޭނާއަށް އެތަނުން ދާން ޖެހިއްޖެއެވެ. ޑިއުޓީ ގަޑީގައިވީމާ އަތްއުރާލައިގެން ހުރެވެން އޭނާއަށް ނެތީއެވެ. އެހެންނަމަވެސް ހައިކަލްއާއި ޒޭންގެ ގާތުން މިންނުއާ ބެހޭ ވާހަކަތައް އެނގެން ޔާނާ ބޭނުންވެއެވެ. މިންނުއަކީ ދުރުމީހެއްކަމުގައި ޔާނާއަށް އިހުސާސެއް ނުކުރެވެއެވެ. ހިތުގައި ޚާއްޞަ މަޤާމެއް މިންނުއަށް ދެވިފައި ވެއެވެ. ޔާނާ ކޮންމެހެން ވެސް ދާންޖެހޭކަން ޒޭނާއި ހައިކަލްގެ ގާތުގައި ބުނުފައި އެ ކޮޓަރިން ނުކުތެވެ. ހައިކަލް އެދުނީ އޭނާއާ ބައްދަލު ކުރާން ޔާނާ ގިނަގިނައިން އައުމަށެވެ. ޒޭނާއި ޔާނާއާ ދެކުދީން އެކުގައި ފެންނަން އޭނާ ނުހަނު ބޭނުންވާކަން ވެސް ހާމަކުރިއެވެ. ހައިކަލްގެ އެ ފަދަ ވާހަކަތަކުން ޔާނާގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ދުވެލިއެވެ.
ޔާނާ ނުކުމެގެން ދިއުމާއެކު ހައިކަލްއާ ޒޭންގެ އަމިއްލަ ސުވާލުތައް ކުރިމަތި ކުރުވިއެވެ. މަންމައާ ބެހޭ ގޮތުން ހުރިހާ ކަމެއް އޮޅުން ފިލުވަން ޒޭން ބޭނުންވެފައި އިން ކަހަލައެވެ. އެ ދެބަފައިންގެ ދެމެދުގައި އޮތް ގުޅުން އިހުނަށްވުރެ ވެސް ގާތްވެއްޖެހެން ހީވެއެވެ. އެ ދެމެދުގައި ކުރީން އޮތް ފަރުދާ ނެގި ހަޤީޤަތް ފާޅުވެފައި ވާތީ ކަމަށް ވެދާނެއެވެ. މިހާރު ޒޭންއަކީ ފުރިހަމަ ޒުވާނެކެވެ. އެ ދަރިފުޅަށް ހަޤީޤަތް އެނގުމުން ޤަބޫލުކުރާނޭކަން މިންނުއަށް އެނގޭ ފަދައިން ހައިކަލްއަށް ވެސް އެކަން މިހާރު ޤަބޫލުކުރެވިއްޖެއެވެ. އަޒާންއާ ބައްދަލުވާނޭކަމުގައި ދުވަހަކުވެސް ހައިކަލް އުންމީދެއް ނުކުރެއެވެ. އެހެންވިޔަސް އަޒާންއާ ބައްދަލުވުމުގެ ފުރުޞަތު އޭނާއަށް މިހާރު ފަހިވެއްޖެއެވެ. ޔާނާއަކީ އޭނާއަށް ކުރެވުނު ކަންތަކަށް މަޢާފަށް އެދެން ﷲ މިންވަރުކުރެއްވި ފުރުޞަތެވެ.
ޑިއުޓީ ނިންމާފައި ނުކުމެގެން ދިއުމުގެ ކުރީން ހައިކަލްގެ ކޮޓަރި ކައިރިއަށް ޔާނާ އައެވެ. އެހެންނަމަވެސް ވަނުމުގެ ޚިޔާލު ބަދަލުވީ ކީއްވެކަމެއް ނޭނގެއެވެ. އެނބުރި ހިނގައިގަތީ ގެއަށް ދާށެވެ. ހޮސްޕިޓަލުގެ ގޭޓު ކައިރީ މަޑުކޮށްލައިގެން ހުރުމަށްފަހު ލިބުނު ޓެކްސީއަށް އަރާ ގޭގެ އެޑްރެސް ބުނެލިއެވެ. ގެއާ ކައިރިވަމުން ދިޔަ ވަރަކަށް ޔާނާގެ ހާސްކަން އިތުރުވަމުންދިޔައެވެ.
"ބައްޕަ މިހާރު ގެއަށް އަތުވެދާނެތަ؟" ހިތާހިތުން ޔާނާއަށް ސުވާލުކޮށްލެވުނެވެ. އޭނާ ޖެހިލުންވަނީ އަޒާންގެ ކުރިމައްޗަށް އަރަންޖެހޭތީއެވެ. ޔާނާއަށް އެނގިފައިވާ ގޮތުގައި އަޒާންގެ ފުރަތަމަ ލޯތްބަކީ ޔާނާގެ މަންމަ ޝަމްލާއެވެ. އަދި ޝަމްލާއަށްވުރެ ބޮޑަށް އަޒާން ލޯބިވާ އެހެން އަންހެނަކު މި ދުނިޔެއަކު ނުހުންނާނެއެވެ. ނަމަވެސް އެއީ ހަޤީޤަތް ނޫންކަން ޔާނާއަށް ވަނީ އެނގިފައެވެ. މިންނުއަކީ އަޒާންގެ ކާކުކަން ޔާނާއަށް އެނގިއްޖެއެވެ. މިންނުއަށް އަޒާނާއި ދުރުގައި އުޅޭންޖެހުމުން ކުރި އަސަރުތައް މިންނުގެ ޑައިރީގައި ލިޔެފައިވެއެވެ. އެއީ ކިހާ ހިތްދަތި ވޭނުން ފުރިގެންވި ދުވަސްތަކެއްކަން ޔާނާއަށް އިހުސާސް ކުރެވޭ ކަހަލައެވެ. ވީއިރު އަޒާންގެ ހާލަކީ ކޮބާބާއޭ ޔާނާގެ ހިތަށް އެރިއެވެ. ހައިކަލްދެކެ މިންނު ލޯބިވާން އެހާ ދުވަސް ނެގިއިރު އަޒާން ވެސް ޔާނާގެ މަންމަދެކެ ލޯބިވާން އެހާ ދުވަސް ނެގިބާއޭ ޔާނާ ހިތަށް އެރިއެވެ. ހިތަށް ކުރަމުންދިޔަ އަސަރުތަކާއެކު ފެންކަޅިވި ދެ ލޮލުން ކަރުނައިގެ ތިއްކެއް ފުރޮޅެމުން ކޯތާފަތުން ތިރިއަށް ފައިބައިގެން ދިޔައެވެ. އެހިނދު އަވަސް އަވަހަށް ނޭފަތް ދަމާލި ޔާނާ ދެ ލޮލާއި ކޯތާފަތް ފުހެލިއެވެ. އިސްއުފުލާލި ވަގުތު ޑުރައިވަރު ޔާނާއަށް ބަލާކަން ފާހަގަވިއެވެ. އެހެންވެ އިތުރަށް މޫނު ފުހެލާފައި ސީޓުގައި ހަމަޖެހެން މަސައްކަތް ކުރިއެވެ.
މިންނުއާއި އަޒާންގެ ޚިޔާލުގައި ޔާނާގެ ހިތައް އެތަކެއް ސުވާލުތަކެއް އަރަމުންދިޔައިރު ޓެކްސީ އައިސް ގޭގެ ދޮރުމައްޗަށް މަޑުކޮއްލިއެވެ. ޑްރައިވަރަށް ފައިސާ ދިނުމަށްފަހު ޔާނާ ކާރުން ފޭބިއެވެ. ގޭތެރެއަށް ވަންނަމުން އަތްދަބަހުން ނެގި ޓިޝޫކޮޅުން ރީތިކޮށް ދެލޯ ފުހެލިއެވެ. އަދި ހަމަޖެހިލުމަށް ފުންނޭވާއެއް ބޭރުކޮށްލާފައި ސިޓިން ރޫމަށްވަނެވެ.
ފާޚާނާއިން ނުކުތް އަޒާންއަށް ސިޓިންރޫމު ދޮރު ލެއްޕި އަޑުއިވުމާއިއެކު ޔާނާ ގެއަށް އައީކަން އެނގުނެވެ. އަވަހަށް ކޮޓަރިން ނުކުތީ ދަރިފުޅު ދުށުމަށެވެ. މިއަދަކީ ޔާނާއަށް މާބުރަދުވަހެއް ހެން އަޒާނަށް ހީވީމައެވެ. ޔާނާގެ މޫޑު ރަނގަޅުކޮއްލުމުގެ ބޭނުމުގައެވެ. އޭނާއަށް ބަލާ ދެވޭގޮތް ނުވުމުން ވެސް ދަރިފުޅު ހުންނާނީ އިތުރަށް މާޔޫސްވެފައިހެން އަޒާނަށް ހީވީއެވެ. އަވަހަށް އައިސް ކޮޓަރީގެ ދޮރުހުޅުވާ ބޭރަށް ބޯދިއްކޮށްލި އިރު ޔާނާ ސިޑިން އަރައިގެން އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ސިޓިންރޫމުގެ ހޮޅިބުރި ދިއްލުމެއް ވެސް ނެތެވެ. އެހެންނޫނީ ޑިއުޓީ ނިންމާފައި ގެއަށް ވަންނަ ގޮތަށް ސިޓިންރޫމު ހޮޅިބުރި ދިއްލާލާނެވެ. އަވަހަށް ހެދުން ބަދަލުކޮށްގެން ބަދިގެ ފަރާތަށް ކާން އަންނާނެއެވެ.
ދަރިފުޅުގެ ހާލު ބަލާލަން އައިއިރު ޔާނާގެ ކޮޓަރީގެ ދޮރު ތަޅުލާފައި ހުރުމުން އަޒާން ހައިރާންވިއެވެ. ޔާނާ ކޮޓަރީގެ ދޮރު ތަޅުލާނީ އަޒާންއަށް ކޮންމެވެސް ކަމެއް ސިއްރުކުރަން ބޭނުންވީމަކަން އޭނައަށް އިނގެއެވެ. އެހެންވެ ކޮންމެ ގޮތެއް ހަދައިގެން ވެސް ޔާނާއާ ވާހަކަ ދެއްކުން އަޒާންއަށް މުހިންމުވިއެވެ. ދޮރުގައި ދެތިންފަހަރު ޓަކި ދިނުމުން އެންމެފަހުން ޔާނާ ދޮރުހުޅުވިއެވެ.
"ބައްޕަ ވެސް ދެންމެ އައީ. ހިނގާ ކާންދާން" އަޒާންއަށް ކަމެއް ފާހަގަ ނުވާކަމަށް ހަދާ އާދައިގެ ގޮތަކަށް ވާހަކަދެއްކިއެވެ.
"މިރޭ ކާހިތެއްނެތް. ނިދަން މިއުޅެނީ... ވަރަށް ވަރުބަލިވެފައި މި ހުރީ... ގުޑްނައިޓް ބައްޕާ" ޔާނާއަށް އަޒާންއާ ހަތަރުކަޅި ވެސް ހަމަކުރާން ނުކެރުނެވެ.
"ބައްޕައަށް އެނގޭ ދަރިފުޅު އެހާ އަވަހަކަށް ނުނިދާނޭކަން.... ބައްޕަ ވަންނަންތަ" އެއްކޮށް ދޮރުހުޅުވާލުމުގެ ބަދަލުގައި ޔާނާ ހުރީ ދޮރުފަތުގައި ހިފަހައްޓައިގެން ދޮރުފަތާ މީހާ ނިވާވެގެން ހުރި ކަހަލަ ގޮތަކަށް ކަމަށްވާތީ އަޒާން އަހހާލިއެވެ. އެއެއާއެކު ޔާނާ ދޮރުހުޅުވާލާފައި އެނބުރި އައިސް އޭނަގެ އެނދު ކައިރީ އަޒާނަށް ފުރަގަސް ދީގެން ހުއްޓެވެ. ޔާނާއަށް އޭނަގެ ބައްޕައާ ކުރިމަތިލައިގެން ހުރެ އެއްވެސް ވާހަކައެއް ދައްކަން ނުކެރުނީއެވެ. މީގެ ކުރިން އޭނަ ދުވަހަކުވެސް އަޒާންގެ އަމިއްލަ ކަންތައްތަކާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ބައްޕަގެ ހަޔާތުގައި ޔާނާއަށް ނޭނގޭ އެއްވެސް ކަމެއް ހިނގާފައިވާނޭ ހިތަކަށް ވެސް ނާރައެވެ. އަޒާންއާ ދައްކަން ނުކެރޭ އެއްވެސް ވާހަކައެއް ޔާނާގެ ނޯވެއެވެ. އެހެންނަމަވެސް މިހާރު ޔާނާ ހުރީ ޖެހިލުންވެފައެވެ. އަހަންބޭނުންވިޔަސް ނުކެރިފައެވެ. (ނުނިމޭ)