ކުޅިވަރު

ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ލެސްޓާ ޕޮއިންޓެއް ހޯދައިފި

Dec 24, 2017

ދިހަ ކުޅުންތެރިންނާއެކު މެޗުގެ ފަހުބައި ފުރިހަމަ ކުރި ލެސްޓާ ސިޓީއިން މެންޗެސްޓާ ޔުނައިޓެޑާއި އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.

މިނަތީޖާގެ ސަބަބުން ޔުނައިޓެޑާއި ސިޓީ އާއި ދެމެދު މިހާރު 13 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. ޔުނައިޓެޑަށް 42 ޕޮއިންޓު ލިބިފައިވާއިރު ސިޓީއަށް 55 ޕޮއިންޓް ލިބިފައި އެބައޮތެވެ. ލެސްޓާ މިހާރު އޮތީ އިންގިރޭސި ލީގު ތާވަލުގެ އަށް ވަނަ މަގާމުގައި 27 ޕޮއިންޓާއެކު އެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔާއި 27 ވަނަ މިނިޓުގަ އެވެ. ކައުންޓާ އެޓޭކް އެއްގައި އަލްޖީރިއާގެ ފޯވާޑް ރިޔާދް މަހްރޭޒްއަށް ލިބުނު ބޯޅަ ޔުނައިޓެޑުގެ ޑިފެންޑަރެއް ކާރިން ހިފަހައްޓާލުމަށްފަހު އޭރިއާ ތެރެއަށް ދުވެފައިވަން ވާޑީއަށް ކުޅުނެވެ. ވާޑީ ވަނީ އެއްފަހަރުން ބޯޅަ ގޯލްގެ ދުރުކަނަށް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޕެއިން މިޑްފިލްޑަރު ހުއާން މާޓާ އެވެ. ލެސްޓާ އޭރިއާ ތެރެއިން ޖެސީ ލިންގާޑް މާޓާއަށް ކުޅުނު ބޯޅަ މަޑުމަޑުން އޭނާ ވަނީ ގޯލްގެ ދުރު ކަނަށް ތިރިން ފޮނުވާލާފަ އެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގި ލަނޑުވެސް ކާމިޔާބުކޮށްދިނީ މާޓާ އެވެ. މާޓާ މިލަނޑު ކާމިޔާބުކުރީ ހިތްގައިމު ހިލޭ ޖެހުމަކުން ނެވެ.

ޔުނައިޓެޑުން ލީޑު ނެގުމާއެކު ލެސްޓާ ޓީމުން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ފަށާފައި ވަނިކޮށް އެކަމަށް ހުރަސް އެޅިގެންދިޔައީ 73 ވަނަ މިނިޓުގައި ލެސްޓާ ސިޓީގެ ޑެނިއަލް އަމާޓޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި ހިސާބުން ނެވެ.

މެޗުގައި ޔުނައިޓެޑުން ވަނީ ލީޑު އިތުރަށް ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް އެފުރުސަތުތަށް ނަގާލާފަ އެވެ. ނަތީޖާއަކަށްވީ މެޗުގެ 94 ވަނަ މިނިޓުގައި ލެސްޓާގެ ޑިފެންޑަރު ހެރީ މެގުއާ ޔުނައިޓެޑުގެ ޑިފެންޑަރުން ބޯމަތިން ފާޕޯސްޓަށް ވެއްޓުނު ހުރަސް ގޯލްގެ ތެރެއަށް ފައިން ވައްދާލުމެވެ.