ކުޅިވަރު

ރެއާލްގައި ބަދަލު ކުރަން ޖެހޭ ކަމެއް ނެތް: ޒިދާން

Dec 24, 2017

ބާސެލޯނާ އަތުން 3-0 ގެ ނަތީޖާ އަކުން ބަލިވި ނަމަވެސް، ރެއާލް މެޑްރިޑްގައި ބަދަލު ގެންނަންޖެހޭ މާބޮޑު ކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރެއާލް މެޗުން ބަލިވީ، ދެ ވަނަ ހާފަުގައި ބާސާއިން ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ޒިދާން ބުނީ ފުރަތަމަ ހާފަުގައި ރެއާލުން ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި ދެ ވަނަ ހާފުގައި އެ ޓީމަށް ގިނަ މިސްޓޭކްތަކެއް ހެދުނު ކަމަށާއި ޑިފެންސްވެސް ފެނީ ވަރަށް ދަށް ކޮށް ކަމަށެވެ.

"އަހަރެމެންނަށް މިސްޓޭކްތަކެއް ހެދުނު، ޑިފެންޑް ކުރެވުނީ ވަރަށް ދަށް ކޮށް މި ކަހަލަ މެޗުތަކެއްގައި އެކަން ވަރަށް ބޮޑަށް ފާހަގަ ވާނެ،" ބީއިން ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ޒިދާން ބުންޏެވެ. "އަހަރެމެންނަށް ކުރިއަށް ދެވުނީ އެންމެ ރަނގަޅަކަށް ނޫން، ބަލިވުމުން އިތުރަށް މަސައްކަތް ކުރަން ޖެހުނީ."

"ބަދަލު ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް، އަހަރެމެން ފެށީ ވަރަށް ރަނގަޅަށް، ފުރަތަމަ ހާފު ވަރަށް ރަނގަޅު، ފުރަތަމަ ހާފު އެހާ ރަނގަޅަށް ކުޅެވިފައި ފަހުން ބަލިވާން ޖެހުމުން މާ ބޮޑަށް އަސަރު ކުރާނެ، އަހަރެމެންނަށް ދެން ވަރަށް އުނދަގޫ ވާނެ ނަމަވެސް މިއީ ފުޓްބޯޅައިގައި ކަން ހިނގާނެ ގޮތް."

ބާސެލޯނާ އަށް ވުރެ 14 ޕޮއިންޓް ފަހަތުގައި އޮތަސް ރެއާލުން ފަހަތަށް ނުޖެހޭނެ ކަމަށާއި ހިތްވަރަށް ބަދަލެއް ނައިސް މަސައްކަތް ކުރާނެ ކަމަށް ޒިދާން ބުންޏެވެ. އިއްޔަގެ މެޗަކީ ފިނި މުސޫމަށް ލީގް މެދު ކަނޑާ ލުމަށްޓަކައި ރެއާލް އާއި ބާސާގެ ފަހު މެޗެވެ.

"މިހާރު އަހަރެމެން ފޯކަސް ކުރަންވީ ޗުއްޓީ ހޭދަ ކުރުމަށް، ހުރިހާ ކަމެއް ހަނދާން ނައްތާ ލުމަށްފަހު އާއިލާއާ އެކު އުފާވެރި ވަގުތު ތަކެއް ހޭދަ ކުރުމަށްފަހު އެނބުރި އަންނަންވީ، މިކަން އަދި ނިމުނީ ކީން ނޫން."

ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހަން މަގު ފަހިވީ ރެއާލްގެ މަޓާއޯ ކޮވަސިޗަށް ރަނގަޅު ޕޮޒިޝަންގައި ނުހުރެވުމުންނެވެ. އޭގެ ބަދަލުގައި ފުރަތަމަ 11 އަށް އެހެން ބަދަލުތަކެއް ގެނެސްގެން ނުނިކުތީ ކީއްވެތޯ ސުވާލު ކުރުމުން ޒިދާން ވަނި އޭނާގެ ނިންމުން ދިފާއު ކޮށްފަ އެވެ.

"ކޮވަސިޗް ޖެހެނީ މެސީ ބަލަހައްޓަން، ހަމަ ޔަގީން އޭނާ [ކޮވަސިޗް] އެކަން ވަރަށް ރަނގަޅަށް ކޮށްފި." ޒިދާން ބުންޏެވެ.