ވިޔަފާރި

އެމްޓީސީސީއިން ހުޅުމާލެ ޓަވަރު އަޅަން ސިންގަޕޫރު ކުންފުންޏަކަށް

Dec 24, 2017
9

އެމްޓީސީސީ "ހިޔާ" މަޝްރޫއުގެ ދަށުން ޓަވަރު އަޅަން، ސިންގަޕޫރުގެ އާރްއައި އިންޖިނިއަރިން ވޯކްސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޓީސީސީއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީއީއޯ އިބްރާހިމް ޒިއަތު އެވެ.

ސީއީއޯ ޒިއަތު "އަވަސް" އަށް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރީ ދެ އަހަރުން ނިންމަން ކަމަށެވެ. ނަމަވެސް މި މަސައްކަތް އެއް އަހަރާއި ބައިގެ ތެރޭގައި ނިންމާލާނެ ކަމަށް އެ ކުންފުނިން ބުނާކަމަށެވެ.

"މީގައި އެމްޓީސީސީއަށް އޮތް އެންމެ ބޮޑު އުފަލަކީ މި މަސައްކަތަށް ކުންފުނިން ފައިސާ ހޭދަ ކުރަން ނުޖެހުން. މުޅި މަޝްރޫއުގެ 100 ޕަސެންޓް ފައިނޭންސް ކުރާނީ އެ ކުންފުނިން،" ޒިއަތު ވިދާޅުވި އެވެ.

މީގައި އެމްޓީސީސީއަށް އޮތް އެންމެ ބޮޑު އުފަލަކީ މި މަސައްކަތަށް ކުންފުނިން ފައިސާ ހޭދަ ކުރަން ނުޖެހުން. މުޅި މަޝްރޫއުގެ 100 ޕަސެންޓް ފައިނޭންސް ކުރާނީ އެ ކުންފުނިން
ސީއީއޯ އިބްރާހިމް ޒިއަތު

އެމްޓީސީސީ ޓަވަރު އަޅަން ހަވާލުކުރި ކުންފުންޏަކީ މިހާރުވެސް ހުޅުމާލޭގައި މަސައްކަތް ކުރާ ކުންފުންޏެވެ. މި ކުންފުނިން ދަނީ ބައެއް ފްލެޓު އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެމްޓީސީސީން އޭރު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ހުޅުމާލޭގައި ދެ މިކްސްޑް ރެސިޑެންޝަލް ޓަވަރު އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަމުގެ ލިއުން ފޮނުވުމަށެވެ. އެއީ ކިތައް ބުރީގެ އިމާރާތެއް ކަމެއް އެކުންފުނިން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް އިމާރާތްތައް އަޅަން ހަމަޖެހިފައިވަނީ 10،000 އަކަފޫޓު ބިމެއްގައި ކަން ވަނީ އިއުލާނުގައި ބުނެފަ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ކަމަށްވާ ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އަޅާނެ އެވެ.