ދުނިޔެ

އެމިރޭޓްސް ތޫނިސްއަށް ދަތުރު ކުރުން މަނާކޮށްފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މައި އެއާލައިން އެމިރޭޓްސް ގެ މަތިންދާ ބޯޓަކަށް ތޫނިސްގެ އަންހެނުންތަކެއް ނޭރުވި މައްސަލައެއް ހޫނުވެ، އެ އެލާއިން އިން އެ ގައުމަށް ކުރަމުން އައި ދަތުރުތައް ހުއްޓުވައިފި އެވެ.

ތޫނިސް ސަރުކާރުން މިއަދު ބުނީ އެމިރޭޓްސްގެ މަތިންދާބޯޓުތައް އެގައުމަށް ދަތުރު ކުރަން ދެން ހުއްދަ ދޭނީ ބައިނަލް އަގުވާމީ ގާނޫނުތަކާ އެއްގޮތަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން އެ އެއާލައިނަަށް ލިބުމުން ކަމަށެވެ.

ޔޫއޭއީން ބުނީ ތޫނިސްގެ އަންހެނުންތައް މަތިންދާބޯޓަށް އެރުން ލަސްވީ ސަލާމަތީ މައުލޫމާތުތަކެއްގެ ސަބަބުން ކަމަށެވެ.

"ސަލާމަތީ މައުލޫމާތުތަކެއް ހޯދަން އަހަރެމެން މުވާސަލާތު ކުރިން. ހާއްސަ އުސޫލުތަކަށް އަމަލު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް އެކަން ވި. ތޫނިސްގެ އަންހެނުންގެ އަގު އަހަރެމެން ވަޒަން ކުރަން އަދި އެމީހުންނަށް އަހަރެމެން އިހުތިރާމް ކުރަން،" ޔޫއޭއީގެ ފޮރިން މިނިސްޓަރު އަންވަރު ގަރްގާޝް ވިދާޅުވި ކަމަށް ބީބީސީ ބުންޏެވެ.

ތޫނިސް ސަރުކާރުން ބުނީ އެގައުމުގެ އަންހެނުން ޔޫއޭއީއަށް ދަތުރު ކުރުމާއި އެގައުމުގައި ޓްރާންސިޓް ކުރުން ވެސް މަނާކުރި ކަމަށެވެ.

ފާއިތުވި ހަފުތާގައި ހިނގި އެކަންތައް އޮޅުން ފިލުވައި ދޭން ތޫނިސް ވަނީ އެގައުމުގައި ހުންނަވާ ޔޫއޭއީ ސަފީރަށް ހުކުރު ދުވަހު އަންގާފަ އެވެ. ޔޫއޭއީ ސަފީރު ހުކުރު ދުވަހު ވިދާޅުވީ ތޫނިސް އަންހެނުންނަށް އެޅީ ވަގުތީ ފިޔަޅެއް ކަމަށާއި އެ ފިޔަވަޅު މިހާރު އުވާލާފައިވާ ކަމަށެވެެ.

ތޫނިސް އަންހެނުން ދަތުރުކުރުން މަނާކުރި މައްސަލައިގައި ޔޫއޭއީއާ އެގައުމާ އޮންނަ ގުޅުން ވަނީ ހީނަރުވެފަ އެވެ. މިކަން މިހެން ހިނގާފައި މިވަނީ 2011 ވަނަ އަހަރު ތޫނިސްގައި ގެނައި އިންގިލާބަށް ފަހު ގުޅުން ވަރަށް ގޯސްވެފައި އޮތުމަށް ފަހު އަލުން ރަނގަޅުކުރަންް ފަށާފައިވާ ވަގުތެއްގަ އެވެ.