ދުނިޔެ

ޗައިނާއިން އުފެއްދި ބޮޑު ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފި

އެއްގަމާއި ކަނޑަށް ވެސް ތިރި ކުރެވޭ ގޮތަށް ޗައިނާއިން އުފެއްދި ބޮޑު މަތިންދާބޯޓް އޭގެ ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ބޯއިން 737 މަރުކާގެ މަތިންދާބޯޓަކާ ދާދި އެއްވަރު އެ މަތިންދާބޯޓް ފުރަތަމަ ދަތުރަށް އުދުއްސައިލީ ޗައިނާގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ގުއާންޑޮން ގެ ޒުހާއީ ނަމަކަށް ކިޔާ އެއާޕޯޓުންނެވެ.

ޓާބޯ ޕްރޮޕް ދެ އިންޖީނު އަޅާފައިވާ އެ މަތިންދާ ބޯޓުގައި އެއް ފަހަރާ ދަތުރު ކުރެވެނީ 50 މީހުންނަށެވެ. އެބޯޓަކީ މެދު ނުކެނޑި 12 ގަޑި އިރު ދަތުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. ޗައިނާ ސަރުކާރުން ކުރިން ބުނެފައިވަނީ އެ ބޯޓަކީ ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ހާއްސަ އުޅަނދެއް ކަމަށާއި އެހެން ނަމަވެސް އަސްކަރީ ކަންކަމަށް ވެސް ކަަމަށެވެ. ވިންގް ސްޕެން (އެއް ފަރާތު ފިޔަގަނޑުގެ ކޮޅުން ފެށިގެން އަނެއް ފަަރާތުގެ ފިޔަގަނޑުގެ ދުރުކޮޅާ ދެމެދު) 127 ފޫޓް ހުންނަ މިއީ އަރައިރުން ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރެވިދާނެ އުޅަނދެކެވެ.

އޭޖީ600 މަރުކާގެ އެބޯޓަށް ޗައިނާއިން ދީފައިވާ ކޯޑް ނަމަކީ "ކުންލޯން" އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން އެ ބޯޓް ސިފަކޮށްފައި ވަނީ "ކަނޑުގެ ހިޔާމަތުގެ ރޫހު" ގެ ގޮތުގަ އެވެ.

ޗައިނާގެ އިންޖިނޭރުން އަމިއްލައަށް ހުރިހާ މަސައްކަތެއް ކޮށްގެން އުފެއްދި މަތިންދާބޯޓް އުދުއްސައިލި މަންޒަރާއި ތިރިކުރި މަންޒަރު ވަނީ އެގައުމުގެ ޓީވީތަކުން ވަގުތުން ދުރަށް ދައްކާފައެވެ. އަދި އެބޯޓަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ މީހުންވެސް އެއްވިއެވެ. އެއުޅަނދުގެ މަސައްކަތް މުޅިން ނިމިފައި މިވަނީ އަށް އަހަރު ދުވަހުންނެވެ.