ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއް: އުތުރުކޮރެއާ

އެމެރިކާއިން އިސް ނަގައިގެން އުތުރުކޮރެއާއާ ދެކޮޅަށް އދ. އިން އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި އެގައުމުން ސިފަކޮށްފިއެވެ.

އުތުރުކޮރެއާ ފޮރިންް މިނިސްޓްރީން އާދީއްތަދުވަހު ބުނީ ފަހުން އެޅި ފިޔަވަޅުތަކަކީ އެގައުމު މުޅިން ހިސާރުކުރުމާ އެއްފަދަ ކަމެއް ކަމަށާއި އެކަމުގެ ފަހަތުގައި ތިބި މީހުންނަށް އަދަބުދޭނެ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން އުތުރުކޮރެއާއާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އެޅީ ހުކުރުދުވަހު ބޭއްވި ޖަލްސާއެއްގައެވެ. އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅަން ސަލާމަތީ މަޖިލީހުން ފާސްކުރީ އެމަޖިލީހުގެ 15 މެމްބަރުންގެ އިއްތިފާގުންނެވެ.

ފިޔަވަޅުތައް އެޅީ ފަހަކަށް އައިސް އުތުރުކޮރެއާއިން އިންޓަކޮންޓިނެންޓަލް ބެލިސްޓިިކް މިސައިލްތަކެއް ޓެސްޓްކޮށްފައި ވާތީއެވެ.

މިފަހަރު އެޅި ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ފަައްކާކޮށްފައިވާ ޕެޓްރޯލިއަމްގެ އުފެއްދުންތަކާއި ސާފު ނުކުރާ ތެޔޮވެސް ލިބުން ދަތި ކުރުމަށާއި ބޭރުު ގައުމުތަކުގައި މަސައްކަތް ކުރާ މީހުން ހޯދާ އާމްދަނީ ވެސް އެ ގައުމަށް ލިބުނަ ނުދިނުމަށެވެ.

އިއްޔެ ފާސް ކުރި ގަރާރުގައި ބުނެފައި ވަނީ އުތުރު ކޮރެއާއަށް ސާފު ނުކުރާ ތެޔޮ ވިއްކާ މިންވަރު އަހަރަކު ހަތަރު މިލިޔަންް ފީފާއަށް ދަށް ކުރުމަށެވެ. އަދި އުތުރު ކޮރެއާއިން އިތުރު ޓެސްޓެއް ކޮށްފި ނަމަ އެއަށް ވުރެވެސް ދަށް ކުރުމަށް ގަރާރުގައި ކަނޑައަޅާފައި ވެެއެވެ.

އުތުރު ކޮރެެއާއިން ފާއިތުވި ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހު ބުނެފައި ވަނީ އެމެރިކާގެ ހުރިހާ ސަރަހައްދަކަށް ފޯރާވަރުގެ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އެގައުމުން ކާމިޔާބުކަމާއި އެކު ޓެސްޓްކޮށްފައިވާ ކަމަށެވެ.

އުތުރުކޮރެއާއިން ކުރާ ޓެސްޓްތަކުގެ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ހޫނުވެފައެެވެ. އެގޮތުން އެމެރިކާއާއި އެގައުމާ ދެމެދު ބަދަލުކުރަމުންދާ ބަހުގެ ހަމަލާތަކުގެ ސަބަބުން ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެސް ކޮރެއާ ސަރަހައްދަށް ވަނީ ވެރިވެފައެވެ.