ފިނިޕޭޖް

ރާހަތު އަދި މީކާ ސިންގު އާ ބައްދަލުކޮށް ސެލްފީވެސް ނެގިދާނެ

އަހަރު ނިމި އާ އަހަރަށް މަރުހަބާ ކިޔާ އަދި މި އަހަރު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ފާހަގަކުުރުމަށް ބާއްވާ ޝޯއަށް މި އަހަރު ގެންނަން ހަމަޖެހިފައިވާ ދެ ލަވަ ކިޔުންތެރިން ކަމަށްވާ ރާހަތު ފަތެހު އަލީ ހާން އަދި މީކާ ސިންގާ ބައްދަލުކޮށްލަން ބޭނުންވާ މީހުންނަށް ޝޯ އިންތިޒާމްކުރި ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.

އޭގެ އިތުރުން ޝޯގެ ވީއައިޕީ ދެ ޓިކެޓުވެސް ލިބޭނެ އެވެ. އެ ފުރުސަތު ހޯދަން ބޭނުންނަމަ "ވެލްކަމް 2018" ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށްފަހު ޕްރޮފައިލް ފޮޓޯ ވެލްކަމް 2018 ގެ ފްރޭމަށް ބަދަލުކޮށްލަން ވީ އެވެ. ރެންޑޮމްކޮށް ހޮވޭ އެއް ފަރާތަކަށް ޝޯގެ ވީއައިޕީ ދެ ޓިކެޓް ހިލޭ ލިބޭނެ އެވެ. އަދި މީކާ ސިންގާއި ރާހަތު ފަތެހު އާ ބައްދަލުކޮށްލުމުގެ ފުރުސަތުވެސް ލިބޭނެ އެވެ. މި މަހުގެ 29ގެ ކުރިން ޕޭޖަށް ލައިކް ދީ ޕްރޮފައިލް ފޮޓޯ ބަދަލުކޮށްލާށެވެ.

ސަލްމާން ހާން ގެ "ބޮޑީގާޑް" ގެ "ތޭރީ މޭރީ"، އޯމްޝާންތި އޯމްގެ "ޖަގް ސޫނާ ސޫނާ ލަގެ" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ރާހަތު އަލީ ހާން އަކީ ޕާކިސްތާނުގެ މިއުޒިކީ އާއިލާއަކުން އުފަން ފަންނާނެކެވެ. އޭނާ އަކީ ޕާކިސްތާނުގެ ކަވާލީ ލަވަކިޔުންތެރިޔާ ނުސްރަތު ފަތޭ އަލީ ހާން އަށް ބޮޑުބޭބެ ކިޔާ ފަންނާނެކެވެ. ރާހަތު އެންމެ ފުރަތަމަ ލަވައެއް ކިޔާފައިވަނީ އުމުރުން ނުވަ އަހަރުގަ އެވެ. އޭގެ ފަހުން އޭނާގެ އުމުރުން 15 އަހަރުގެ ބޮޑުބޭބެގެ ކަވާލީ ގްރޫޕާއި ގުޅިފައިވެ އެވެ. އޭގެ ފަހުން ގިނަ ކޮންސެޓުތަކުގައި ސޯލޯ ލަވަތަކެއް އޭނާ ވަނީ ހުށަހަޅައިދީފަ އެވެ. ނުސްރަތު މަރުވުމަށްފަހު ކަވާލީ ގުރޫޕް ބޮޑަކަށްހުރެ ހިންގަނީ ރާހަތެވެ.

އިންޑިއާ އަށް އުފަން މީކާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ކޮމްޕޯސަރެއް، ޅެން ވެރިއެއް އަދި އެކްޓަރެއް ވެސް މެ އެވެ. މީކާ މަޝްހޫރުވެފައިވާ ލަވަތަކުގެ ތެރޭގައި "ބަސް އޭކް ކިންގް"، ޖަބް ވީ މެޓްގެ "މައުޖާ ހީ މައުޖާ"، ރައުޑީ ރާތޯރްގެ "ޗިންތާ ތާތާ ޗިތާ ޗިތާ" އަދި ހައުސްފުލްގެ "ދަންނޯ" ހިމެނެ އެވެ.

އޭނާ އަކީ ބޮލީވުޑްގެ ފޯރި ގަދަ ލަވަތައް ނުވަތަ "ޕާޓީ ލަވަ" ކިޔުމަށް މަޝްހޫރު ފަންނާނެކެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ހިމެނެނީ ސުލްތާންގެ "440 ވޯލްޓް"، ބަޖަރަންގީ ބައިޖާންގެ "އާޖް ކީ ޕާޓީ"، ކިކް ގެ "ޖުމްމޭ ކީ ރާތު"، ބަބްލޫ ހެޕީ ހޭ ކީ ގެ "ގަންދީ ބާތު" އަދި ފަޓާ ޕޯސްޓަރު ނިކްލޯގެ "ތު މެރޭ އަގަލް ބަގަލް" ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ ޝޯއަށް ބޮލީވުޑްގެ ތަރިންތަކެއް ގެނައުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެ ޝޯއަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ އިރު ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސްވަނީ ރާވާފަ އެވެ. އެ ޝޯގެ ޕޯސްޓަރުތައްވެސް މިހާރުވަނީ ރިލީޒްކޮށްފަ އެވެ. ނިއު އިޔާ ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެރޭ ހަވާ އަރުވަންވެސް ވަނީ ނިންމާފަ އެވެ. ޝޯ އަށް އާންމުކޮށް އެންމެނަށް ހިލޭ ވަދެވޭނެ އެވެ. އެރޭގެ 7:30 އިން ފެށިގެން ޝޯ އަށް މީހުން ވައްދަން ފަށާނެ އެވެ.