ހަބަރު

ބްރިޖް ހުޅުވަން ކުރީގެ ރައީސުންނަށް ދައުވަތު ދޭނަން: ރައީސް

ޗައިނާގެ އެހީއާއެކު، މާލެ އާއި ހުޅުލެ ގުޅުވާލުމަށް އަޅާ ޗައިނާ - މޯލްޑިވްސް ފެންޑްޝިޕް ބްރިޖް އަންނަ އަހަރު ހުޅުވާއިރު އެ ކުލަގަދަ ރަސްމިއްޔާތުގައި އެމަނިކުފާނާއެކު ބްރިޖް ހުޅުވުމަށް ދުނިޔޭގައި ތިއްބެވި ކުރީގެ ހުރިހާ ރައީސުންނަށާއި އިދިކޮޅު ހުރިހާ ލީޑަރުންނަށް ދައުވަތު އަރުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ބ. ކެންދޫއަށް ވަޑައިގެން، ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރުންނަށް ދައުވަތު އަރުވާނެކަން ރައީސް ހާމަ ކުރެއްވީ، އެ ބޭފުޅުން ބްރިޖާ ގުޅޭ ގޮތުން ސަރުކާރަށް އަމާޒު ކުރައްވާ ފާޑު ކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި ބަލަނީ އަންނަ އަހަރު މެދާ ހިސާބަށްދާއިރު މި ހުރިހާ ސިޔާސީ ލީޑަރުންނަށް، ކުރީގަ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވާނަން ބްރިޖަށް ވަޑައިގެން އަޅުގަނޑާއެކު ބްރިޖް ހުޅުވަން، އެ ދުވަހު އަޅުގަނޑު އަޑު އަހާލަން ބޭނުންވާނެ އެ ބޭފުޅުންގެ އަރިހުން އެ ބޭފުޅުންނަށް ބްރިޖް ފެނިވަޑައިގެންނެވިތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާރު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މިފަހުން ބޭއްވި ބޮޑެތި ހަފުލާާތަކަށް ސަރުކާރުން އެމަނިކުފާނަށް ދައުވަތު ވެސް އަރުވާފައެއް ނުވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ޖަލު ހުކުމަށް ފިއްލަވައިގެން އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެންނެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދު މިހާރު ވެސް ސަރުކާރުގެ ހަފުލާތަކުގައި ބައިވެރިވަޑައިގަންނަވަ އެވެ. ދެން ތިއްބެވި އެހެން ސިޔާސީ ލީޑަރުންނަށް ބަލާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހުންނެވީ ޖަލު ހުކުމަށް ފިއްލަވައިގެން ޖަރުމަންވިލާތުގަ އެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ލަންޑަނުގަ އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ކެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމުގެ ހިޔާލަކީ މީގެ ކުރިން ވެރިކަން ކުރެއްވި ތިން ރައީސުން ވެސް ގެންގުޅުއްވި ހިޔާލެއް ކަމަށެވެ. އެ ރައީސުންނާ ހަމައިން ވެސް ބްރިޖަކީ މުހިންމު ބްރިޖެއް ކަމަށެވެ. އޭރު އެކަން ނުފުދި، މިހާރު އެހެން ރައީސްއަކު އެކަން ކުރައްވަމުން ގެންދިޔުމަކީ އެއީ މުހިންމު ކަމެއް ނޫން ކަމެއް ދެކެންޖެހޭ ސަބަބެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ބްރިޖަށް ހޭދަކުރާ 300 މިލިއަން ޑޮލަރުން އެއަށްވުރެ މާ ރަނގަޅު އެހެން ކަންކަން ކުރެވިދާނެ ކަމަށް ވިދާޅުވާ ކަމަށްވާނަމަ އަޅުގަނޑު ދަންނަވާނީ އެއީ އޮޅުމެކޭ، މާލެއަކީ ހުރިހާ އެންމެން ތަނެއް، ހުޅުމާލެއަކީ އެންމެން ހިޖުރަކުރަން އޮތް މަދީނާއެއް، ރާއްޖޭގެ ޒުވާނުންނަށް ފުރުސަތުތައް އޮތީ ބޯހިޔާވެހިކަމުގެ ފުރުސަތުތައް އޮތީ މިދެންނެވި ސަރަހައްދުގަ، އެހެންވީމަ މި ތަންތަން ގުޅުވައިދޭ ފާލަމަކީ އޭގެ ސަބަބުން ދިވެހި ހުރިހާ ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ބްރިޖް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ފެށޭ އަހަރުގެ މިނިވަން ދުވަހަށް ބްރިޖް ނިންމައި ހުޅުވޭވަރުވާނެ އެވެ. ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.