ބޮލީވުޑް

އާލިއާ އާ ހެދި "ސަޅަކް 2" ފެށުން ލަސްވެއްޖެ

ޒުވާން ތަރިންގެ ތެރެއިން އެންމެ ބުރަކޮށް އުޅޭ އަދި އެންމެ ބިޒީ ތަރި އަކީ އާލިއާ ބަޓް އެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި ދެން އެންމެ އަވަހަށް ރިލީޒްވާ އޭނާގެ ފިލްމު، "ރާޒީ" ގެ ޝޫޓިން ނިންމުމަށްފަހު އާލިއާ ތައްޔާރުވަމުން އަންނަނީ ރަންބީރު ކަޕޫރާއެކު ކުޅޭ ފުރަތަމަ ފިލްމު "ބްރަހަމަޝްރަތް" ގެ ޝޫޓިންގެ ކުރިން ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމުގެ މަސައްކަތެވެ.

އެ ފިލްމުގެ އިތުރުން ރަންވީރު ސިންގާ އެކު ކުޅޭ ފުރަތަމަ ފިލްމުު "ގަލީ ބޯއިސް" ގެ ޝޫޓިން ވެސް އަންނަ އަހަރުގެ ތެރޭގައި ނަގަން ޖެހެ އެވެ. އަދި "އާޝިގީ 3" އާއި "ޝިއްދަތު" އަދި "ޝުއްދީ" ގެ އިތުރުން "ސަޅަކް 2" އަކީ ވެސް އާލިއާ އަށް ހުށަހެޅުންތައް ލިބިފައިހުރި ފިލްމުތަކެވެ.

އެ ފިލްމުތަކުގެ ތެރެއިން "ސަޅަކް 2" އަކީ އާލިއާގެ އެއްބަފާ ދައްތަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޕޫޖާ ބަޓް ޑައިރެކްޓްކުރާ ފިލްމެކެވެ. އެ ފިލްމު ކުޅެން އާލިއާ ސޮއިކޮށްފައިވާއިރު، އަންނަ އަހަރުގެ ކުރީކޮޅު "ބްރަހަމަޝްތްރަ" އާއި "ގަލީ ބޯއިސް" ގެ ޝޫޓިންގައި އޭނާ ބިޒީވުމުގެ ސަބަބުން އެ ފިލްމުގެ ޝޫޓިން ފެށުން ލަސްކޮށްފަ އެވެ.

އެ ދެ ފިލްމުގެ ޝޫޓިންގައި ބިޒީވާނެތީ "ސަޅަކް 2" ގެ ޝޫޓިން އަށް އާލިއާ އަށް ވަގުތު ދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އާލިއާގެ ބައްޕަ މަހޭޝް ބަޓް ޕްރޮޑިއުސްކުރާ އެ ފިލްމުގައި އޭނާ އާއެކު ލީޑްރޯލުން ފެނިގެންދާނީ އެ ސިލްސިލާގެ ފުރަތަމަ ފިލްމުގައި ފެނިގެންދިޔަ އެކްޓަރު ސަންޖޭ ދަތެވެ. 1991 ވަނަ އަހަރު ނިކުތް "ސަޅަކް" ގައި ބަތަލާގެ ރޯލު ކުޅެފައިވަނީ ޕޫޖާ އެވެ. އެ ފިލްމަކީ ހަށިވިއްކާ އަންހެން ކުއްޖަކު ދެކެ ލޯބިވާ ޒުވާން ފިރިހެން ކުއްޖަކު އޭނާގެ ހިތްއަތުލުމަށް ކުރާ މަސައްކަތް ފެނިގެންދާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

"ސަޅަކް 2" ގައި އާލިއާ ފެނިގެންދާނެ ކަމަށްވަނީ ސަންޖޭގެ އަންހެން ދަރިފުޅުގެ ރޯލުންނެވެ. އެ ފިލްމުގެ ލީޑްތަރިންނާއި ޑައިރެކްޓްކުރާނެ ފަރާތް ފިޔަވައި އިތުރު މައުލޫމާތެއް ހާމައެއްނުކުރެ އެވެ.