(24 ޑިސެމްބަރ 2017 އާ ގުޅޭ)
ޔާނާއަށް އޭނަގެ ބައްޕައާ ކުރިމަތިލައިގެން ހުރެ އެއްވެސް ވާހަކައެއް ދައްކަން ނުކެރުނީއެވެ. މީގެ ކުރިން އޭނަ ދުވަހަކުވެސް އަޒާންގެ އަމިއްލަ ކަންތައްތަކާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ބައްޕަގެ ހަޔާތުގައި ޔާނާއަށް ނޭނގޭ އެއްވެސް ކަމެއް ހިނގާފައިވާނޭ ހިތަކަށް ވެސް ނާރައެވެ. އަޒާންއާ ދައްކަން ނުކެރޭ އެއްވެސް ވާހަކައެއް ޔާނާގެ ނޯވެއެވެ. އެހެންނަމަވެސް މިހާރު ޔާނާ ހުރީ ޖެހިލުންވެފައެވެ. އަހަންބޭނުންވިޔަސް ނުކެރިފައެވެ.
ކޮޓަރިއަށް ވެރިވެފައި އޮތް ފަނޑުއަލިކަމުގެ ސަބަބުން ބޮކީގެ އަލިގަދަކޮއްލުމަށް އަޒާން އުޅުމުން އެކަން ޔާނާ ހުއްޓުވިއެވެ. ޔާނާގެ މޫނުގައިވާ އަސަރުތައް އަޒާނަށް ފެންނަން އޭނާ ބޭނުންނުވީއެވެ. އެކަމުގެ ސަބަބުން އަޒާން ވަކިން ބޮޑަށް ހައިރާންވިއެވެ. އެންމެ ފުރަތަމަ އެ ހިތަށް އައިނަމަކީ ޒޭންގެ ނަމެވެ. ޔާނާ ފޮރުވަނީ ޒޭންގެ ކަމެއްބާއޭ އަޒާންގެ ހިތަށް އެރިއެވެ. އޭނަގެ ހިތަށް އޭރު އަރަމުން ދިޔަ ފަދަ ނުބައި ޢަމަލެއް ޒޭން ހިންގާފައިވާނަމަ އަޒާންގެ ރުޅި ކޮންޓްރޯލުން ނައްޓާނެކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. މިހާރުގެ ޒުވާނުންގެ ކިބައިން އަޒާނަށް ފެންނަނީ ރަނގަޅު ކަންތައްތަކަށްވުރެ ގޯސް ކަންތައްތަކެވެ. އެހެންވެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ހަޔާތް ބަރުބާދުވެދާނޭތީ އަޒާން ނުހަނު ކަންބޮޑުވެއެވެ. ޒޭންއާއި ޔާނާގެ ދެމެދުގައި އޮންނަނީ ރަޙުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއްކަން އަޒާނަށް އެނގެއެވެ. ޒޭންއަކީ ކޮންގެއަކު ކާކުގެ ދަރިއެއްކަން ވެސް އަޒާނަށް އަދި ނޭނގެއެވެ. ޒޭންއަށް އިތުބާރުކުރާން ދަތިވަނީ އެހެންވެއެވެ. މި ނޫނީ ޔާނާ ވެސް ފިރިހެންކުއްޖަކާ މެދު ޝައުގުވެރިކަން އުފެދިގެން އުޅެނިކޮށް އަޒާން ނުދެކެއެވެ. ޚީޔާލުތަކުން ސިކުނޑިއަށް ނުތަނަވަސްކަން ލިބެމުންދިޔައީތީ އަޒާނަށް ބޮލުގައި އަތް ހާކާލެވުނެވެ.
"ދަރިފުޅު އަނގައިން ނުބުނެ ތިހުންނަނީ ކީއްވެތަ، ހީވަނީ ވާހަކައެއް ބުނަން ނުކެރިގެން ދަރިފުޅު އުޅޭހެން... ބައްޕަ ގާތުގައި ބުނަން ނުކެރިގެން ތި އުޅެނީ ކޮންވާހަކައެއްތޯ އަހާލެވިދާނެތަ" އަޒާންގެ ހިތުގައި ކޮންމެއެއްޗެއް އޮތްކަމުގައި ވިޔަސް އޭނަގެ ލޯބިވާ ދަރިފުޅާ ވާހަކަ ދެއްކީ އޯގާތެރިކަމާއިއެކުއެވެ.
"ބައްޕާ!... އަޅުގަނޑު ވާހަކައެއް އެހުމުން ރުޅިއަންނާނަންތަ؟" ޔާނާ ކުރި ސުވާލުން އަޒާންއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޔާނާ އެ ކުރި ސުވާލުން އޭނާއަށް ކަމެއްވެފައި ހުރިހެން އޭނައަށް ހީނުވީތީއެވެ. އެހެންނަމަވެސް ޔަގީންކުރާން އަޒާން ބޭނުންވިއެވެ.
"އަހާލަބަލަ!... ބައްޕަ ރުޅިއަންނާނެ ކަންތައްތައް ޔާނާއަށް އެނގޭނެކަމަށް ބައްޕަ ހީކުރީ. އެކަހަލަ ކަމެއް ޔާނާއަށް ކުރެވުނީތަ؟" އަޒާން ވާހަކަދެއްކީ ވަރަށް ވިސްނައިގެން ހުރެއެވެ.
"އަޅުގަނޑު ގޯސްކަމެއް ނުކުރަމޭ... އެކަމަކު ބައްޕަގެ ލައިފްއާ ބެހޭ ޕާރސަނަލް ސުވާލެއް ކުރަންވެގެން... އޯކޭތަ؟ ބައްޕަ ހަމަ ރުޅިނާންނާނަންތަ؟" ޔާނާ ވެސް ޔަގީން ކުރިއެވެ.
"ޕާރސަނަލަން އޭ! ހެ ހެ ހެ ހެ... ބައްޕަގެ ޕާރސަނަލް ލައިފްއަކީ ދަރިފުޅާއި ދަރިފުޅުގެ މަންމައެއްނު" އަޒާން ހިނިއައިސްފައި ބުނެލިއެވެ. ޔާނާ މިރޭ ކީކޭ ކިޔަން އުޅޭ ރެއެއް ބާއޭ އަޒާން ހިތަށްއެރިއެވެ. އަނެއްކާ ހޮސްޕިޓަލުގައި އޮތް މާ ހާލުބޮޑު ބަލިމީހެއްކައިރިއަށް ދާންޖެހުނީކަންނޭގެއެވެ. ޔާނާއަކީ އޯގާތެރި ކުއްޖެއްކަން އަޒާން ހަނދާން ނައްތައެއްނުލައެވެ. ހިނިއައިސްފައި ހުރެ ދަރިފުޅާ ގާތަށް އަޒާން ފިޔަވަޅެއް އަޅާލިއެވެ.
"އެހެންވީރު މިންނު އެއީ ކާކު" ޔާނާ ދެއަތްޖޯޑުކޮށް މޭގައި ޖައްސާލައިގެން ހުރެ އަހާލިއެވެ. ކުރިމަތީ ހުރި ބައްޕަގެ ފަރާތުން ފެންނާނީ ކޮންކަހަލަ އަސަރުތަކެއްކަމެއް ލަފާކޮށްލަން ވެސް ޔާނާއަށް ނޭނގެއެވެ. މީހާ ހުރީ އިންތިހާއަށް ފިނިވެފައެވެ.
ޔާނާގެ ދުލުން އިވިގެން ދިޔަ ބަސްތަކާއެކު ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި އަޒާން ވަގުތުން ގަނޑުވިއެވެ. ޤަބޫލުކުރާން ދަތިވެފައި ހުރި މީހަކު ފަދައިން ދަރިފުޅަށް ނަޒަރު ހުއްޓާލައިގެން ހުރީ އެސްފިޔަ ޖަހާލުމެއްނެތިއެވެ. އޭނައަށް އަޑުއިވުނީ ހަމަރަނގަޅަށް ބާއޭ އަމިއްލަ ހިތާޢި ޟަމީރާ އަޒާން ސުވާލުކުރިއެވެ.
"ބައްޕަ ދަންނަންތަ މިންނު؟" އަނގައިން ނުބުނެވި ގަބުވެފައި އަޒާން ހުއްޓާ ދެވަނަ ފަހަރަށް ޔާނާ ބުނި އެއްޗެއް ތަކުރާރު ކުރިއެވެ. އަޒާންއާ ގާތަށް ފިޔަވަޅެއް މިފަހަރު އެޅީ ޔާނާއެވެ. ކޮޓަރީގައިވާ ފަނޑު އަލިކަމުގެ ތެރޭން ވެސް އަޒާންގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެކަން ޔާނާއަށް ނަގައިގަނެވުނެވެ.
"ނޫން! ނުދަންނަން! އެއީ... އެއީ ކާކުތަ؟" ހިތަށް ކުރެވިގެން ދިޔަ އިހުސާސްތަކުން އަޒާނަށް އިސްޖަހާލެވުނެވެ.
"އާ ޔޫ ޝުއަރ ބައްޕާ! ހަމަ އެއްވެސް ވަރަކަށް ނުދަންނަންތަ މިންނު ކިޔާ އަންހެން ކުއްޖެއް. ފަހަރެއްގަ ބައްޕަ ހަނދާންނެތިފަ ހުރެ ދާނެއެއްނު.... ޓްރައި ޓު ރިމެމްބަރ..." އަޒާންގެ ހަޔާތުން ބީވެގެން ދިޔަ މިންނުގެ ވާހަކަކަން މި ދައްކަނީ ޔާނާ ބުނެދޭން ބޭނުންވިއެވެ. އެހެންވިޔަސް ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔާދިނުމުގެ ބަދަލުގައި ޔާނާ ވެސް ބޭނުންވީ އަޒާންގެ ފަރާތުން ކަންތައްތަކެއް ޔަގީންކުރާށެވެ.
"ދެން އަވަހަށް ނިދަން އުޅޭ!... ބުނީމެއްނު ދަރިފުޅު ތި ހުރީ ވަރަށް ވަރުބަލިވެފައޭ، ބައްޕަ ނުދަންނަން ތި ނަންކިޔާ އެއްވެސް މީހެއް.... ވަރަށް ހެދުނާ އޮފީހަށް ދާން ވެސް އެބައޮތް، ބައްޕަ ވެސް މިދަނީ ނިދަން" ޔާނާގެ ފަރާތުން އިތުރު ސުވާލެއް ކުރިމަތި ނުވަނީސް އަޒާން އަވަސް އަރުވާލާފައި އެ ކޮޓަރިން ނުކުމެގެން ދިޔައެވެ.
"މިންނުއަކީ ކާކުކަން ބައްޕައަށް އެނގޭ... އަހަންނަށް އެކަން ޔަގީންވެއްޖެ... ބައްޕައަށް ނޭނގުނު މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްކަން. މާދަމާ އޮފީހަށް ދާން ނުޖެހޭނެކަން. މިންނުއަކީ ކާކުކަން ބައްޕައަށް އެނގޭ" އަޒާން ނުކުމެގެން ދަމުން ލައްޕާލި ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެ ޔާނާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ކުރިމަތީގައި ހުރެފައި ދެންމެ އެ ދިޔައީ މިންނުގެ އަޒާންކަން ޔާނާއަށް ޔަގީންވެއްޖެއެވެ. މިންނު ލޯބިވި އަޒާން ހުރި ތަނެއް ހޯދިއްޖެއެވެ. ޔާނާގެ ބައްޕައަށް ވުމުގެ ކުރިން، ޝަމްލާގެ ފިރިމީހާއަށް ވުމުގެ ވެސް މާ ކުރިން އަޒާންއަކީ މިންނުގެ ހައްޤެކެވެ. އެ ދެމީހުންގެ ފުރަތަމަ އުލްފަތުގެ ގުލްޝަނުގައި ފޮޅުނު ލޯބީގެ މާ އަދިދަށް ދާންދެން ވެސް އެ ދެ ހިތުގައި މޯޅިވުމެއްނެތި ވާކަން ޔާނާއަށް ޔަގީންވިއެވެ. މިންނު މި ދުނިޔޭގައި ނެތްކަން އަޒާނަށް އަންގަން ޔާނާ ބޭނުންވި ނަމަވެސް އެކަން ކުރާނޭ ހިތްވަރެއް އޭނާގެ ނެތެވެ. އެ ޚަބަރު ދޭނީ ކިހިނެއް ކޮންވަގުތަކު ކަމެއް ވެސް ސިކުނޑިއަކަށް ނޭނގުނެވެ. މިންނުގެ ނަން އިވުމާއެކު އަޒާން އަވަހަށް އެ ދިޔައީ ކަމަކުން ފިލަން ދުވާ މީހަކު ފަދައިންނެވެ.
އަނދިރިކޮށް އޮތް ސިޓިންރޫމުގެ ސޯފައިގައި އަޒާން އިށީނދެލައިގެން އިންއިރު އެތަނުން އިވޭ ހަމައެކަނި އަޑަކީ މަތީގައި އެނބުރެމުންދިޔަ ފަންކާގެ ފިޔަތަކުގައި ވައިއަޅާ އަޑެވެ. އޭނަގެ ސިނކުޑީގައި ވަނީ ހައިޖާނެއް އުފެދިފައެވެ. ހިތްވަނީ އަވަސްވެފައެވެ. ނިތްކުރިން ފާޅުވަމުންދިޔަ ދާތިކިތައް ރޮނގު ހަދާފައި މޫނުން ފައިބަނީއެވެ. އަޒާނަށް އިނދެވުނީ އަވަނެއްގެ ތެރޭގައި ކަހަލައެވެ. ދެފަހަރަކު މޭގައި ފިރުމާލެވުނީ އާދަޔާ ޚިލާފަށް ތެޅެމުން ދިޔަ ހިތަށް ލުޔެއް ލިބޭތޯއެވެ. އެ ހުރިހާ ކަމެއްވެސް ގުޅިފައި އެވަނީ ހަމައެންމެ މީހަކާއެވެ. މިންނު އާއެވެ. އަޒާނާއި މިންނު ވަކިވިތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް މިންނުގެ ނަން ހިތުން ފުހެއެއް ނުލެވުނެވެ. ޔާނާއަށް މިންނު އެނގުނީ ކިހިނެއްބާއޭ އަޒާންގެ ހިތަށް އެރިއެވެ. މިންނުގެ ވާހަކަ އޭނަގެ ކައިރީ ދައްކާވަރުގެ މީހަކު ނުހުންނާނޭކަން އަޒާނަށް ޔަގީންވެއެވެ. ޔާނާގެ ދުލުން މިންނުގެ ނަންއިވިގެން ދިއުމުން ހީވީ އަޒާންގެ ޒަޚަމްވެފައިވާ ހިތުގައި އަޅާފައިވި މަލަންގަނޑު ދަމައިގަތްހެންނެވެ. ކުރިއަށްވުރެ ބޮޑަށް އެ ހިތް ޒަޚަމްވި ކަހަލައެވެ. މިންނުގެ ވާހަކަ ދުވަހަކުވެސް މީހެއްގެ ގާތުގައި ދައްކާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް އަޒާންގެ އަމިއްލަ ދަރިފުޅު މިންނުއާ ގުޅުވައިގެން އަޒާންއާ ސުވާލެއް ކުރާނީ އެ ކުއްޖާއަށް ވާހަކަތަކެއް އަޑުއިވިގެންކަން އަޒާނަށް ޤަބޫލުކުރެވެއެވެ. މިންނުގެ ވާހަކަ ދައްކާނެހާ ހިތްވަރެއް އަޒާންގެ ނެތެވެ. އޭނަގެ ހިތުގައިވާ އެއްޗެއް ޝަމްލާއަށް ފެންނާކަށް އަޒާން ބޭނުމެއްނޫނެވެ. ކައިވެނީގެ ކުންޏެއްޖެހިދާނޭތީއެވެ. ހަމައެއާއެކު މިންނުގެ ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވަން އަޒާން ބޭނުންވަނީއެވެ. ހާލަތައް ބޯލަނބައިގެން ހުންނަ މީހާގެ ފަރާތުން ފެންނަ ކޮންމެ ހިނިތުންވުމަކީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހިނިތުންވުމަކަށް ނުވެދާނެއެވެ. އެފަދަ ހިނިތުންވުމަކީ ދުނިޔޭގައި އުޅޭން ފަސޭހައަށް ހަޤީޤަތް ފަރުދާ ކުރުމަށް ޓަކައި ދެއްކޭ ދަޅައެކެވެ. އެކަން މިއަދު އަޒާނަށްވުރެ ރަނގަޅަށް އެނގޭނެ އެހެންމީހަކު ނުހުންނާނެކަން ގައިމެވެ. އެ ހިތުގައިވަނީ އަބަދަށް ޝިފާއެއްނުވާ ވޭނެކެވެ. އަމިއްލަ ހިތާ ކުރެވޭ ނިމުމެއްނެތް ޝަކުވާތަކެވެ.
* * * * *
އާދުވަހަކަށް އިރު އެރިއިރު ޒޭންއާއި ޔާނާގެ ހަޔާތަށް ތަފާތު ބަދަލުތަކެއް އައިސްފިއެވެ. އެތަކެއް އަހަރުތަކެއް ވަންދެން ނުރުހުމާއި ނަފުރަތުގެ އަލިފާނުގައި އަނދައަނދާ ހުރި ޒޭނަށް ދެވޭނުދެވޭ ތަނެއްނޭގި ހިނގަމުންދަނިކޮށް ކަނުއަނދިރިކަމުގެ ތެރެއިން އަލިކަމެއްގެ ތެރެއަށް ނުކުމެވުނު ކަހަލައެވެ. ފަތިސް ނަމާދަށްފަހު އާސަހަރާއަށް ޒޭންވަނީ ލޯބިވާ މަންމަގެ މަހާނަ ފުރަތަމަ ފަހަރަށް ދެކިލުމަށެވެ. އެ މަންމައަށް ހެޔޮރަހުމަތްލައްވާ ފާފަފުއްސެވުމަށްއެދި ދުޢާކުރިއެވެ. ޒޭންގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނުފައިބަމުން ދިޔައެވެ. ހަނދާންވަމުން ދިޔައީ އެންމެ ފަހަރުފަހަރަށް މަންމަ އޭނައަށް ގޮވާލަމުން ގާތަށް އައިސްދިނުމަށް އެދި ހަރަކާތްކޮށްލި ވަގުތުގެ މަތިންނެވެ. އެދުވަހު މަންމަގެ މޫނުމަތިން ފެނިގެން ދިޔަ އޯގާތެރި ހިނިތުންވުމާއި ކުލުނު ދެނެގަންނަން ޒޭންއަށް ނޭގުނީއެވެ. ދެއަތުން ލޯފުހެމުން ދިޔަ ޒޭން ސިހުނީ އޭނަގެ ފަހަތުން ކޮނޑުގައި މީހަކު ޖަހާލިހެން ހީވެގެންނެވެ. އަވަސް އަވަހަށް ފަހަތް ބަލާލިއިރު ހުރީ އާސަހަރާގެ މިސްކިތު މުދިމެވެ. އޭނަ ޒޭންއަށް ނަޞޭހަތްތެރިވިއެވެ. މަހާނައިގައިވަނީ ކޮންމެ މީހަކު ކަމުގައިވިޔަސް މިވަގުތަކީ ރޮއެ ހެދުމަށްވުރެ ކެތްތެރިވެ މައްޔިތާގެ މައްޗަށް ހެޔޮދުއާކުރަންވީ ވަގުތުކަމުގައި މުދިންބެ ޒޭންއަށް ވިސްނާދިނެވެ. އެ ދެއްކީ ރަނގަޅު ވާހަކަކަން ޒޭން ޤަބޫލުކުރިއެވެ. މަންމައަށް އޭނާގެ ފަރާތުން ވަރަށް ބޮޑު ހިތްދަތިކަމެއް ދެވިއްޖެއެވެ. އިތުރު ތަކުލީފެއް މަންމައަށް ލިބޭކަށް ޒޭން ނޭދެއެވެ. މަޑުމަޑުން މުދިންބެގެ ފަހަތުން ޒޭން ވެސް އާސަހަރާއިން ނުކުތީއެވެ.
* * * * *
"ބޮލުގަ ރިއްސަނީތަ" ޝަމްލާ ހެދުނު ސައިހަދާފައި އައިސް ކޮޓަރިއަށް ވަންއިރު އަޒާން އޮތީ ނިތުގައި އަތްބާއްވާލައިގެންނެވެ.
"ކުޑަކޮށް، އިރުކޮޅަކު އޮވެލަނިކޮށް ރަނގަޅުވެދާނެ ކަންނޭގެ" ޝަމްލާގެ ހިތްހަމަޖައްސާލުމަށް އަޒާން ބުންޏެވެ. ނަމަވެސް އޭނަގެ ހުރިހާ ރިހުމެއްގެ އަސްލަކީ އޭނަގެ އަލަތު ލޯތްބެވެ. ހައިރާންވެފައިވަނީ އެހަނދާންތައް ގެނުވީ އޭނަގެ ދަރިފުޅުކަމަށް ވީމައެވެ. ކަމުގެ ހަޤީޤަތް އޮޅުން ފިލުވަން ބޭނުންކަމުގައި ވިޔަސް އެކަން ކުރާނެހާ ހިތްވަރު ނެތްކަމެވެ.
"ހިނގާ ސައިބޯން، އޭރުން ތި ބޮލުގަ ރިއްސުން ވެސް ހިނގައިދާނެ، މިއަދު ޔާނާ ވެސް އެބައިން މާކުރިން ސައިބޯން ވަދެ" ޝަމްލާ ބުނެލިއެވެ.
ކާމޭޒުކައިރީ އިން ޔާނާ ފެނުމުން އަޒާން ޖެހިލުންވި ކަމުގައިވިޔަސް އެކަން ނުދެއްކުމަށް އޭނަ ވަރަށް މަސައްކަތްކުރިއެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް ހަރަކާތްތަށް ބަހައްޓަން މަސައްކަތްކުރީ ހަމައެކަނި އަޒާން އެއްނޫނެވެ. އެކަމުގައި ޔާނާ ވެސް ބައިވެރިވިއެވެ. ޔާނާއާއި އަޒާންގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކުގެ ހަގީގަތްނޭގެނީ ހަމައެކަނި ޝަމްލާއަށެވެ. އޭނައަށް އެންގުމުގެ އެއްވެސް ޝައުގުވެރިކަމެއް އެ ދެބަފައިންގެ މެދުގައި ނުވެއެވެ.
"ދަރިފުޅުގެ ފުރެންޑާއި ބައްޕަމެންނާ ބައްދަލުކޮއްދޭނީ ދެން ކޮންދުވަހަކުންތަ؟" އަޒާން މަސައްކަތްކުރީ ޚިޔާލު އެހެންކަމަކަށް އަނބުރާލާށެވެ.
"އަނެއްކާ ކާކު؟ ތީ އެއްވެސް ގޮތެއްނޫން، މަންމައަށް ކޮންމެ ކަމެއް ވެސް އެނގޭނީ އެންމެފަހުން"އަޒާންގެ ރޮށިތަށި މޮޑެދެން ހުރި ޝަމްލާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.
"ބައްޕަ ވެސް ދޯ.... ނިކަން އަޅުގަނޑު ކާގޮތަށް އަތުން ކާން ބައްޕަ ދަސްކުރާނީ ކޮންދުވަހަކުންތަ؟، އެހެންނޫނީ ބޭރުގެއެއްގައި އެންމެން އަތުން ކާންތިބޭއިރު ބައްޕަ އިންނާނީ ކާން ނުފެށިފަ" ޔާނާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
"އޭރުންވެސް އިރާދަކުރެއްވިއްޔާ މަންމަ ހުންނާނެއެއްނު ދޯ" ޝަމްލާ ހެމުން ބުނެލިއެވެ.
ޔާނާގެ އެ ޖުމްލަ އަޒާނަށްވީ ޝިކާރަވެރިއަކު އެއްލިދުނިދަނޑިއަކަށެވެ. މުޅިމީހާއަށް ޝޮކެއްލިބުނީ ޔާނާގެ އެޖުމްލައިގައި ފޮރުވިފައިވާ މާނައެއްއޮތްކަން އެނގޭތީއެވެ. އެ ދަރިފުޅުގެ މަގްޞަދަކީ ކޮބާބާއޭ އަޒާންގެ ހިތަށްއެރިއެވެ. އެކުއްޖާ ބޭނުންވެގެން އެ އުޅެނީ ކޮންކަމެއްބާއެވެ. އެ ހަނދާންތަކާއި އެ މާޒީގެ ސޮފުހާތަށް ދަރިފުޅަށް އެނގެންވީގޮތެއް އަޒާނަށް އެއްގޮތަކަށް ވެސް ނޭގުނެވެ.
"ޔާނާ ދެން ދަރިފުޅު ބުނެބަލަ، ބައްޕަ އެބުނާ ކުއްޖާ މަންމަމެންނާ ހަމައަށް ގެންނާނީ ކޮންއިރަކުންތަ" ޝަމްލާ އަނެއްކާ ވެސް ވާހަކަދައްކަންފެށިއެވެ. ޔާނާއަށް އޭނާގެ ބައްޕައަށް ދޭން ބޭނުންވި މަސެޖު ދެވިއްޖެކަން އެނގުނެވެ. އަޒާންގެ ނަޒަރު ވަގުތުން ޔާނާއާ ވަކިކޮށްލީއެވެ.
ކޮޓަރިއަށް މީހަކު ވަންކަން އެނގުމުން ހައިކަލްގެ މަރާލެވިފައިވި ދެލޯ ހުޅުވާލިއެވެ. އަދިވެސް އެ ޚިޔާލުތަކުގައިވަނީ މިލްނާއެވެ. ދެގޮތެއްނުވި ލޯތްބެވެ. މިންނުގެ ފޮނި ބަސްތަކާއި ލޯބިވެތި ފިރުމުންތަކެވެ. ހިތުގައި ބިންވަޅުނެގިފައިވި އެ ރީތި ސޫރައެވެ. ހައިކަލްގެ ހުވަފެންތަކުގެ މަލިކާ ވެސް މެއެވެ. ހައިކަލް ބަލިއެނދަށް ދިއުމަށް މެދުވެރި ސަބަބެއްކަމުގައި މިލްނާގެ ޑައިރީވެއެވެ. ހައިކަލްއަށް ކުރެވުނު ކުށުގެ ސަބަބުން މިލްނާގެ ދިރިއުޅުން ބަދަލުވިގޮތް ހައިކަލްއަށް އެނގުނީ އެ ޑައިރީގެ ސަބަބުންނެވެ. މިލްނާ ފާޅުނުކުރާ އެތައް ކަމެއް އެ ޑައިރީގައި ލިޔެފައި ވެއެވެ. އެ ހުރިހާ ކަމެއް ތަޙައްމަލު ކުރާން ހައިކަލްގެ ސިކުނޑިއަށް ކުޅަދާނަނުވުމުން މީހާ ޝޮކަށް ދިޔައީއެވެ. އެހެންނަމަވެސް މިލްނާގެ އިޙްސާސްތައް އެނގުނީތީ އޭނަ މިއަދު އުފާކުރެއެވެ. އެ ޑައިރީގެ ސަބަބުން ގެއްލިފައިވި ދަރިފުޅު އަނބުރާ ހޯދިއްޖެއެވެ. އުމުރަށްގެއްލުނުކަމަށް މިންނު ހީކުރި ލޯބި ވެސް އަލުން ލިބިއްޖެއެވެ.
"ބައްޕައަށް ކެއުމުގެ ހުއްދަ ޑޮކްޓަރު ދީފި، އިރުކޮޅަކުން އަންނާނެ އައިވީ ނައްޓާލަން" ޒޭން ހައިކަލްގެ ގާތު އިށީނދެލަމުންބުނެލިއެވެ. ޒޭންގެ ކުރިއަށްވުރެ ހަމަޖެހިފައިވާ މޫނު ފެނުމުން ހައިކަލްއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
"ދެން މިހާރު ދަރިފުޅު ވަކިގޮތެއް ނިންމައިފިންތަ؟" ހައިކަލް އަހާލިއެވެ.
"ޔެސް!... ބައްޕަ ގެއަށް ގެންދިއުމަށް ހުއްދަދިނުމުން އެހެން އެއްވެސް ކަމަކާ އުޅޭނީ. ޑަކްޓަރާ ދިމާވެގެން ބުނި މިއަދުގެ ވަގުތަކު ގެއަށް ފޮނުވާލަން ހުއްދަ ދޭނެކަމަށް" ޒޭންއަށް ހައިކަލް އަހަން އެ އުޅެނީ ކޮންވާހަކައެއްކަން އެނގުމުން ބުނެލިއެވެ.
"ބައްޕަ ބޭނުންވަނީ އެންމެ ފުރަތަމަތަކަމަށް ސުހައްތައާ ބައްދަލުކުރަން... ދަރިފުޅާއެކު ބައްޕަ ވެސް ދާންބޭނުން" ހައިކަލް ޒޭންއަށް ބަލަން އޮވެ ބުނެލިއެވެ.
"ބައްޕަބޭނުންވާ ގޮތަށް ތިކަން ކޮށްދޭނީ... ދެން އެކަމާ އެހާ ފިކުރުބޮޑުނުވޭ، އަޅުގަނޑު މި ހުރީ ބާއްޕައާއެކު، ދެން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް" ޒޭން ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ.
"ޔާނާގެ ޚަބަރެއް ދަރިފުޅު ބެލިންތަ؟" ހައިކަލް އަހާލިއެވެ.
"ނޫން! އަދި މިއުޅެނީ ޔާންއަށް ނުގުޅިގެން، އޭނަގެ ޚަބަރެއް ވެސް ނުވޭ" ޒޭން އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. (ނުނިމޭ)