ކުޅިވަރު

ކޮރޭޝިއާގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މޮޑްރިޗް

Dec 26, 2017
1

ކޮރޭޝިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ އެ ގައުމުގެ ގައުމީ ޓީމު ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ލުކަ މޮޑްރިޗް ކަމަށް، ކުރިން ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ކުޅުނު ކޮރޭޝިއާގެ ރަބަޓް ޕްރޮސިނެޗްކީ ބުނެފި އެވެ.

އަޒަރުބައިޖާންއަށް ދާދި ފަހުން ކޯޗް ކޮށްދިން ޕްރޮސިނެޗްކީ ވަނީ ކޮރޭޝިއާގެ ގައުމީ ޓީމުގެ އެސިސްޓޭންޓް ކޯޗްކަން ކުރި ކޮށްފަ އެވެ. އޭނާ ބުނީ ކޮރޭޝިއާގައި ގިނަ އަދަދެއްގެ މޮޅެތި ކުޅުންތެރިން އުފެއްދުނު ކަމަށާއި ނަމަވެސް އެ ހުރިހާ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކީ މޮޑްރިޗް ކަމަށެވެ.

ޕްރޮސިނެޗްކީ ފާހަގަ ކުރާ ގޮތުގައި، ރެއާލް އެންމެ ފަހުން ހޯދި ޗެމްޕިއަންސް ލީގްގެ ތިން ތަށިގައި ވެސް މޮޑްރިޗް މުހިންމު ހިއްސާއެއް އެބައޮތެވެ. ރެއާލްގެ ކޯޗް ޒައިނުއްދިން ޒިދާން ޓީމާ ހަވާލުވެ، ރެއާލްގެ މެދުތެރޭގައި މޮޑްރިޗަށް މުހިންމު ރޯލެއް ދިނެވެ. އޭނާ އަކީ ޓީމު ލައްވައި ކުޅުވުމުގެ މައި އާރުކާޓީ ކަމަށް ހެދި އެވެ.

"ނުފެނޭ މޮޑްރިޗަށް ކޮރޭޝިއާގެ ތާރީހްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ނުލިބޭނެ ގޮތެއް، ޕްރޮސިނެޗްކީ 48 ބުންޏެވެ. "އޭނާ ވަނީ ޗެމްޕިއަންސް ލީގް ތިން ތަށި ހޯދައިދީފައި، އަދި އެ ތިން ފަހަރު ވެސް އޭނާއަކީ ރެއާލް މެޑްރިޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ، އެ ތިން ފަހަރުވެސް އޭނާ ވަނީ ޗެމްޕިއަންސް ލީގްގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ."

އޭނާ ބުނީ މޮޑްރިޗް ހޯދާފައިވާ ތަށިތައް އެއްފަރާތް ކުރި ނަމަވެސް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މޮޑްރިޗް ފާހަގަ ވާނެ ކަމަށާއި އެއީ އެއީ ރެއާލް މެޑްރިޑްގެ ކުޅުމުގެ ސްޓައިލްގައި އޭނާގެ ނުފޫޒުގަދަ ކަމުން ކަމަށެވެ.