އެންމެ ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި، އެތުލެޓިކޯ މެޑްރިޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި، ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ރަޖިސްޓްރީ ވެގެންދާނެ އެވެ. ކުޅުމާ ދުރުގައި ހުންނަން ޖެހުނު ނަމަވެސް އެތުލެޓިކޯގައި ކޮސްޓާ ފަރިތަ ކުރަމުން ދަނީ މެޗަށް ތައްޔާރު ވަމުންދާ ގޮތަށް ކަމަށް އެ ޓީމުގެ ޑިފެންޑަރު ފިލިޕޭ ލުއިސް ވަނީ ބުނެފަ އެވެ.
"ޓްރެއިން ކުރަނީ އޭނާ މެޗުގައި ކުޅޭ ގޮތަށް،" ފިލިޕޭ ލުއިސް ބުންޏެވެ. އޭނާ ބުނީ ފަރިތަކުރުން ތަކުގައި އެގޮތަށް މަސައްކަތް ކުރަނީ ކޮސްޓާ އަމިއްލައަށް ކަަމަށެވެ.
"އޭނާ އަކީ ވަރަށް ވަރުގަދަ އަށް މަސައްކަތް ކުރާ ކުޅުންތެރިޔެއް،" ފިލިޕޭ ލުއިސް އިތުރަށް ބުނެފައި ވެއެވެ. ލުއިސް ބުނެފައި ވަނީ، ކޮސްޓާ އަކީ އެތުލެޓިކޯ ކުޅޭ ސްޓައިލްއާ އެއްގޮތް ކުޅުންތެރިޔެއް ކަމަށެވެ.
"ޑިއެގޯ [ކޮސްޓާ] އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް، ގިނަ އަދަދަކަށް ގޯލް ޖަހާ ކުޅުންތެރިޔެއް، އަދި މުހިންމު މެޗުތަކުގައި ގޯލް ޖަހާ ކުޅުންތެރިޔެއްވެސްމެ."
ނަމަވެސް އޮތް ސުވާލަކީ، ގިނަ ދުވަސްތަކުގެ މެދުކެނޑުމަކަށްފަހު އޭނާގެ އަސްލު ޖާދޫ ތަކުރާރު ކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. ކައިރި މާޒިގައި އެކަން އެންމެ ރަނގަޅަށް ފެނިފައި ވާނީ ވާދަވެރި ބާސެލޯނާ އިންނެވެ. އެތުލެޓިކޯ މެޑްރިޑުން، ބާސެލޯނާ އަށް ދިޔަ ތުރުކީ އާދަ ތުރާން، ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނީ މިދިޔަ އަހަރު ފެށުނު ފަހުންނެވެ. ނަމަވެސް، އެތުލެޓިކޯގައި ދެއްކި ކުޅުން، ބާސާގައި ތުރާން އަށް ނުދެއްކުނެވެ. ސެވިއްޔާ ދޫކޮށް، ބާސާ އަށް ބަދަލުވި އެލެކްސް ވިޑާލް އަށްވެސް ވީ އެހެންނެވެ.
ބާސާއަށް ވެސް ކުޅުންތެރިން ރަޖިސްޓްރީ ކުރުން މަނާވީ، 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ސޮއި ކުރުވުމުގައި ފީފާގެ ގަވާއިދާ ހިލާފަށް އަމަލު ކުރުމުންނެވެ. އެތުލެޓިކޯ އަށް ވެސް ލިބުނީ ހަމަ އެ އަދަބެވެ.
ކޮސްޓާ ރަޖިސްޓްރީ ކުރުމަށްފަހު، އެތުލެޓިކޯއިން އެންމެ ފުރަތަމަ ކުޅޭނެ މެޗަކަށް ވާނީ، އަންނަ ބުދަ ދުވަހު ކޮޕަޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގައި ލެއިޑާ ސްޕޯޓޫ އާ ދެކޮޅަށް ކުޅޭ މެޗެވެ. އަންނަ އަހަރުގެ ވޯލްޑްކަޕްގައި ސްޕެއިންގެ ޓީމުން ކޮސްޓާ އަށް ފުރުސަތު ލިބޭނީ ކުރިއަށް ހަތަރެއް ނުވަތަ ފަސް މަސް ދުވަހުގެ ތެރޭގައި އޭނާ ދައްކާ ކުޅުމެއްގެ މައްޗަށް ބިނާކޮށެވެ. ކޮސްޓާ އަކީ އެތުލެޓިކޯއިން 2014 ވަނަ އަހަރުގެ ސްޕެނިޝް ލީގް ހޯދިއިރު އެ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.