ދުނިޔެ

ހެޓްރިކާއެކު ހެރީ ކޭންއަށް ބޮޑު ރިކޯޑެއް

Dec 26, 2017

ސައުތުހެމްޓަންއާ ދެކޮޅަށް ހެދި ހެޓްރިކާއެކު ޕްރިމިއާ ލީގްގައި އެއް އަހަރު ތެރޭ އެންމެ ގިނައިން ލަނޑު ޖެހުމުގެ ރެކޯޑް ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް ހެރީ ކޭން ހަދައިފި އެވެ.

ކުރިން، މި ރެކޮޑް އޮންނަނީ ނިއުކާސަލް އާއި ބްލެކްބާންރޯވާސްއަށް ކުޅުނު އެލަން ޝިއެރާ އަތުގަ އެވެ. އެއީ މީގެ 22 އަހަރު ކުރިން 1995 ވަނަ އަހަރު އޭނާ ހެދި ރެކޯޑެކެވެ. އޭނާ ވަނީ 36 ލަނޑު ޖާހާފަ އެވެ. އެ އަހަރު އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބު ކުރީވެސް، ޝިއެރާ ކުޅުނު ބްލެކްބާން ރޯވާސް އެވެ. މިއަދު ކާމިޔާބު ކުރި ތިން ލަނޑާއެކު މިއަހަރު ޕްރިމިއާ ލީގްގައި ކޭން ކާމިޔާބު ކުރި ލަނޑުގެ އަދަދު 39 އަށް އެރީ އެވެ.

ޗެމްޕިއަންސް ލީގްގައިވެސް ކޭން ވަނީ ހަ ގޯލް ޖަހާފަ އެވެ. މި އަހަރު އޭނާ ކުލަބަށް ޖަހައިދިން ލަނޑުގެ އަދު 49 އެކެވެ، އެއަށްވުރެ އިތުރަށް ލަނޑު ޖަހާފައި ވާނީ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޕީއެސްޖީގެ އެޑިންސަން ކަވާނީ އެވެ. އެ ދެކުޅުންތެރިން މި އަހަރު ކުލަބަށް ޖަހައިދީފައި ވަނީ 50 ލަނޑެވެ.

ނަމަވެސް، ހުރިހާ މުބާރާތެއްގައި، ކޭޏް ޖެހި ލަނޑުގެ އަދަދު މެސީ އަށް ވުރެ ގިނަ އެވެ. މެސީ އަށް މި އަހަރު ޖެހުނީ 54 ގޯލެވެ، ކޭން ވަނީ 56 ގޯލް ޖަހާފަ އެވެ. މިއަދު ހެދި ހެޓްރިކާއެކު ޕްރިމިއާ ލީގްގައި މިއަހަރު ކޭން ހެދި ހެޓްރިކްގެ އަދަދުވެސް ހަޔަކަށް އެރީ އެވެ.

މިއަދުގެ މެޗު، ޓޮޓެންހަމް ކާމިޔާބު ކުރީ 5-2 ން ނެވެ. އެޓީމު އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ހިއުންގް މިން ސަން އާއި ޑެލީ އަލީ އެވެ. ސައުތުހެމްޓަންގެ ލަނޑުތައް ކާމިޔާބު ކުރީ ސޮފިއާން ބޫފުލް އާއި ޑޫޝަން ޓަޑިކް އެވެ.