ރިޕޯޓް

ބައިސިކަލެއް ހޯދަން ފެށި ދަތުރު، ހަޔާތުގެ ފަހު ދަތުރަށް!

ދިރިއުޅުން މާ ތަނަވަހެއް ނޫނެވެ؛ އެއްބަނޑު އެއްބަފާގެ 10 ކުދިން ތިބިއިރު ދިރި އުޅެނީ މަންމަ އާއި އެންމެ ދޮށީ ބޭބެ މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ އިންނެވެ. ތިން އަހަރު ކުރިން ކެންސަރު ބަލީގައި ބައްޕަ ނިޔާވުމުން ގދ. ވާދޫއަށް އުފަން އަރްޝަމް އިބްރާހީމްގެ އާއިލާގައި ހުސްކަން ބޮޑެވެ. އެހެން ކަމުން އަރުޝަމަށް ސްކޫލަށް ދާން ޖެހެނީ ހިނގާފަ އެވެ.

އެހެންވެ އޭނާ ބޭނުންވީ ބޭބެ އަކާއެކު މަހަށް ދާށެވެ. މަހަށް ގޮސްގެން ލިބޭ އާމްދަނީ އިން ސްކޫލަށް ދާން ބައިސްކަލެއް ގަންނާށެވެ. ބައިސްކަލުގައި ސްކޫލަށް ގޮސް ކިޔަވައިގެން މޮޅު ކުއްޖަކަށް ވެގެން ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުންނާށެވެ. އޭގެ ކުރިން އައްޑޫއަށް ގޮސް އައްޑޫ ބަލައިލަން ވެސް އޭނާގެ ހިތް އެދެމުންދިޔަ އެވެ.

އެ ފުރުސަތު ލިބުނީ ދުރުތާ ތިމާގެ ބޭބެއެއްގެ ފަރާތުންނެވެ. އެ ބޭބެ މަސައްކަތް ކުރާ މަސް ދޯނިންނެވެ. އެ ދޯނީގައި މަހަށް ނުކުމެ އުޅެނިކޮށް އައްޑޫއަށް ދެވުނީ ދޯނީގެ ޖަނަރޭޓަރު ހަދަން އައްޑޫއަށް ގެންގޮސްފައި ހުރީމަ އެވެ. މީގެ ދެ ދުވަހެއް ކުރިން އައްޑޫއަށް ދިޔައިރު ޖަނަރޭޓަރު ނުނިމޭތީ އައްޑޫގައި މަޑުކުރީ އެވެ. އޭރު އައްޑޫގައި އަރުޝަމްގެ ބޭބެއަކު ހުއްޓެވެ.

"އަޅުގަނޑުމެން އައްޑޫއަށް ދިޔައީ ކުރިން ހަދަން ވެގެން ގެންގޮސްފައި ހުރި ޖަނަރޭޓަރެއް ނިމޭނެއޭ ބަލައި އަންނާށޭ ގުޅީމަ، އައްޑޫއަށް އަޅުގަނޑުމެންނަށް ދެވުނީ އިއްޔެ ނޫން ކުރީ ދުވަހުގެ ހަވީރު، ކަންދިމާވި ގޮތުން އެރެއަށް ޖަނަރޭޓަރެއް ނުނިމުނު، އެހެންވެ އެކޮޅުގައި މަޑުކުރީ،" އަރުޝަމްއާއެކު އައްޑޫއަށް ދިޔަ އޭނާގެ ދުރުތާ ތިމާގެ ބޭބެއެއް ކަމަށްވާ މުހައްމަދު ޖުނައިދު ކިޔައިދިނެވެ.

އަރުޝަމް އެކްސިޑެންޓުވީ އިއްޔެ ހެނދުނު 9:50 ހާއިރު އެވެ. ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަރުޝަމް މަރުވިއިރު އޭނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ. ސައިކަލު ދުއްވަން އިނީ އޭނާ އާ ތިމާގެ ކުއްޖެކެވެ. ދިޔައީ ހިތަދޫގައި ހުރި ތިމާގެ މީހެއްގެ ގެއަށް ދިއުމަށެވެ.

"އިއްޔެ ހެނދުނު 9:15 ހާއިރު އިންނާނީ އަޅުގަނޑުމެންނާއެކު ރެސްޓޯރެންޓުގައި ސައިބޯން، އޭރުވެސް ދެއްކީ ކިޔަވާ ނިމިގެން ޓޫރިޒަމް ދާއިރާއަށް ނުކުންނަން ބޭނުންވާ ވާހަކަ، އެހެން އިނދެ އިނދެފަ ދިޔައީ ދައްތައެއްގެ ގެޔަށް ދާން ވެގެން،" ޖުނައިދު ބުންޏެވެ.

އިއްޔެގެ އެކްސިޑެންޓުގައި އަރުޝަމް މަރުވި އިރު އޭނާ ދިޔައި އާ އަހަރު ސްކޫލަށް ދާން ތައްޔާރުވަމުންނެވެ. އޭނާ ދިޔައީ ގްރޭޑް އަށަކަށެވެ. އޭގެ އިތުރުން އަރުޝަމަކީ ރާޅާ އެޅުމަށްވެސް މޮޅު ކުއްޖެކެވެ. އޭނާގެ މުޅި އާއިލާ އަކީ ރާޅާ އަޅާ އާއިލާ އެކެވ. މަންމަ އަކީވެސް ރާޅާ އެޅުންތެރި އެކެވެ.

މިއަދުގެ މެންދުރު ނަމާދަށްފަހު އައްޑޫގައި އަރުޝަމް ވަޅުލިއިރު އެއްބަނޑު އެއްބަފާ ތިން ބޭބެ ޖަނާޒާގައި ބައިވެރިވި އެވެ. މަންމަ އަކަށް ދެވޭ ގޮތެއް ނުވި އެވެ. އެ މަންމަގެ ހާލުވެސް ގޯސް ކަމަށް ޖުނައިދު ބުންޏެވެ.