ކުޅިވަރު

ފްރާންސްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކަންޓޭއަށް

Dec 27, 2017

ފްރާންސްގެ މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ މިޑްފީލްޑާ އެންގޯލާ ކަންޓޭ އެވޯޑް ހޯދައިފި އެވެ.

އެވޯޑްގައި ކަންޓޭއާ އެންމެ ގާތުން ވާދަ ކުރީ، ޕީއެސްޖީގެ ކިލިޔަން އެމްބަޕޭ އާއި ރެއާލް މެޑްރިޑްގެ ކަރީމް ބެންޒެމާ އެވެ. މި ދިޔަ ސީޒަންގައި މޮނާކޯގައި އަދި މި ސީޒަންގައި ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކިލިޔަން އެމްބަޕޭ އަށްވުރެ އިތުރަށް ކަންޓޭ އަށް ވަނީ ފަސް ވޯޓް ލިބިފަ އެވެ. ކަންޓޭ އަށް ލިބިފައި 92 ވޯޓެވެ.

މިދިޔަ ސީޒަންގެ، އިނގިރޭސި ޕްރިމިއާ ލީގް ޗެލްސީ އަށް ހޯދައި ދިނުމުގައި، ކަންޓޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެމްބަޕޭ ވަނީ، ފްރާންސް ލީގް މޮނަކޯއަށް ހޯދައިދީ، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް މޮނަކޯ ގެންގޮސްދީފަ އެވެ. ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގް ހޯދައިދިން ބެންޒެމާ އަށް ލިބިފައި ވަނީ ތިން ވަނަ އެވެ.

މިދިޔަ އަހަރު، މި އެވޯޑް ގެންދިޔައީ އެތުލެޓިކޯ މެޑްރިޑްގެ އެންޓްއާން ގްރީޒްމަން އެވެ.

ބެލަންޑޯ އެވޯޑް ލިސްޓްގައި ކަންޓޭ ހިމެނެނެނީ އެވޯޑް ގެންދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން އަށް ވަނައިގަ އެވެ. ކަންޓޭ އަކީ މިދިޔަ ދެ ސީޒަންގައި ވެސް ޕްރިމިއާ ލީގް ޗެމްޕިއަނެވެ. ލެސްޓާ ސިޓީ 2015 ވަނަ އަހަރު ލީގް ޗެމްޕިއަން ހޯދިއިރު އެ ޓީމުގައި ކަންޓޭ ވަނީ މޮޅު ކުޅުމެއް ދައްކަފަ އެވެ. އޭނާ އަކީ މިދިޔަ ސިޒަންގެ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އެވޯޑާއި ޕްރޮފިޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އެވޯޑް ގެންދިޔަ ކުޅުންތެރިޔާވެސް މެއެވެ.