"މީހަކާ އިނދެގެން އުޅޭ އަންހެނަކު ބަލިވެ އިނދެ އޭނާގެ ދެ ވަނަ ދަރިފުޅު ވިހައިފި އެވެ.
މިކަން ހިނގީ ދެމަފިރިކަމުގެ ގުޅުމަށް ފަހު ނުވަ މަސް ދުވަހު ބަލިވެ އިނުމަށް ފަހު އެވެ. މި އަންހެން މީހާ 2013 ވަނަ އަހަރު ވެސް ވަނީ ހަމަ މިގޮތަށް ދަރިއަކު ލިބިފަ އެވެ.
ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށްވެ އެވެ. ލިބުނު އަންހެން ދަރި ގޮވައިގެން، ކުރިން ލިބުނު ދަރިއާ އެކު މި މީހުން ހޮސްޕިޓަލުން ގެއަށް ދާނެ ކަމަށް ބެލެވެ އެވެ." މިއީ އިއްޔެ އިނގިރޭސި ޝާހީ އާއިލާ އަށް އުފަންވި ދެ ވަނަ ދަރިކަލުންގެ ޚަބަރު ދުނިޔޭގެ ބޮޑެތި ބައެއް ނޫސްތަކުގައި ޖެހި ގޮތެވެ.
އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުންނަށް ދެ ވަނަ ދަރިއަކު ލިބުނު ވާހަކަ އެވެ. ފުރަތަމަ ދަރިކަލުން ލިބުނުތާ އަދި ކިރިޔާ މިވީ އަހަރެކެވެ. އެކަމަކު އަނެއްކާ ބަލިވެ އިނދެ ވިހެއުމާ އެކު އަނެއްކާވެސް ހީވަނީ އެހެން ފަދަ ކަމެންހެންނެވެ. އެހެންވެ ބައެއް ނޫސްތަކުން ކުރިން ވެސް އަމަލުކުރާ ގޮތަށް މިފަހަރު ވެސް ޖެހީ ޖޯކެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޝާހީ އާއިލާ އަށް މެންބަރަކު އިތުރުވާ ކޮންމެ ފަހަރަކު މިހާވަރު އަރުވާލުމަކީ ޝާހީ އާއިލާ އިން ބޭނުންވާ ގޮތް ނޫން ކަމަށާއި އެކަމަކު މީޑިއާ އިން މިކަން ހިސާބަށް ވުރެ ބޮޑުކޮށްލަނީ ކަމަށެވެ. ކޭޓް އާލާސްވެ އިންނެވި ކަމުގެ ޚަބަރާ އެކު، ދަރީގެ ޖިންސާ މެދު ބާޖުމަރަން ފެށި އެވެ. އަންހެން ދަރިއެއްކަން އެނގުމާ އެކު މިހާރު އޮތީ ކިޔާނެ ނަމެއް ދިމާކުރުމެވެ. މި ހުރިހާ ކުޅިވަރެއް ވެސް އިނގިރޭސި މީޑިއާގައި ގެނެސްދެނީ އީދެއް ފަދައިންނެވެ.
އިނގިރޭސި ތަހުތާ ދެ ވަނަ އަށް އެންމެ ގާތުގައި ހުންނެވި ވިލިއަމަށް ލިބިވަޑައިގަންނަވާ ބޭފުޅަކު ވާނީ ތިން ވަނަ އަށް ތަހުތާ ގާތުގައި ހުންނަވާ ބޭފުޅަކަށެވެ. އެހެންވެ މި ދަރިކަލުންނަށް މިހާ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ސަބަބެއް ވެސް ނެތެވެ. އެހެންވެ އިނގިރޭސި ޝާހީ އާއިލާއަށް ބޭފުޅަކު އުފަންވުން މިހާ ބޮޑު ކަމެއްގެ ގޮތުގައި ހަދައިގެން އުޅުމަކީ ވަރަށް ބޭއިންސާފުން ކުރާކަމެއްގެ ގޮތުގައި ބުނާ މީހުން މިހާރު ވަނީ ގިނަވާން ފަށައިފަ އެވެ.
އެމެރިކާގައި ޕިއު ރީސާޗް ސެންޓަރުން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކޭޓް އާލާސްވެ އިންނެވުމާއި އެކަމާ ގުޅޭ ޚަބަރުތައް މީޑިއާ މެދުވެރިކޮށް ފޮލޯކުރަމުން ދިޔައީ އެމެރިކާގެ އެންމެ 25 ޕަސެންޓް މީހުންނެވެ. އެހެން ބައެއް ދިރާސާތައް ބުނާ ގޮތުން ވިލިއަމް އާއި ކޭޓްގެ ކައިވެނި ވެސް ހިމެނޭ ގޮތަށް 1986 ވަނަ އަހަރާ ހަމައަށް ޝާހީ އާއިލާގެ ބޮޑެތި ޚަބަރުތަކަށް ސަމާލުކަން ނުދޭ މީހުންގެ ނިސްބަތް 60 ޕަސެންޓަށް ވުރެ އިތުރެވެ. އެކަމަކު މި ކަންކަމުގެ ތެރެއިން އިސްތިސްނާ ވެފައި ވަނީ ވިލިއަމްގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ 1997 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި އަވަހާރަވި ހާދިސާގެ ޚަަބަރެވެ. އެ ޚަބަރަށް އެމެރިކާގެ 85 ޕަސެންޓް މީހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލާފައިވެ އެވެ.
ޑަޔާނާ އަވަހާރަވުމަށް ފަހު ޝާހީ އާއިލާ އަށް މިހާ ބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެ އެވެ. އެކަަމަކު ރަސްކަމުގެ ބާރުތައް މާ ދުރުގައި އޮތް ބޭފުޅަކަށް އަދި ހަމަ އެކަނި ރަމްޒީ މަގާމެއްގައި ހުންނެވި ބޭފުޅަކަށް މިހާ ބޮޑު ހާއްސަކަމެއް ދެވިގެން އުޅެނީ ކީއްވެެގެން ހެއްޔެވެ؟
އެންމެ ބޮޑު އެއް ސިއްރަކީ ޝާހީ އާއިލާގެ ވަރުގަދަ ޕަބްލިކް ރިލޭޝަންސް ޓީމެވެ. މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ވިލިއަމް އާއި އޭނާގެ ކޮއްކޮ ހެރީ އަށް މީޑިއާގެ ސަމާލުކަން އެހާ ބޮޑަށް ލިބިގެން ދިޔައީ ޕީއާރްގެ ސަބަބުންނެވެ. އިނގިރޭސި ޝާހީ އާއިލާގެ ތެރޭގައި ހުރިހާ ބާވަތެއްގެ މައްސަލަތައް ޖެހޭއިރު ވެސް ބޭރަށް ދައްކަނީ ހިޔާލީ ވާހަކަތަކުގައި ކިޔާ ފަދަ ރަސްކަމުގެ ކޮއިލު ތެރޭގެ ވާހަކަ އެވެ. ދުނިޔޭގެ އެތައް ހާސް ބަޔެއްގެ ސިކުނޑި އަށް އިނގިރޭސި ޝާހީ އާއިލާ ވަދެފައި ވަނީ އެގޮތަށެވެ.