ކުޅިވަރު

އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތު ވެންޑައިކް ލިވަޕޫލަށް

Dec 28, 2017

ސައުތު ހެމްޓަންއަށް ކުޅެމުން އަންނަ ހޮލެންޑްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް، ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލިވަޕޫލަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

މިދިޔަ ހޫނު މޫސުމުގް ޓްރާންސްފާ ޕީރިއަޑްގައިވެސް ލިވަޕޫލުން ވަނީ ވެންޑައިކް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. އޭރު އޭނާ ދޫކޮށްލަން ސައުތު ހެމްޓަންއިން ހުށަހެޅި އަގު ބޮޑު ކަމުން، ލިވަޕޫލުން މަސައްކަތް ހުއްޓާލީ އެވެ. އޭރު ސައުތުހެމްޓަންއާ އެކު ކުރި މަޝްވަރާތަކުގައި ލިވަޕޫލަށް ހުށެހެޅެން އޮތް އަގެއްގެ ގޮތުގައި އެ ޓީމުން އެއްބަސްވީ 60 މިލިއަން ޕައުންޑެވެ. ނަމަވެސް އެ އަގުގައި ވެންޑައިކް ދޫކޮށްލަން ސައުތުހެމްޓަންއިން ބޭނުން ނުވީ އެވެ.

މިފަހަރު ލިވަޕޫލުން ހުށަހެޅި 75 މިލިއަން ޕައުންޑްގެ އަގަށް ވެންޑައިކް ދޫކޮށްލަން ލިވަޕޫލުން އެއްބަސްވީ އެވެ. ދެ ޓީމުގެ ދެމުގައި ރަސްމީކޮށް އެއްބަސް ވެވުނަސް، ވެންޑައިކް ލިވަޕޫލާ ރަސްމީކޮށް ގުޅެނީ އަންނަ ހޯމަ ދުވަހުގެ ފަހުންނެވެ. ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑް ފެށެނީ ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

މުސާރައިގެ ގޮތުގައި ލިވަޕޫލުން ވެންޑައިކް އަށް ހަފުތާ އަކުން 180،000 ޕައުންޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ވެންޑައިކް ލިވަޕޫލްގައި ބޭނުން ކުރަނީ ހަތަރު ނަންބަރު ޖޯޒީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ވެންޑައިކް އާމެދު މެންޗެސްޓާ ސިޓީ އާއި ޗެލްސީންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ސްކޮޓްލޭންޑްގެ ސެލްޓިކުން، 2015 ވަނަ އަހަރު ސައުތުހެމްޓަން އަށް ވެންޑައިކް ބަދަލުވީ 11.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. ސެލްޓިކްގައި އޭނާ ފާހަގަ ކުރެވެނީ ބޮލުން މުހިންމު ގޯލްތަކެއް ޖަހާ ކުޅުންތެރިޔެއްގެ ގޮތުގައެވެ.