ކުޅިވަރު

މޮރީނިއޯގެ ވާހަކަތަކަށް ވެންގާ މޮޅު ޖަވާބެއް

Dec 28, 2017

މެންޗެސްޓާ ޔުނައިޓަޑްގައި 300 މިލިއަން ޕައުންޑާ ގާތް ކުރާ އަދަދަކަށް މޮރީނިއޯއަށް ހޭދަ ކުރެވުނު ނަމަވެސް، ވާދަވެރި މެންޗެސްޓާ ސިޓީ އާ ވާދަ ކުރެވޭ ފެންވަރަށް، ޔުނައިޓަޑް ނުފުދޭ ކަމަށް، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ދެއްކި ވާހަކަތަކަށް، އާސެނަލްގެ ކޯޗް އާސެން ވެންގާ ފުޓްބޯޅައިގެ ނަޒަރަކުން ފުރިހަމަ ޖަވާބެއް ދީފި އެވެ.

ބާންލީ އާ ދެކޮޅަށް، ހޯމަ ދުވަހު ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައި ވަނީ، މެންޗެސްޓާ ސިޓީން ހޭދަ ކުރާ ބޮޑު ހޭދައާ އެކު އެ ޓީމާ ވާދަ ކުރެވޭ ވަރަށް ޔުނައިޓަޑަށް ހޭދަ ކުރެވުނު އަދަދުން ނުފުދޭ ކަަމަށެވެ.

"މެންޗެސްޓާ ސިޓީ، ފުލު ބެކެއްވެސް ގެނައީ، ސްޓައިކަރެއް ގެންނަ އަގުގައި." މޮރީނިއޯ ބުނެފައި ވެއެވެ.

މޮރީނިއޯގެ އެ ވާހަކަތަކާ ގުޅިގެން، ވެންގާ ބުނީ، މާލީ ގޮތުން އާސެނަލްއާ އިނގިރޭސި ފުޓްބޯޅައިގެ އެންމެ މުއްސަދި ކުލަބުތަކާ، އަޅާ ނުކިޔޭނެ ކަމަށެވެ. ނަމަވެސް ލީގްގައި އެކުލަބުތަކާ ވާދަ ކުރަން 21 އަހަރު އޭނާ ހޭދަކޮށްފި ކަމަށެވެ.

އޭނާ ބުނީ، މުއްސަނދި ކުލަބުތަކާ މާލީގޮތުން ވާދަ ނުކުރެވުނަސް، އެކުލަބުތަކާ ވާދަ ކުރާނެ ގޮތެއް ދަސްކޮށް، ލީގްގައި އެކުލަބުތަކާ ވާދަ ކުރެވޭނެ ގޮތެއް ހަދަން ޖެހޭ ކަމަށެވެ.

"އަހަރެން މި މަގާމުގައި [އާސެނަލްގެ ކޯޗްގެ ގޮތުގައި] 21 އަހަރު ހޭދަ ކޮށްފިން، އެހެންވީމަ އަހަރެން، މިހާރު ޝަކުވާ ކުރާކަށް ނުފަށާނަން،" މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާ އާ ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.

"އަބަދުވެސް އޮވޭ އަހަރެމެންނަށް ވުރެ މުއްސަނދި އެއް ޓީމު ނުވަތަ ބައެއް ފަހަރު ހަތަރު ޓީމު، އެހެންވެ އަހަރެން ދަސް ކުރީ ކިހިނެއްތޯ އެ ކުލަބު ތަކާ އަހަރެމެން ވާދަ ކުރާނީ، އެކަމާ ޑިލް ކުރަނީ ކިހިނެއްތޯ، އަހަންނަށް ހީވަނީ އެންމެ މުހިންމު ކަމަކީ ވީ ވަރަކުން އަމިއްލަ ހާލަތާ ޑީލް ކުރުން ހެން."

"މެންޗެސްޓާ ސިޓީ އަހަރެމެންނަށް ވުރެ މުއްސަނދި، ޗެލްސީ އަހަރެމެންނަށްވުރެ މުއްސަނދި، މެންޗެސްޓާ ޔުނައިޓަޑް އަހަރެމެންނަށް ވުރެ މުއްސަނދި، އެހެންނަމަވެސް އަހަރެން ގަބޫލު ކުރަނީ، އަހަރެމެންނަށް ކާމިޔާބު ހޯދޭނެ ގޮތަކީ ކޮބައިތޯ އަހަރެމެން ހޯދަން ޖެހޭހެން، އެކުލަބުތަކާ ވާދަ ކުރެވޭނެ ގޮތެއް ހޯދަން ޖެހޭނެ ހެން."

ވެންގާ ބުނީ ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑްގައި އޭނާ ފެނިގެން ދާނީ ވަރަށް ބުރަކޮށް ކަމަށާއި ބައެއް ކުޅުންތެރިން ލޯން އުސޫލުން ޓީމުތަކަށް ދޫކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.