ކުޅިވަރު

ސިޓީއަށް އުނދަގޫ މޮޅެއް

އިންގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 0-1 ނަތީޖާ އަކުން މެންޗެސްޓާ ސިޓީ ކާމިޔާބުކޮށްފި އެވެ. މިއީ ސީޓީ ޖެހިޖެހިގެން ލީގުގައި ކާމިޔާބުކުރި 18 ވަނަ މެޗެވެ.

މިނަތީޖާ އާއެކު ސިޓީ އިންގިރޭސި ލީގު ތާވަލުގެ އެއްވަނަ މަގާމުގައި އޮތީ 58 ޕޮއިންޓާއެކު އެވެ. ސިޓީ އާއި އެންމެ ގާތުން ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ އާއި ދެމެދެ މިހާރު 15 ޕޮއިންޓުގެ ތާފާތު އެބައޮތެވެ. އަނެއްކޮޅުން ނިއުކާސަލްއަށް ބަލާއިރު އެޓީމު އޮތީ ލީގުގެ 15 ވަނަ މަގާމުގައި 18 ޕޮއިންޓާއެކު އެވެ. ނިއުކާސަލް އާއި ރެލިގޭޝަން ޒޯނާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.

މެޗުގެ ގިނަ ވަގުތު ސިޓީ ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފޭގޮތެއް ނުވި އެވެ. ސިޓީއަށް މެޗުގެ ތިން ޕޮއިންޓު ކަށަވަރުކޮށްދިން ލަނޑު ފެނިގެންދިޔައީ މެޗުގެ 31 ވަނަ މިނިޓުގައި ރަހީމް ސްޓާލިން ކާމިޔާބުކޮށްދިން ލަނޑާއެކު އެވެ.

ސިޓީގެ މެދުތެރެއަށް ކުޅޭ ކެވިން ޑެބްރުން ނިއުކާސަލްގެ ޑިފެންޑަރުންގެ ބޯމަތިން ވައްޓާލި ބޯޅަ ސްޓާލިން ގޯލްގެ ތެރެއަށް ފޮނުވާލީ އެއްފަހަރުން ހަނި އޭންގަލް އަކުންނެވެ.

ދެވަނަ ހާފްގެ 66 ވަނަ މިނިޓުގައި ސިޓީ ލީޑު އިތުރަށް ފުޅާކޮށްލުމާ ގާތަށް ޖެހިލި އެވެ. ނިއުކާސަލް ޓީމުގެ އޭރިއާ ބޭރުން ޑެބްރުން ފޮނުވާލި ހަމަލާ ނިއުކާސަލްގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑި އަށެވެ.

ނިއުކާސަލް ޓީމަށް މެޗު ނިމެން ގާތްވެފައި ވަނިކޮށް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތު ލިބުނެވެ. ސިޓީގެ އޭރިއާ ތެރެއިން ނިއުކާސަލްގެ ކްރިސްތިއަން އަޓްސޫ ހުރަސްކޮށްލި ބޯޅަ އެޓީމުގެ ފޯވާޑް ޑިނައިޓް ގޭލް ވެއްޓިގެން ބޮލުން ފޮނުވާލިއެވެ. ނަމަވެސް އެބޯޅަ ދިޔައީ ގޯލްގެ ދަނޑި ކާރިން ބޭރަށެވެ.