ބޮލީވުޑް

ފުރަތަމަ ދުވަހު އެންމެ ގިނަ ފައިސާ ހޯދި ފިލްމަކަށް "ގައްބަރު އިޒް ބެކް"

May 3, 2015

އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ "ގައްބަރު އިޒް ބެކް" އަކީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އަކްޝޭގެ ފިލްމުތަކުގެ ތެރެއިން އޭނާގެ ފޭނުން އެންމެ އިންތިޒާތު ކުރަމުން އައި އެއް ފިލްމެވެ.

މިފިލްމަށް މިހާރު ބޮކްސް އޮފީހުގައި ލިބެމުންދާ ތަރުހީބަކީ މިކަމުގެ އެއް ހެއްކެވެ.

މޭ އެއްވަނަ ދުވަހު ރިލިޒްކުރި މިފިލްމަށް ވަނީ ފުރަތަމަ ދުވަހު އެކަނިވެސް 13.05 ކުރޯޑް (135 މިލިއަން ރުފީޒް) ލިބިފަ އެވެ. އެހެންކަމުން މިފިލްމު މިހާރު ވެގެން ގޮސްފައި ވަނީ މިއަހަރުގެ މިހާތަނަަށް ނިކުތް ހިންދީ ފިލްމުތަކުގެ ތެރެއިން، ފުރަތަމަ ދުވަހު އެންމެ ގިނަ ފައިސާ ލިބިގެން ދިޔަ ފިލްމަށްވެފަ އެވެ.

ފިލްމު ރިލީޒްކުރި ދުވަހަކީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސްކަމަށްވާތީ އެދުވަހުގެ ހަވީރު ޝޯތަކާއި ރޭގަނޑުގެ ޝޯތައް ބަލަން ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަދެފަ އެވެ.

ސައުތު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ކްރިޝް ޑައިރެކްޓްކޮށްފައިވާ މިފިލްމާއި ބެހޭގޮތުން ކްރިޓިކްސް މާ ރަނގަޅު ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އެގޮތުން ގިނަ ފާޑުކިޔުންތެރިންނެއް ވަނީ 2002 ވަނަ އަހަރު ނިކުތް ތަމަޅަ ފިލްމު"ރަމަނަ"ގެ ރިމޭކް އަކަށް ހެދި މިފިލްމު އެ ފިލްމާއި ގާތްކުރާވަރުނުވާ ކަމަށްވެސް ބުނެފަ އެވެ. ނަމަވެސް މިފިލްމުގެ އެކްޝަން މަންޒަރުތަކާއި ޑައިލޮގްތައް ރަނގަޅު ކަމަށް ފާހަގަކޮށްފައިވެ އެވެ.

ކްރިޓިކްސް އިން ފާޑުކިޔާފައިވީ ނަމަވެސް އަކްޝޭ ކުމާރުގެ ފޭނުންނަށް ވަނީ މިފިލްމު ވަރަށް ކަމުގޮސްފަ އެވެ. އެގޮތުން އަކްޝޭ އަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފިލްމުގެ ފުރަތަމަ ދުވަހުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން "ޕްރައުޑް އޮފް ގައްބަރު" ގެ ނަމުގައި ޓްވިޓާގައި ހޭޝް ޓެގް އެއްވެސް ހަދާފަ އެވެ.

މިފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީއާ މެދު ހިތްހަމަޖެހިފައި ގިނަ ބަޔަކު ތިބިއިރު، އަނެއް ބަޔަކު ބުނަނީ މިހާރު ކުރިއަށްދާ އައިޕީއެލް މެޗް ތަކުގެ ސަބަބުން އާމްދަނީ ދަށްކަމަށެވެ. އަދި ގިނަ ބަޔަކު އަންނަނީ ހަފްތާ ބަންދުގައި މިފިލްމަށް 45 ކުރޯޑް އަށް ވުރެން ގިނައިން ލިބޭނެކަމަށް ވެސް ބުނަމުންނެވެ.

ގައްބަރު ނަމަކަށް ކިޔާ ކޮރަޕްޝަންއާއި ދެކޮޅަށް މަސައްކަތްކުރާ މީހެއްގެ ހަޔާތް ދައްކުވައިދޭ މީހެއްގެ ރޯލުން އަކްޝޭ ފެނިގެންދާއިރު، ޝުރުތީ ހަސަން ވެސް ހާއްސަ ރޯލަކުން ފެނިގެންދެ އެވެ.

“ގައްބަރު އިޒް ބެކް" އަކީ 72 ކުރޯޑް (720 މިލިއަން ރުޕީޒް)ގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މިއީ ޕްރިންޓްކުރުމާއި އިޝްތިހާރުކުރުމާއި އެކު ހަރަދުވި ވަރެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި 3200 ސްކްރީންތަކުގައި މިފިލްމު ދައްކަމުން އަންނައިރު، މިފިލްމު އިންޑިއާގައި ޑިސްޓްރިބިއުޓްކުރުމަށް ދީފައިވާ ފަރާތަށް 37 ކުރޯޑް (370 މިލިއަން ރުޕީޒް) ދައްކަން ޖެހޭއިރު، އިންޑިއާއިން އެކަނި މިފިލްމަށް 75 ކުރޯޑް (750 މިލިއަން ރުޕީޒް) ލިބިގެން ނޫނީ ފައިދާއެއް ނުވާނެ އެވެ.

މިފިލްމުގައި ހިމެނޭ އެކްޝަން މަންޒަރުތައް އަކްޝޭގެ "ރައުޑީ ރާތޯޑް"ފަދަ އެކްޝަން ފިލްމުތައް މަތިން ހަނދާންކޮށްދޭ އިރު، މިހަފްތާގައި އިތުރު ފިލްމެއް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ނުވުމާއި އެކު ހަފްތާ ބަންދުގައި ގިނަ ބަޔަކު މިފިލްމު ބަަލަން ވަންނާނެ ކަމަށް ލަފާކުރެވެ އެވެ.

ސަންޖޭ ލީލާ ބަންސާލީ އާއި ވިއާކޮމް 18 މޯޝަން ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ މިފިލްމް 100 ކުރޯޑް ކްލަބްއަށް ވަދެފާނެތޯ މިއީ މިހާރު ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.