މޯލްޑިވިއަން އިން ރޭ ފުވައްމުލަކު ސިޓީއަށް ކުރަން ހަމަޖައްސާފައި އޮތް ދަތުރެއް ކެންސަލް ކުރީ ޕައިލެޓުން ގަޑިއަށް ހާޒިރު ނުވުމުން ނޫން ކަމަށާއި އެ ދަތުރު ކެންސަލް ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިޔަށް ދިއުމުން އެރި ދައްޗެއްގައި ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ފްލައިޓް ކެންސަލްވި ހާދިސާއާ ގުޅިގެން ރޭ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ އިސް ވެރިޔަކާ ނުގުޅުނު ނަމަވެސް މިއަދު ވަނީ އެ ކުންފުނިން އަވަސްއާ ވާހަކަ ދައްކާފަ އެވެ. މިއަދު ކުންފުނީގެ އިސްވެރިޔަކު ވިދާޅުވީ ރޭގެ އެ ދަތުރު ކެންސަލް ކުރީ ވީއައިއޭގެ މަރާމާތެއް ކުރާތީ އާއި އެ ދަތުރު ކުރަން ހަމަޖެހިފައި އޮތް ފްލައިޓް އޮތީ މާލެއިން ބޭރުގައި ކަމަށް ވުމުން އެ ފްލައިޓަށް އަނބުރާ ގަޑިއަށް މާލެ ނާދެވިގެން ކަމަށެވެ.
"ޕައިލެޓުންގެ އެއްވެސް މައްސަލައެއް ނެތް މިހާރަކު، ޕައިލެޓުން ހާޒިރު ނުވެގެނެއް ނޫން ދަތުރު ކެންސަލް ކުރީ، އެއާޕޯޓު މެއިންޓެނެންސްގެ މަސައްކަތެއް ކުރާތީ [އަދި އެވަގުތު] އެ ފްލައިޓް އޮތީ ވެލާނާ އެއާޕޯޓަކު ނޫން، އެއާޕޯޓެއްގެ މެއިންޓަނެންސް މަސައްކަތެއް ކުރަން ޖެހިދާނެތާ ކޮންމެ ވަގުތެއްގައި ވެސް، އެ ފްލައިޓް އަށް އަނބުރާ ނާދެވިގެން ކެންސަލް ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެކަން ފަސިންޖަރުންނަށް އަންގާ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފަސިންޖަރުންނަށް ފައިސާގެ އިނާޔާތް ވެސް ފޯރު ކޮށްދީފައިވާނެ ކަމަށެވެ. އަދި އެ ފްލައިޓް މި ރޭގެ ހަމަ އެ ވަގުތަށް ޝެޑިއުލްކޮށް ފަސިންޖަރުންނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
ރޭގެ އެ ދަތުރު ކެންސަލްވީ ޕައިލެޓުން ގަޑިއަށް ނުގޮސްގެން ކަމަށް ހަބަރުތައް ފެތުރުނެވެ. އަދި ކެންސަލްވި ފްލައިޓްގައި ދަތުރު ކުރަން ދިޔަ ބައެއް މީހުން އެގޮތަށް މީޑިއާގައި މައުލޫމާތު ވެސް ދިނެވެ.
މި ހާދިސާ ހިނގި އިރު އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހުމާއި މުސާރައާއި އިނާޔަތްތައް ކުޑަކަމުން މޯލްޑިވިއަންގެ ޕައިލޮޓުންގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. ބައެއް ޕައިލޮޓުން އެ ވާހަކަތައް މީޑިއާއާ ހިއްސާ ކުރުމުން މޯލްޑިވިއަން އިން އޭރު ވަނީ އެގޮތަށް އަމަލު ނުކުރުމަށް އެދިފަ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަން އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އެއާލައިން ސަލާމަތީ މިންގަނޑުތަކާ ހިލާފަށް އޮޕަރޭޓް ކުރާ ކަމަށް ބުނެ، ސައްހަ ނޫން ހަގީގަތާ ހިލާފަށް ހަބަރުތައް ބަޔަކު ފަތުރަމުންދާ ކަމަށެވެ.