ކުޅިވަރު

އިޓާލިއަންކަޕުން މިލާން، އިންޓަ ކަޓުވާލައިފި

Dec 28, 2017

މެޗުގެ ފުރިހަމަ ވަގުތު އެއްވަރުވުމުން، ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން، 1-0 ނަތީޖާ އަކުން ކާމިޔާބު ހޯދައި، އޭސީ މިލާނުން ވާދަވެރި އިންޓަ މިލާން އިޓާލިއަން ކަޕުން ކަޓުވާލައިފި އެވެ.

މެޗުގެ ކުރިން، މިލާންގެ ކޯޗް ގަޓޫސޯ ބުނެފައި ވަނީ ދެ ޓީމުގެ ކުރިމަތި ލުމަކީ ވޯލްޑް ކަޕް ފައިނަލެއް ފަދަ މެޗެއް ކަަމަށެވެ. ދެ ޓީމުވެސް ކްއާޓާ ފައިނަލު މެޗަށް އައީ އިޓާލިއަން ލީގްގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ.

އެންމެ އުނދަގޫ ހާލަތެއްގައި އޮތީ މިލާން އެވެ. ޓީމުގެ ތިބި ދެ ކީޕަރުން ކަމަށްވާ، އެއް ވަނަ ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ އާއި ދެ ވަނަ ކީޕަރު މާކޯ ސްޓޮރާރީ ވެސް ހުރީ އަނިޔާގަ އެވެ. މެޗުން ފުރުސަތު ދިނީ ތިން ވަނަ ކީޕަރު ޑޮނަރުންމާގެ ބޭބެ އެންޓޯނިއޯ ޑޮނަރުންމާ އަށެވެ. އެއީ މިލާންގެ ސީނިއާ ޓީމުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި އެންމެ ފުރަތަމަ ލިބުނު ރަނގަޅު ފުރުސަތު ލިބުނީ މިލާން އަށެވެ. މެޗުގެ 18 ވަނަ މިނެޓްގައި ޖާކަމޯ ބޮނެވެންޓޫރާ ބޮލުން ފޮނުވާލި ބޯޅަ، އިންޓަގެ ކީޕަރު ސަމީރު ހެންޑޮނޯވިކް ވަނީ އިނގިލިން ބޯޅައިގައި ޕަންޗުކޮށް ކޯނަރަކަށް ފޮނުވާލާފަ އެވެ.

މެޗުގެ 23 ވަނަ މިނެޓްގައި އިންޓައިން، މިލާންގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލި އެވެ. އީވާން ޕެރިސިޗް ނަގައިދިން ބޯޅަ، ގޯލްތެރެއަށް ވަނީ ކީޕަރު އެންޓޯނިއޯ ބީޓްވެ، އިންޓަގެ އަންޑެރެއާ ރޮނޯކިއާގެ ފައިގައި ޖެހިފަ އެވެ. ބޯޅަ ގޯލް ތެރެއަށް ވަނުމުން، އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރި އެވެ. ނަަމަވެސް، ވީއޭއާރް ޓެކްނޮލިޖީން ބެލުމަށް ފަހު، ރެފްރީ ނިންމީ ރޮނޯކިއާ އޮފްސައިޑްގައި ހުރި ކަމަށެވެ.

މިލާން މޮޅުކޮށްދިން ލަނޑު 104 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕެޓްރިކް ކުޓްރޯނޭ އެވެ. އޭނާ ލަނޑު ޖެހީ އިންޓަގެ ޑީއޭރިއާ ބޭރުން އިންޓަގެ ޑިފެންޑަރުންގެ ބޯ މަތިން، ސޫސޯ ނަގައިދިން ބޯޅަ ގޯލްތެރެއަށް ވައްދާލައިގެންނެވެ.

ސެމީފައިނަލުގައި، މިލާން ވާދަ ކުރާނީ ފިއޮރެންޓީނާ ބަލިކޮށް ސެމީއަށް ދިޔަ ލާޒިއޯ އާ ދެކޮޅަށެވެ.