ބޮލީވުޑް

ޝާހްރުކް ޚާންގެ ގަޑި މިފަހަރު މާ އަވަސް

May 3, 2015

ބޮލީވުޑްގެ ތަރިން އަބަދުވެސް މަޝްހޫރުވެފައި ވަނީ ކޮންމެވެސް ހާޖާނެއް އުފައްދައިގެން އުޅޭ ވާހަކަތަކުގެ ސަބަބުންނެވެ. މީގެއިތުރުން ވެސް ގިނަ ތަރިންނެއް ލަހުން ފިލްމުތަކުގެ ޝޫޓިންއަށް ދާ ވާހަކައަކީ އަބަދުމެހެން އަޑުއިވޭ ވާހަކައެކެވެ.

މިފަދަ ތަރިންތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހަމަޔަގީނުން ވެސް ހިމެނޭ ތަރިއަކަށް ސުޕަސްޓާ ޝާހްރުކް ޚާން ވާނެ އެވެ.

އެހެންނަމަވެސް ދާދި ފަހުން ޝޫޓިން ފެށި، ޝާހް ލީޑް ރޯލުން ފެނިގެންދާ "ރައީސް"ގެ ޝޫޓިން ފެށުމާއެކު އުފަލުން ހުރި ޝާހް ކޮންމެ ދުވަހެއްގެ ވެސް ޝޫޓިން ފެށުމުގެ އެއްގަޑިއިރު ކުރިން ސެޓަށް އަންނަކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓް ތަކުގައިވެ އެވެ.

މީޑިއާ ބައެއް ރިޕޯޓްތައް ބުނާގޮތުން، މިފިލްމުގެ ޕްރޮޑިއުސަރުން ކަމުގައިވާ ފަރްހާން އަހްތަރް އާއި ރިތޭޝް ސިދްވާނީއަށް ޝާހް ގަވާއިދުން ގުޅައި މިފިލްމުގެ ހުރިހާ މަސައްކަތެއްގައި ވެސް ވަރަށް ހާއްސަ އިސްކަމެއްދީގެން އަންނަނީ ބައިވެރިވަމުންނެވެ.

ސެޓަށް ކުރިން ދިއުމުގެ އިތުރުން، ޝާހް އަންނަނީ ސްކްރިޕްޓް ކިއުމާއި ސެޓްގައި ހަރަކާތްތެރިވާ ކްރޫންނާއި އެކު ގިނަ ވަގުތުވެސް ހޭދަކުރަމުން ނެވެ.

ފިލްމުގެ ސެޓްގައި ހަރަކާތްތެރިވާ ފަރާތަކާ ހަވާލާދީ ބުނެފައިވަނީ، ފިލްމުގެ ޝޫޓިންގެ ފުރަތަމަ ދުވަހު ޝާހް އެއްގަޑިއިރު ކުރިން ސެޓަށް ދިއުމުން ފިލްމުގެ ޔުނިޓްގެ އެންމެން ވަރަށް ހާސްވިކަމަށާއި އެންމެވެސް ހީކުރީ އޮޅުމަކުން ޝާހް އަށް ނުބައި ގަޑިއެއް ދެވިފައި އޮތުމުގެ ސަބަބުން ކުރީބައިގައި އާދެވުނީ ކަމަށެވެ.

އަދި ކޮންމެ ދުވަހަކުވެސް 10 ނުވަތަ 12 ގަޑިއިރު ފިލްމުގެ ޝޫޓިންގައި ހޭދަކުރާ ކަމަށްވެ އެވެ. އަދި މިފިލްމުގައި ފެނިގެންދާނީ 1980ގެ ދުވަސްވަރުކަމުން އެދުވަސްވަރު އަހްމަދްއާބާދު އޮތް ގޮތަށް ވަނީ ހާއްސަ ސެޓެއް ވެސް ތައްޔާރުކުރެވިފަ އެވެ.

މިފިލްމުގެ ސްޕޯކްސްޕާސަން ބުނެފައިވަނީ "ރައީސް"ގެ ޝޫޓިން ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށާއި ޝާހްރުކް ޚާންވެސް ސެޓަށް ވަރަށް ކުރިން އައިސް އެންމެނާ ގުޅިގެން ގިނަވަގުތު ޝޫޓިންގައި ހޭދަކުރާ ކަމަށެވެ.

ރާހުލް ދޯލާކިޔާ ޑައިރެކްޓްކުރާ މިފިލްމުގައި ޝާހް އާއި އެކު ލީޑްރޯލުން ފެނިގެންދާނީ ބޮލީވުޑަށް އަލަށް ތައާރަފްވާ ޕާކިސްތާންގެ ފިލްމީ ތަރިއެއް ކަމުގައިވާ މާހިރާ ޚާން އާއި ނަވާޒުއީން ސިއްދީގީ އެވެ.

ގިނަ ބަޔަކު މިހާރުވެސް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ މިފިލްމު އަންނައަހަރުގެ އީދުގައި ރިލީޒްކުރުމަށް ހަމަޖެިފައިވާއިރު، މިފިލްމުގައި ޝާހް ފެނިގެންދާނީ ސްމަގްލާއެއްގެ ރޯލުންނެވެ. ނަވާޒުއްދީން ޝާހް އަތުލުމަށް މަސައްކަތްކުރާ ޕޮލިސް މީހެއްގެ ރޯލުން ފެނިގެންދާއިރު،. މާހިރާ ފެނިގެންދާނީ ޝާހްގެ ލޯބިވެރިޔާގެ ރޯލުންނެވެ.

ކޮންމެގޮތެއް ވިޔަސް ޝާހް ކުރިން ފިލްމުގެ ޝޫޓިންއަށް ދިއުންމީ މުޅި ފިލްމުގެ ކްރޫ އުފާކުރާކަމެކެވެ.