ކުޅިވަރު

ފީފާގެ ރައީސް، ނިއުގެ ކާމިޔާބީގެ އަގުވަޒަން ކޮށްފި

Dec 28, 2017

ނިމިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދައި ނިއު ރޭޑިއަންޓް ހޯދި ކާމިޔާބު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފެންޓިނޯ އަގުވަޒަންކޮށް، އެ ކުލަބަށް ހިތްވަރު ދެއްވައިފި އެވެ.

އެފްއޭއެމް މެދުވެރިކޮށް، ނިއު ރޭޑިއަންޓަށް ފޮނުވި ލިޔުމުގައި، އިންފެންޓިނޯ ވިދާޅުވެފައި ވަނީ، ވޭތުވެދިޔަ ހަ އަހަރު ތެރޭ ފަސް ފަހަރު، ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ނިއު ރޭޑިއަންޓް ހޯދުމުން އެ ޓީމަށް މަރުހަބާ ކިޔުމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އިންފެންޓިނޯ ސޮއި ކޮށް، ނިއު ރޭޑިއަންޓަށް ފޮނުވި ސިޓީ، އެ ކުލަބާ ހަވާލު ކުރުމަށް އެފްއޭއެމްގައި މިއަދު ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ފީފާގެ ލިޔުން، ނިއުއާ ހަވާލުކޮށް ދެއްވީ، އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު އެވެ. ނިއުގެ ފަރާތުން، ލިޔުމާ ހަވާލުވެ ވަޑައިގެންނެވީ، އެކުލަބުގެ ޗެއާމަން މުހައްމަދު ޒިޔާދު އެވެ.

"(ނިއުރޭޑިއަންޓްގެ)މި ކާމިޔާބަކީ، މި ކަމުގައި ބައިވެރިވި އެންމެންގެ ބުރަ މަސައްކަތާއި ހިތްވަރު،" އިންފެންޓީނޯ ވިދާޅުވެފައި ވެއެވެ. "އަހަރެން މަރުހަބާ ކިޔަން، ކުޅުންތެރިންނަށާއި ކޯޗާއި، ކުލަބުގެ އިދާރީ ފަރާތްތަކާއި، ޓެކްނިކަލް އަދި މެޑިކަލް ޓީމުގެ އެންމެހާ މެންބަރުންނަށާއި، އަދި ސަޕޯޓަރުންނަށް، މި ހޯދި ބޮޑު ކާމިޔާބަށް."

އިންފެންޓިނޯ އިތުރަށް ވިދާޅުވެފައި ވަނީ ފުޓްބޯޅައިގެ ހިތްގައިމު މެސެޖް ފެތުރުމަށް ނިއު ރޭޑިއަންޓް ކުރާ މަސައްކަތުގައި، ފުޓްބޯޅަ މުޅި ކޮމިޔުނިޓީގެ ފަރާތުން އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ފީފާގެ ރައީސް ފޮނުއްވި މެސެޖާ ގުޅިގެން، ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، ކާމިޔާބުގެ ހައްގުވެރިންނަކީ، ނިއުރޭޑިއަންޓްގެ ކުޅުންތެރިންގެ ބުރަމަސައްކަތާއި ސަޕޯޓަރުންގެ ހިތްވަރު ކަމަށެވެ.

"ފީފާގެ ރައީސް، ނިއު ރޭޑިއަންޓްގެ ކާމިޔާބު އަގުވަޒަން ކުރުމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް، މި ކާމިޔާބުގެ ހައްގުވެރިންނަކީ، ކުޅުންތެރިން އަދި ސަޕޯޓަރުން، އަދި ނިއުގެ ކޯޗުގެ ރޭވުންތެރިކަމާއި ނިއު ޗެއާމަންގެ ދުރު ވިސްނުންފުޅުގެ ސަބަބުން، އަދި އެފްއޭއެމުން އަޅުގަނޑުމެންނަށް ދެމުންގެންދާ އެއްބާރުލުން އަޅުގަނޑު ފާހަގަ ކުރަން." ނިޔާޒު ވިދާޅުވި އެވެ.

މީގެ ކުރިންވެސް ފީފާއިން ވަނީ، ނިއު ރޭޑިއަންޓް ކާމިޔާބު އަގުވަޒަން ކޮށްފަ އެވެ. ފީފާގެ އޭރުގެ ރައީސް ސެފް ބެލެޓާ ވަނީ، ފުޓްބޯޅައަށް ނިއު ރޭޑިއަންޓް ކުރި މަސައްކަތް އަގުވަޒަންކޮށް 2014 ވަނަ އަހަރު އެ ކުލަބަ ހަނދާނީ ފިލައެއް ފޮނުވާފަ އެވެ.