ބޮލީވުޑް

"ބްރަދާސް" އޮގަސްޓް 14ގައި ރިލީޒްކުރަނީ

May 3, 2015

އެކްޝަން ތަރި އަކްޝޭ ކުމާރާއި ސިދާތު މަލްހޯތުރާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަދާސް" އޮގަސްޓް 14ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ކަރަން މަލްހޯތުރާ ޑައިރެކްޓްކުރާ އެކްޝަން ޑްރާމާ މި ފިލްމުގައި އޮގަސްޓް 14ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައި ވަނީ މިފިލްމުގެ އޮފިޝަލް ޓްވިޓާ އެކައުންޓްގަ އެވެ.

މިއަހަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މިފިލްމުގައި ސްރީ ލަންކާގެ ބަތަލާ ޖެކުއެލިން ފެނާންޑޭޒް އާއި ޖެކީ ޝްރޮފްގެ އިތުރުން ހާއްސަ ފެނިލުމެއްގައި ކަރީނާ ކަޕޫރު ވެސް ބައިވެރިވެ އެވެ.

ހޮލީވުޑްގެ މަޝްހޫރު ފިލްމު "ވޮރިއާ"ގެ ރިމޭކްއަކަށް އުފައްދާ މިފިލްމުގައި ފެނިގެންދާނީ ދެބެންގެ ދެމެދުގައި ހިނގާ ކަންތައްތަކެކެވެ.

މީގެކުރިންވެސް ވަނީ މިފިލްމު އޮގަސްޓް މަހުގެ ތެރޭގައި ރިލީޒްކުރާނެކަން ހާމަކޮށްފަ އެވެ.

މަޝްހޫރު ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ ޕްރޮޑިއުސްކުރާ ފިލްމު "ފޭން" މީގެ ކުރިން އޮގަސްޓް 14ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ވަނީ ރިލީޒްކުރުން ލަސްކޮށް، މިފިލްމު އެދުވަހު ރިލީޒްކުރުމަށް ކަރަން ޖޯހަރުގެ ކިބައިން އެދިފަ އެވެ.

މިފިލްމުގެ ފުރަތަމަ ޓްރެއިލާ ޖޫން މަހު ނެރުމަށް ހަމަޖެހިފައިވާކަން ފިލްމުގެ ލީޑް އެކްޓަރ އަކްޝޭ ކުމާރު ވަނީ ހާމަކޮށްފަ އެވެ.

“އަގްނީޕާތް" އަށް ފަހު ކަރަން ޖޯހަރު އާއި ކަރަން މަލްހޯތުރާ އެކުގައި މަސައްކަތްކުރާ މިފިލްމުގެ ފުރަތަމަ ޕޯސްޓާ ރިލީޒްކުރުމާއި އެކު ވަނީ ޓްވިޓާގައި ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.