ނިމިގެން މިދަނީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ފާގަތި އަހަރެކެވެ. އެކި ކަހަލަ ފިލްމުތަކުން ދިވެހި ރިހި ސްކްރީން ފަޅުފިލުވާލައިދިން އަހަރެކެވެ. ތަފާތު ރަހަ ތަކެއްގެ ހަތް ފީޗާ ފިލްމު ގެނެސްދިނެވެ. މަޖާ، ރޮމޭންޓިކް ކޮމެޑީ، ލޯބީގެ އަަސަރު ގަދަ ފިލްމުތަކެވެ. ދިވެހި ފިލްމު އޯޑިއަންސް ނިކަން ރަނގަޅަށްވެސް އުފާކޮށްލަދިން އަހަރެކެވެ.
އާ އަހަރަށްވެސް ދިވެހި ފިލްމު އިންޑަސްޓްރީ ވަރަށް ތިޔާގި އެވެ. މި އަހަރު އެޅުވި ވަރަށްވުރެ ގިނަ ފިލްމުތައް މިހާރުވެސް އިއުލާނު ކޮށްފި އެވެ. ފިލްމީ ތަރިންނަށް ޔަގީނުންވެސް އަންނަ އަހަރަކީ ބުރަ އަހަރަކަށް ވާނެ އެވެ.
އަންނަ އަހަރު އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވަނީ ޔޫސުފް ޝަފީއުގެ "ދެވަންސޫރަ" އެވެ. ޔޫއްޕެ ޑައިރެކްޓުުވެސް ކުރާ "ދެވަންސޫރަ" ރިލީޒް ކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުހައްމަދު ފައިސަލް، އިބްރާހިމް ޖިހާދު (ޖިމީ) އަދި މަރިޔަމް ޝިފާ އެވެ. އިތުރު ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަޒްލީމް، ފާތިމަތު އާޒިފާ، ޔޫއްޕެ، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ އިސްމާއީލް (ޖާދު)، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. ޖުމްލަ 21 ތަރިން މި ފިލްމުން ފެނިގެންދާނެ އެވެ.
އަންނަ އަހަރ އަޅުވަން ހަމަޖެހިފައިވާ އިތުރު ފިލްމަކަށް ފިލްމު "ކަޅަކި" ވާނެ އެވެ. އެ ފިލްމަކީ ޔޫއްޕެ ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ. އެ ފިލްމުގެ މެއިން ކާސްޓުންނަކީ އަޒޫ، ފައިސަލް އަދި އަހްމަދު ޝާހު އެވެ. އެ ފިލްމަކީވެސް ސަސްޕެންސް ތުރިލާ އެކެވެ.
"ނަފްސު" ނަމަކަށް ކިޔާ ފިލްމެއްވެސް އަންނަ އަހަރު އަޅުވާނެ ކަމަށްވަނީ އިއުލާނުކޮށްފަ އެވެ. އަހްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް އަލީ ޝަޒްލީމް (އެޖެންޓު) ޑައިރެކްޓުކުރާ ފިލްމު "ނަފްސް"ގެ ލީޑް ރޯލުން ފެނިގެންދާނީ ޔޫއްޕެ، އަޒޫ އަދި އަހްމަދު ނިމާލެވެ.
އަންނަ އަހަރު އަޅުވަން އިއުލާނުކޮށްފައިވާ ފިލްމަކީ "ހައްޔަރު" އެވެ. "ދެވަންސޫރަ" އިން ފިލްމީ ދާއިރާއަށް ނުކުންނަ މަރިޔަމް ޝިފާ، ދޮން އައްޔަ އަދި ފައިސަލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޑައިރެކްޓު ކުރަނީ ފައިސަލް އެވެ. އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޔޫއްޕެ އެވެ. އެ ހަތަރު ފިލްމުވެސް ޕްރޮޑިއުސްކުރަނީ ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް އަދި ބްލެކް މީޑިއާ އިންކް ގުޅިގެންނެވެ.
އޭގެ އިތުރުން މި އަހަރު އެންމެ ގިނަ މީހުން ހެއްވާލި "ނޯޓީ 40"ގެ ދެވަނަ ބައި ކަމަށްވާ "40 ޕްލަސް" އެވެ. ނޯޓީ 40 އިން ފެނިގެން ދިޔަ ތަރިންނާ އިތުރު އާ ފަސް ތަރިންނާއެކު މިހާރު އެ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
ޑާކްރެއިން އިންވެސް އަންނަނީ އަންނަ އަހަރުވެސް ފިލްމުތަކެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ދެ ފިލްމެއްގެ މަސައްކަތް މިހާރުވެސް ވަނީ ފަށާފަ އެވެ. އެއީ "ވަކިން ލޯބިން" އަދި "ގޮށްރާޅު" އެވެ. މުހައްމަދު ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ ލީޑް ރޯލުން ފެނިގެންދާ "ވަކިން ލޯބިން" އަކީ ފެމެލީ ޑްރާމާ އެކެވެ. އެ ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރިފަށަށް އެރުމުން ދިމާވާ މައްސަލަތަކެއް ދައްކައިދޭ ފިލްމެކެވެ. ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ. އެ ފިލްމު އަންނަ އަހަރުގެ މާޗްމަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
އެ ސްޓޫޑިއޯ އިން މަސައްކަތް ކުރަމުންދާ ދެވަނަ ފިލްމަކީ "ގޮށްރާޅު" އެވެ. ފިލްމުގެ ޝޫޓިން ފެށިއިރު ފިލްމާ ބެހޭ މާގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ފިލްމުން މުޅިން އާ ދެ ތަރިންވެސް ފެނިގެންދާނެ އެވެ. އެއީ އައިޝަތު ތަސްނީމާ އަދި މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އަކުން ވިދާލި ހަސަން އިރުފާން (ޒަކިއްޓެ) އެވެ. ޒަކިއްޓެ އަދި ތަސްނީ އާއެކު ފިލްމުގެ ލީޑް ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާނެ އެވެ. އަދި ސަޕޯޓީން ރޯލުންވެސް އާ ތަރިން ފެންނާނެ އެވެ. އެ ފިލްމު ޑައިރެކްޓްކުރަނީ ޒުވާން ޑައިރެކްޓަރު އަހްމަދު ޝިނާނެވެ.
ނިއުމާ މުހައްމަދު ކެމެރާގެ ކުރިމަތިން ފެންނާނެ އެންމެ ފަހު ފިލްމު ކަމަށްވާ "ނިވައިރޯޅި"ވެސް އަންނަ އަހަރު ރިލީޒްކުރާނެ އެވެ. އެ ފިލްމާ ބެހޭ މާބޮޑު ތަފްސީލެއް ނުދިން ނަމަވެސް ފިލްމު އިއުލާނު ކުރަމުން ނިއުމާ ވަނީ އެއީ ފިލްމީ ދާއިރާގެ މީހުންނަށް ހާއްސަ ފިލްމަކަށް ވެދާނެ ކަމަށް ބުނެފަ އެވެ. ނިއުމާ އާ އެކު އެ ފިލްމުން މުޅިން އާ ތަރިއެއްވެސް ފެނިގެންދާނެ އެވެ. މޫމިން ފުއާދު އަދި ނިއުމާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ އިންޑޯ ޝޫޓިން އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ފަށާނެ އެވެ. އަތޮޅު ތެރޭގައި ފިލްމު ނަގާއިރު އަދި އެއީ ކޮން ރަށެއްކަމެއް ނިއުމާ ފައިނަލެއް ނުކުރެ އެވެ. އެ ފިލްމު ޑައިރެކްޓް ކުރަނީވެސް ނިއުމާ އެވެ. ނިއުމާގެ އުފަން ދުވަހު ފިލްމު އަޅުވަން ނިންމާފައިވާއިރު ފިލްމުގެ ޓީޒާވެސް ވަނީ ލޯންޗުކޮށްފަ އެވެ.
އަންނަ އަހަރު އަޅުވަން މިހާތަނަށް އިއުލާނުކޮށްފައި ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަޑުގަދަ ފިލްމަކީ މިއީ އެވެ. އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އިން އިންސްޕަޔާވެގެން ހަދާ ފިލްމު "ލީނާ" އެވެ. ފިލްމުގެ ޝޫޓިން މި މަހުގެ ފަހުކޮޅު ފަށާއިރު ލީޑް ރޯލަށް ނަގާފައިވަނީ މަރިޔަމް އައްޒަ އެވެ. އިތުރު ތަރިން އަދި އިއުލާނެއް ނުކުރެ އެވެ. އެ ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރަނީ އަބްދުﷲ މުއާޒް އެވެ. މުއާ ބުނީ އަހަރު މެދާ ހަމައަށް ދިއުމުގެ ކުރިން ފިލްމު އަޅުވާނެ ކަމަށެވެ. އަދި މުއާގެ އިތުރު ފިލްމެއްވެސް އަންނަ އަހަރުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށެވެ.
ޕްރޮޑިއުސްރު ފާތިމަތު ނަހުލާގެ ފިލްމެއް އަންނަ އަހަރުވެސް ފެނުން ގާތެވެ. ފިލްމެއް ޑައިރެކްޓް ކުރަން އުޅޭ ކަން ނަހުލާ އިއުލާނު ކުރި އިރު އޭނާގެ ފިލްމަކުން ބަތަލާ މަރިޔަމް އައްޒައަށް ވަނީ ފުރުސަތުވެސް ދީފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެއިން ފިލްމެއްގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.