ފިނިޕޭޖް

މިރޭ ޝޯއަށް ބިޕާޝާ އާއި ކަރަން ނާދޭ

އާ އަހަރު ފާހަގަ ކުރަން މިރޭ ކާނިވަލުގައި ބާއްވާ ޝޯގެ ފޯރި އިތުރަށް ގަދަވީ ބޮލީވުޑް ތަރި ބިޕާޝާ ބާސޫ އާއި ފިިރމީހާ ކަރަން ސިންގު ރާއްޖެ އަންނަ ހަބަރާ އެކުގަ އެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތު މިވަނީ ބިޕާޝާ އާއި ކަރަން މިރޭގެ ޝޯއަށް ރާއްޖެ ނާންނަ ގޮތަށް ހަމަޖެހިފަ އެވެ.

އެކަމާ ގުޅޭގޮތުން ޝޯ އިންތިޒާމްކުރި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނީ ބިޕާޝާއާއި އޭނާގެ ފިރިމީހާ ބައިވެރި ނުވާގޮތަށް ހަމަޖެހުނީ އެމީހުންގެ ވޯކިން ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ކަމަށެވެ. އޭގެ ތަފްސީލް ހާމައެއް ނުކުރެ އެވެ. މީގެ ކުރިންވެސް ބިޕާޝާ އާ ވަނީ ރާއްޖެ އައިސް ހާއްސަ ފެނިލުމެއްގައި ފެނިލާފަ އެވެ.

މިރޭގެ ޝޯގައި ޕާފޯމް ކުރާނީ ބޮލީވުޑްގެ ލަވަ ކިޔުންތެރިން ކަމަށްވާ ރާހަތު ފަތެހު އަލީ ހާން އާ މީކާ ސިންގު އެވެ. އޭގެ އިތުރުން ވެސް ބޮލީވުޑްގެ އިތުރު ފަންނާނުންތަކެއް ފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ ކޮން ފަންނާނުންތަކެއް އަދި ހާމައެއް ނުކުރެ އެވެ.

ބިޕާޝާއަކީ ބޮލީވުޑްގެ ގިނަ ފިލްމްތަކެއްގައި އެކްޓްކޮށްފައިވާ ތަރިއެކެވެ. އޭނާގެ މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި "އަޖްނަބީ"، "ރާޒް"، "ނޯ އެންޓްރީ"، "ދޫމް 2" އަދި "ނޯ އެންޓްރީ" ހިމެނެ އެވެ. ފިލްމީ ތަރިއެއްގެ އިތުރުން އޭނާ އަކީ މޮޑެލް އެއްވެސްމެ އެވެ. ބިޕާޝާ އޭނާގެ މޮޑެލިން ކެރިއަރު ފަށާފައިވަނީ 1996 ވަނަ އަހަރެވެ.

ކަރަން ވެސް ވަނީ ބޮލީވުޑްގެ ދެތިން ފިލްމެއް ކުޅެފަ އެވެ. ނަމަވެސް ކަރަން މަޝްހޫރީ އޭނާގެ ޓީވީ ޑްރާމާ ސީރީޒްތަކުންނެވެ. ކަރަން ގެ މަޝްހޫރު ޓީވީ ސިލްސިލާތަކުގެ ތެރޭގައި "ދިލް މިލް ގަޔޭ" އަދި "ގަބޫލް ހޭ" ހިމެނެ އެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އެލޯން" އަދި "ހޭޓް ސްޓޯރީ 3" ހިމެނެ އެވެ. ކަރަން އާއި ބިޕާޝާ ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ދެތަރިން ވަނީ މީގެކުރިންވެސް ރާއްޖެ އައިސް ހާއްސަ ފެނިލުމަކުން ފެނިލާފަ އެވެ.

އާ އަހަރު ޝޯގެ ލަވަ ކިޔުންތެރިން ކަމަށްވާ ރާހަތު އަދި މީކާ ސިންގާ ބައްދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. އެހެން ނަމަވެސް އެ ފުރުސަތު ލިބެނީ 2018" ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށްފަހު ޕްރޮފައިލް ފޮޓޯ ވެލްކަމް 2018 ގެ ފްރޭމަށް ބަދަލުކުރާ ފަރާތްތަކުގެ ތެރެއިން ރެންޑޮމްކޮށް ހޮވޭ އެއް ފަރާތަކަށެވެ. އެ ނަސީބުވެރިއަކަށް ޝޯގެ ވީއައިޕީ ދެ ޓިކެޓް ހިލޭ ލިބޭނެ އެވެ. މި މަހުގެ 29ގެ ކުރިން ޕޭޖަށް ލައިކް ދީ ޕްރޮފައިލް ފޮޓޯ ބަދަލުކުރި ފަރާތްތަކުގެ ތެރެއިން ރެންޑޮމްކޮށް ހޮވާލި ފަރާތަކަށް އެ ފުުރުސަތު ވަނީ ލިބިފަ އެވެ.

އާ އަހަރު ޝޯއަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ އިރު ޕްރޮމޯޝަނަލް ހަރަކާތްތަކެއް ވެސް ވަނީ ރާވާފަ އެވެ. އެ ޝޯގެ ޕޯސްޓަރުތައް ވެސް މިހާރުވަނީ ރިލީޒްކޮށްފަ އެވެ. ނިއު އިޔާ ޝޯ އޮންނާނީ މި ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެރޭ ހަވާ އަރުވަންވެސް ވަނީ ނިންމާފަ އެވެ. ޝޯ އަށް އާންމުކޮށް އެންމެނަށް ހިލޭ ވަދެވޭނެ އެވެ. މިރޭގެ 7:30 އިން ފެށިގެން ޝޯ އަށް މީހުން ވައްދަން ފަށާނެ އެވެ.