ކުޅިވަރު

ބެންޒެމާއަށް އަނިޔާ ވެއްޖެ

Dec 31, 2017
1

ރެއާލް މެޑްރިޑްގެ ސްޓައިކަރު ކަރީމް ބެންޒެމާ އަށް އަނިޔާވެ، ގާތްގަނޑަކަށް ތިން ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ފިނި މުސުމުގެ ބްރޭކަށްފަހު، ރެއާލް މެޑްރިޑް ފުރަތަމަ ޕްރެކްޓިސް ސެޝަނަށް އޭނާ ނިކުމެފައެއް ނުވެ އެވެ. ސްޕެއިންގެ ބައެއް މީޑިއާތަކުން ތުހުމަތު ކޮށްފައި ވަނީ، އޭނާގެ ފޯމު ދަށްވެފައި ވުމުގެ ސަބަބުން ސަޕޯޓަރުންގެ މަލާމާތުން އެކެހެރިވުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ. މި ސީޒަންގައި ބެންޒެމާ އަށް ލަނޑު ނުޖެހޭތީ އޭނާއަށް އޮތް ފާޑު ކިޔުން ވަރަށް ބޮޑެވެ.

ފަހުން އެނގިފައި ވަނީ، އޭނާގެ އުކުޅު ވަޅަށް އަނިޔާވެފައިވާ ކަމެވެ. އެހެންވެ، އޭނާ އަށް ރެއާލްގައި ފަސް މެޗު ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭގެ ތެރޭގައި، ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލުގެ ދެ ލެގް މެޗު ވެސް ހިމެނެ އެވެ.

ބެންޒެމާގެ ބަދަލުގައި، ސްޓައިކަރެއްގެ ގޮތުގައި ނެރެން ހުރީ ޒުވާން ސްޓައިކަރު ބޮރަހާ މަޔޮރޯލް އެވެ. ނަމަވެސް އޭނާގެ ތަޖުރިބާ މަދުވުމަކީ ބޮޑެތި މެޗުތަކުގައި އޭނާ ބޭނުން ނުކުރާނެ ސަބަބެއް ކަަމަށް ބެލެވެ އެވެ. ދެން ޒިދާން އަށް އޮންނާނީ، ރޮނާލްޑޯ އެންމެ ކުރިއަށް ޖެއްސުމަށްފަހު، އޭނާ އަށް އެހީވާން އެޓޭކިން މިޑްފީލްޑަރުންގެ ގޮތުގައި ގެރެތު ބޭލް އާއި އިސްކޯ ހަމަޖެއްސުމެވެ.

މިދިޔަ ސީޒަންގައި ނަމަ، ބަދަލުގައި އަރަން އަލްވާރޯ މޮރާޓާ ހުރެ އެވެ. ނަމަވެސް މި ސީޒަނަށް ރެއާލުން ކުރިމަތިލީ ޗެލްސީއަށް އޭނާ ވިއްކާ ލުމަށްފަހު އެވެ.