ކުޅިވަރު

އީޕީއެލްގެ އެންމެ ބޮޑު މުސާރަ ހަޒާޑަށް ދޭން ޗެލްސީ ތައްޔާރު!

Dec 31, 2017
1

އާ ކޮންޓްރެކްޓާއެކު، ޕްރިމިއާ ލީގްގެ އެންމެ ބޮޑު މުސާރަ ޗެލްސީގެ ބެލްޖިއަމްގެ މިޑްފީލްޑާ އެޑެން ހަޒާޑަށް ދިނުމަށް އެ ޓީމުން ތައްޔާރު ވެއްޖެ އެވެ.

ޗެލްސީން ވަނި ހަޒާޑްއަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ޚަބަރުތައް ލިބޭ ގޮތުގައި ހުށަހެޅި ކޮންޓްރެކްޓާ މެދު އޭނާގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަޒާޑް ގެންދަން ރެއާލް މެޑްރިޑުން ޝައުގުވެރިކަން އެބައޮތެވެ. އެހެންވެ އޭނާ ބޭނުން ވަނީ ކޮންޓްރެކްޓް އާ ނުކޮށް، ރެއާލްގެ ހުށަހެޅުމަކަށް މަޑު ކުރާށެވެ.

ހަޒާޑްގެ ބައްޕަ ތިއޮރީ ހަޒާޑް ދާދި ފަހުން ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ރެއާލްގެ ހުށަހެޅުމަށް މަޑު ކުރުމުގެ ގޮތުން، ޗެލްސީގެ އާ ހުށަހެޅުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ ކުރިން، ދިން އިންޓަވިއުއެއްގައި، ހަޒާޑް ބުނެފައި ވަނީ، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާނަކީ އޭނާގެ ފުޓްބޯޅައިގެ އައިޑޮލް ކަމަށާއި ޒިދާންގެ ކޯޗު ކަމުގެ ދަށުން ކޮންމެވެސް ދުވަހަކު ކުޅުމަކީ އުންމީދެއް ކަމަށެވެ.

ހަޒާޑްއަށް އެންމެ ބޮޑު މުސާރަ ދޭން ހުށަހަޅައި އޭނާ އަށް އާ ކޮންޓްރެކްޓެއް ދިނުމުގެ ވާހަކަތައް ކުރިއަށް ގެންދިޔައީ ޗެލްސީގެ އޯނަރު ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރޮހިމޮވިޗްގެ ސީދާ ބެލުމުގެ ދަށުންނެވެ. ހަޒާޑް އަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ ހަފުތާއަކު 200000 ޕައުންޑެވެ. ޗެލްސީން ހުށަހަޅަނީ އޭނާއަށް 300000 ޕައުންޑް ދޭ ގޮތަށެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ އަށް މުސާރައިގެ ގޮތުގައި ހަފުތާއަކު ލިބެނީ 290000 ޕައުންޑެވެ. ހަޒާޑް، ޗެލްސީއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރޭ ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑިއާގައި ވާހަކަ ދައްކަމުން، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ، ހަޒާޑް އަކީ ޗެލްސީގެ ޓީމަށް ކޮމިޓްމެންޓް ދޭނެ ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާ ޗެލްސީގައި ހުންނާނެ ކަމުގެ އުންމީދު ކޮންޓޭއަށް އެބައޮތެވެ.