ފިނިޕޭޖް

މިރޭގެ ޝޯ އަށް ރާހަތު ފަތެހު ވެސް އަތުވެއްޖެ

އާ އަހަރު ފެށުން ފާހަގަކުރަން މިރޭ ބާއްވާ "ވެލްކަމް 2018" ޝޯ އަށް ރާއްޖެ އަންނަން ހަމަޖެހިފައިވާ ޕާކިސްތާނުގެ ލަވަ ކިޔުންތެރިޔާ ރާހަތު ފަތޭ އަލީ ހާން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާ އާ ވާހަކަ ދައްކަމުން ރާހަތު ބުނީ މިރޭގެ ޝޯގައި އޭނާގެ ރީތި ލަވަތަކެއް އިވިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި "މޭރި ރަޝްކޭ ކަމަރް" ފަދަ ލަވަތައް އިވިގެންދާނެ ކަމަށެވެ. އަދި ބޮލީވުޑް ލަވަތަކާއި އެހެންވެސް ރީތި ލަވަތަކެއް އިވިގެންދާނެ ކަމަށެވެ. ރާހަތު އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ބޮޑުބެރުން މަރުހަބާ ކިޔާފަ އެވެ.

މިރޭގެ ޝޯގައި ރާހަތު ފަތެހު އަދި މީކާ ސިންގު އާ ދެ ލަވަ ކިޔުންްތެރިން އެކުގައި ވެސް ލަވަ ހުށަހަޅައިދޭނެ އެވެ. އަދި ބޮޑުބެރުގެ ރީތި ލަވަތަކެއް ވެސް އޮންނާނެ އެވެ. އާ އަހަރު ޝޯ އަށް މީކާ ސިންގު އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.

ރާހަތު ވަނީ އޭނާގެ ޝޯއަށް ވީހާވެސް ގިނަ ދިވެހިން ދިއުމަށް އެދިފަ އެވެ.

މިރޭގެ ޝޯ އާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ އާ އަހަރު ޝޯ އަށް ރާއްޖެ އަންނަން ހަމަޖެހިފައިވާ ހުރިހާ ތަރިން މިހާރު އައިސްފި ކަމަށެވެ. އެގޮތުން ޑާންސް ގްރޫޕްތައް ވެސް ރާއްޖެ އައިސް ޝޯ އަށް ރިހާސަލް ވެސް ކޮށްފި ކަމަށެވެ.

މިރޭ 7:30 ގައި ޝޯ އަށް މީހުން ވައްދަން ފަށާއިރު އޭރުން ފެށިގެން ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. ރާހަތު ފަތެހު އަދި މީކާ ސިންގުގެ ޕާފޯމަންސް ފެށޭނީ 9:00 ޖަހާއިރު އެވެ.

އެ ޝޯ އަށް ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ބިޕާޝާ ބާސޫ އަދި ކަރަން ސިންގު އަންނަން އޮތް ނަމަވެސް އެންމެ ފަހުވަގުތު ވަނީ ކެންސަލްވެފަ އެވެ.

އާ އަހަރު ޝޯ ޕީއެސްއެމްގެ ހުރިހާ ޗެނަލަކުން ވަގުތުން ދުރަށް ދައްކާނެ އެވެ. އެ ޝޯގައި ޓޫރިސްޓު ކައުންޓްޑައުން އަދި އާ އަހަރު ފެށުން ފާހަގަކުރަން ހަވާއެރުވުން ވެސް އޮންނާނެ އެވެ.