ހަބަރު

އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނަން: ގާސިމް

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތަކުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ އިދިކޮޅު ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތުގައި ގާސިމް ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންނާ ދުުރގައި އަދި ނުހައްގުން ކިތަންމެ ބޮޑު އަނިޔާތަކަކާއި ހިތްދަތިކަމެއް ތަހައްމަލު ކުރަން ޖެހުނު ނަމަވެސް އިސްލާހީ މަސައްކަތްތަކުގައި ދެމި ހުރުމަކީ އެމަނިކުފާނުގެ އަޒުމެއް ކަމަށެވެ. އަދި ގާސިމް ހުންނެވީ ދިވެހި ރައްޔިތުންގެ ހުވަފެންތަކާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިހުލާސްތެރިކަމާއެކު ވަރަށް ގާތުގައި ކަމަށެވެ.

ކުރިއަށް އޮތް އަހަރަކީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެންމެ މުހިންމު އަހަރު ކަމަށާއި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގަިއ ރައްޔޮތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ވެރިޔަކު އިންތިހާބު ކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ދެކޭ ހުވަފެނަކީ ރާއްޖެ މިއަދު ތަޖުރިބާ ކުރަމުންދާ ސިޔާސީ، އިޖްތިމާއީ، އިގްތިސޯދި އަދި ހާރިޖީ އެންމެހާ އަޑިގުޑަންތަކުން ވީހާވެސް އަވަހަކަށް އެރުން ކަމަށެވެ. ހުރިހާ އެންމެނަށް އަދުލު އިންސާފުގެ ޔަގީންކަން ލިބި ގާނޫނު އަސާސީން ލިބިދިނުމަށް ބަޔާންކުރާ އެންމެހާ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށެވެ.

ދީނީ ހިޔާލު ތަފާތުވުންތައް ނެތް، އިސްލާމީ އަގީދާގައި ސާބިތުކަންމަތީ ތިބި، އަމާންވެއްޓެއް ގާއިމްވެފައި އޮތުމާއި، ޒަމާނީ ތައުލީމް ހުރިހާ ކުދިންނަށް ލިބިދޭ ތަނަކަށް ރާއްޖެ ވުމަކީވެސް އާ އަހަރެއް ފެށޭއިރު ދިވެހިން ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. ފުރިހަމަ ސިއްހީ ނިޒާމެއްގެ ފަސޭހަކަން ލިބި ނާޖާއިޒް ފައިދާތަކުގެ އަޅުންނަށް ވުމަށް މަޖުބޫރު ނުކުރާ ހަރުދަނާ ޖީލެއް ބޮޑުކުރާ ތަނަކަށް ރާއްޖެ ވުން ކަމަށެވެ. އަދި ސަލާން ޖަހަން ނުޖެހި އަމއިްލަ ވަޒަނުގައި އުފާވެރި ކަންމަތީ އުޅެވޭ މީހަކަށް ވުމާއި، ތަހުޒީބު މުޖުތަމައު ތަކެކޭ އެއްގޮތަށް ޗުއްޓީތަކުގައި އާއިލާ އާއެކު ޗުއްޓީ ހޭދަކޮށްލަން އެކި ތަންތަނަށް ދިއުމުގެ ފުރުސަތު ލިބޭ ބަޔަކަށް ދިވެހިން ވުން ކަމަށެވެ.

އާ އަހަރުގެ މުނާސަބަތާއި ގުޅިގެން އެންމެހާ ދިވެހިންނަށް ތަހުނިޔާ ފޮނުވިއިރު ގާސިމް ހުންނެވީ ޖަރުމަނު ވިލާތުގަ އެވެ. ގާސިމް ޖަރުމަނަށް ވަޑައިގަތީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހުގަ އެވެ.