ހަބަރު

2018އަކީ ވެރިކަމުގެ އެންމެ ކާމިޔާބު އަހަރަށް ހަދާނަން: ރައީސް

ކުރިއަށް މި އޮތް 2018 ވަނަ އަހަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގަި އެންމެ ކާމިޔާބު އަހަރު ކަމުގައި ހެދުމަކީ އެމަނިކުފާނުގެ އަޒުމެއް ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ ފޮނުވާ ރައީސް ނެރުއްވި ހިތޯބުގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތަޖުރިބާގެ އަލީގައި، އާ އަހަރަކާ ސަރުކާރުން މިކުރިމަތިލަނީ އެ ހަތަރު އަހަރުން ކުރެ ފާއިތުވި ކޮންމެ އަހަރަކަށްވުރެ އެތައް ގުނައަކުން ކާމިޔާބީއާއި ކުރިއެރުން ގައުމަށް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.

ސަރުކާރުން ފަށާފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް މިފެށޭ އާ އަހަރު ނިމުމުގެ ކުރިން ނިންމައި، އެކަންކަމުގެ ލާބައާއި މަންފާ ދިވެހި ރައްޔިތުންނަށް ލިއްބައިދޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މި ސަރުކާރުގެ ފަސް އަހަރުގެ މެނިފެސްޓޯގެ ހުރިހާ ކަންތައްތަކެއް ފުރިހަމައަށް ނިންމުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރަކީ ސަރުކާރަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށެވެ. އަދި ގޮންޖެހުންތަކާއި ދަތި އުނދަގޫތައް އައީ އަހަރަކަށްވުރެ އަހަރެއް އިތުރުވެ އެތައް ގުނައަކަށް ބޮޑުވަމުން ކަމަށެވެ.

"އެހެންނަމަވެސް، މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ސާބިތުވެތިބެ އެ ގޮންޖެހުންތަކާ ކުރިމަތިލައި، ކާމިޔާބީގެ އައްސޭރިއަށް ވާސިލުވުމަށް މަގުފަހިކޮށްދީ އެތައް ގޮތަކުން ގައުމުގެ ކަންކަން ހަމަމަގަށް އެޅުވިފައިވާކަމުގެ ހިތްހަމަޖެހުމެވެ." ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވީ ގައުމެއް ހިންގުމުގައި ސަރުކާރަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، ގައުމުގައި ދިމާވާ އެކިއެކި މައްސަލަތަކާ އީޖާބީ ގޮތެއްގައި ކުރިމަތިލައި، ދަތި އުނދަގޫތަކުގެ ތެރެއިންނަމަވެސް އެކަންކަމުގެ ހައްލު ހޯދައިދެވުނުކަމުގެ ހިތްހަމަޖެހުން ކަމަށެވެ. އެގޮތުން ނިމިގެން މިދިޔަ 2017 ވަނަ އަހަރަކީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެއް ކަމަށެވެ.

"ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި އެތައް މަޝްރޫއުތަކެއް ނިންމައި އަދި އެތައް މަޝްރޫއުތަކެއް ފަށައިދިނުމުގެ އުފާ އަޅުގަނޑަށް ލިބިގެންދިޔަ އަހަރެކެވެ. ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން އެތައް ހާސް ވަޒީފާއެއް އިތުރުވެގެންދިޔަ އަހަރެކެވެ. ހަމައެހެންމެ، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރުމަށް ޒުވާނުންނަށް އެތައް ފަހި ފުރުސަތުތަކެއްވެސް ހޯދައިދެވުނު އަހަރެކެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވެފައިވެ އެވެ.